21 އޯގަސްޓް 2023 - 12:31

މެޑްރިޑް (އޯގަސްޓް 21) - ރެއާލް މެޑްރިޑްގެ ޗޭޖިން ރޫމަށް ކެމެރާ ވެއްދުން އެ ކްލަބުން މަނާ ކުރުމުން، 14 މިލިއަން ޑޮލަރު އެ ކްލަބަށް ނުލިބޭނެކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެފި އެވެ.
ލަލީގާގެ މެޗުތައް ޓީވީން ބަލާ މީހުންނަށް އިތުރަށް ޝައުގުވެރިކުރުމުގެ ގޮތުން އެ ލީގުން ވަނީ ޓީމުތަކއް މެޗުތަކަށް ތައްޔާރުވާ ގޮތް ދެއްކުމަށް ކްލަބްތަކުގެ ޗޭޖިން ރޫމްގެ މަންޒަރުތައް ދައްކަން ނިންމައިފަ އެވެ.
މި ބަދަލާ އެކު ލަލީގާ އަށް ބްރޮޑްކާސްޓިން ރައިޓްސްއިން ލިބޭ ފައިދާ އިތުރުވެ އެވެ. ކޮންމެ ކްލަބަކަށް ވެސް އިތުރު 14 މިލިއަން ޑޮލަރު ދޭ ގޮތަށް ލަލީގާއިން ވަނީ އާ ބަދަލާ އެކު ހަމަޖައްސައިފަ އެވެ.
ރެއާލުން އަކަމަށް ދެކޮޅު ހަދާތީ އެ ފައިސާ އެ ކްލަބަށް ނުލިބޭނެ އެވެ. އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ކެމެރާތައް ޗޭޖިން ރޫމަށް ވައްދައިގެން ފައިސާ ލިބުމަށް ވުރެ އޭނާގެ މުސާރަ ކުޑަކުރަން ވެސް އޭނާ އެއްބަސްވާނެ ކަމަށެވެ. މި މައްސަލައިގައި ލަލީގާ ގޮވައިގެން ކޯޓަށް ދިއުމަށް ރެއާލުން ވަނީ ނިންމައިފަ އެވެ.
"ކެމެރާ އަށް ނުވަދެވޭނެ، އެކަމަށް ދެކޮޅު ހެދުމުގެ އިހްތިޔާރު އަހަރެމެންނަށް އޮންނާނެ. އެމީހުން އަންނަން ޖެހިއްޖެ ނަމަ، އަހަރެން އިސްކަންދޭނީ މުސާރަ ކުޑަކުރުން," އަންޗެލޮޓީ ބުންޏެވެ.
އެހެން ކްލަބްތަކުން އެއްބަސްވިޔަސް އެ ކްލަބްތަކުގެ ބައެއް ކުޅުންތެރިން އެ ނިންމުމާ ދެކޮޅެވެ. އެތުލެޓިކް ބިލްބާއޯގެ ކީޕަރު އުނައި ސިމޯން ބުނީ ކެމެރާތައް ޗޭޖިން ރޫމަށް ވައްދައިގެން ތިބެން ފަސޭހަ ނޫން ކަމަށެވެ.
ރެއާލް މަލޯރްކާގެ ކޯޗު ހާވިއޭ އަގުއިރޭ ބުނީ ފައިސާ އަށްވުރެ އެހެން ކަންކަމަށް ލަލީގާއިން އިސްކަން ދޭން ޖެހޭނެ ކަމަށެވެ.