21 އޯގަސްޓް 2023 - 09:43

ރައްޔިތުންގެ މަޖިލީހުގެ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް މިހާތަނަށް ހުށަހަޅާފައިވަނީ ޑިމޮކްރެޓްސް ޕާޓީގެ އެންމެ ތިން މެންބަރުން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ މިހާތަނަށް ޑިމޮކްރެޓްސް އާ ގުޅުނުކަން މަޖިލީހަށް އަންގާފައިވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ އިތުރުން މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ކަމަށެވެ.
ނަޝީދު ވަނީ ޕާޓީއަށް އަލަށް ގުޅިވަޑައިގަންނަވާ މެންބަރުން ލަސް ނުކުރައްވާ އެކަން މަޖިލީހުގެ އިދާރާއަށް އެންގެވުމަށް އެދިވަޑައިގެންފަ އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މެންބަރަކު ޕާޓީ ބަދަލުކުރެއްވި ނަމަވެސް، އެ ބަދަލު މަޖިލީހުގެ ޕާޓީތަކުގެ ދަފްތަރަށް އަންނާނީ އެ މެންބަރުން އަމިއްލައަށް މަޖިލީހަށް ސިޓީއަކުން އެންގެވުމުންނެވެ.
ނަޝީދު ހިމެނިވަޑައިގަންނަވާހެން، 14 މެންބަރަކު ވަނީ އަލަށް އުފެއްދި ޑިމޮކްރެޓްސް އަށް ސޮއިކުރައްވައިފަ އެވެ. ދާއިމީ ކޮމިޓީތައް ފާސްކުރި ފަހުން، އޭރު މިނިވަން މެންބަރުންގެ ގޮތުގައި ތިއްބެވި ބައެއް މެންބަރުން އެ ޕާޓީއަށް ސޮއިކުރެއްވުމާ ގުޅިގެން އާ ދައުރުގެ ފުރަތަމަ ޖަލްސާގައި ވެސް ތާވަލުކޮށްފައި އޮތީ ދާއިމީ ކޮމިޓީތަކުގެ މައްސަލަ އެވެ.
ނަމަވެސް ޑިމޮކްރެޓްސްއަށް ދެން ސޮއިކުރެއްވި މެންބަރުން އެކަން އަންގަވާފައިނުވާތީ، ދާއިމީ ކޮމިޓީތަކުގެ މައްސަލަ އަނެއްކާ ވެސް ދިގުލައިގެން ދާނެ އެވެ.
"އެހެން ހެއްދެވެމުން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް އީވާ އަބްދުﷲ އާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ ވެސް ދާއިމީ ކޮމިޓީތައް އެކުލަވާލެވި ޕާޓީތަކަށް ބަހުސްގެ ވަގުތު ކަނޑައެޅުމުން ކަމުގައި ވެސް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ އާ މައިނޯރިޓީ ޕާޓީއަކީ މިހާރު ޑިމޮކްރެޓްސް އެވެ. އެކަމަކު އެކަން މަޖިލީހުން ރަސްމީކޮށް ބަލައިގަންނާނީ، އެ ބަދަލު މަޖިލީހުގެ ރިޔާސަތުން އިއުލާނު ކުރައްވައި، މަޖިލިސް ތަމްސީލުކުރާ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުނުމުންނެވެ.
މަޖިލީހުގައި މިހާރު ހިމެނެނީ އެމްޑީޕީގެ 56، ޑިމޮކްރެޓްސްގެ 3، ޕީޕީއެމްގެ 5، ޕީއެންސީގެ 3، އެމްއެންޕީގެ 3، ޖުމްހޫރީ ޕާޓީގެ 2، އެމްޑީއޭގެ 2 އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 11 މެންބަރުންނެވެ.