އުސްމާން އަބްދުﷲ އަވަހާރަވެއްޖެ
އުސްމާން އަބްދުﷲ އަވަހާރަވެއްޖެ

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އުސްމާން އަބްދުﷲ ރޭ ފަތިހު އަވަހާރަވެއްޖެ އެވެ.

އާއިލާގެ މީހަކު ބުނީ، އުމުރުން 85 އަހަރުގައި އުސްމާން އަބްދުﷲ އަވަހާރަވީ ފަތިސްނަމާދު ކުރައްވަން ވުލޫއު ކުރައްވައިގެން ނަމާދަށް ތައްޔާރުވިތަނާ ކަހަލަ ގޮތަކަށް ކަމަށެވެ.

"ބަންގި ގޮވީމާ ވުލޫއު ކުރައްވައިގެން ވަޑައިގެން އެނދުގައި އޮށޯވެވަޑައިގަތީ. ދައްތަ ނަމާދު ކުރައްވައިގެން ވަޑައިގެން [ބޭބެ] ނަމާދު ނުކުރައްވާ އޮތީމާ ބެއްލެވިއިރު އޮތީ އަވަހާރަވެފައި. އޭރު އޮތީ އެނދުގައި އޮށޯވެވަޑައިގެން،" އާއިލާގެ މީހަކު ބުންޏެވެ.

ށ. މަރޮއްޓަށް އުފަން އުސްމާން އަބްދުﷲ އަކީ އޭނާގެ އުމުރުގެ ވަރަށް ކުރީކޮޅުން ފެށިގެން ދީނީ މައުލޫމާތު ފެތުރުއްވުމުގަ އާއި އިސްލާމްދީނުގެ ކަންކަން ދިވެހިންނަށް ދަސްކޮށްދެއްވުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި އިލްމުވެރިއެކެވެ. ހާއްސަކޮށް ޒަކާތާ ބެހޭ ކަންކަން އޮޅުން ފިލުވުމައި ދިނުމުގައި އޭނާ އަދާކުރައްވާފައި ވަނީ މިހާތަނަށް އެއްވެސް ދިވެއްސެއްހެ ފަރާތުން ނުފެންނަ ވަރުގެ މުހިންމު ދައުރެކެވެ. އާންމުންގެ މެދުގައި އުސްމާން އަބްދުﷲ ބޮޑަށް މަޝްހޫރު ވެފައި ވަނީ ވެސް ޒަކާތާ ބެހޭ ކަންކަން އޮޅުން ފިލުވައި ދެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ޒަކާތް ދިނުމުގެ މުހިންމު ކަމުގެ މައްޗަށް ފޮތްތައް ލިޔުއްވައި މިސްކިތްތަކުގައި އެ މައުލޫއުގެ މައްޗަށް ވަރަށް ގިނައިން އޭނާ ދަރުސް ދެއްވި އެވެ.

އުސްމާން އަބްދުﷲ އަށް ދައުލަތުން ވަނީ އިސްލާމްދީން އުނގަންނައި ދެއްވުމާއި ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު 2012 ގައި ދީފަ އެވެ.

އޭނާ ވަނީ ޒަކާތާ ބެހޭ އޮފީހާއި ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގަ އާއި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގަ އާއި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިހުގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފަ އެވެ.

އުސްމާން އަބްދުﷲ އަކީ މޭ 2020 ގައި އަވަހާރަވި، އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ ގެ އެއްބަނޑުއެއްބަފާ ކޮއްކޮ އެވެ.