އައިއޯއައިޖީގައި ގައުމީ ދިދަ އުފުލުމުގެ ޝަރަފް ދީމާ އާއި ފާއީ އަށް
އައިއޯއައިޖީގައި ގައުމީ ދިދަ އުފުލުމުގެ ޝަރަފް ދީމާ އާއި ފާއީ އަށް

ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ ދިދަ އުފުލުމުގެ ޝަރަފް، ޓީޓީގެ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ އާއި ޓެނިހުގެ ގައުމީ ޗެމްޕިއަން މުހައްމަދު ފާއިހް ފަޒީލް (ފާއީ) އަށް ދިނުމަށް އޮލިމްޕިކް ކޮމިޓީން ނިންމައިފި އެވެ.

އައިއޯއައިޖީގައި ގައުމީ ދިދަ އުފުލުމުގެ ޝަރަފް ދީމާ އާއި ފާއީ އަށް
އައިއޯއައިޖީގައި ގައުމީ ދިދަ އުފުލުމުގެ ޝަރަފް ދީމާ އާއި ފާއީ އަށް

ކުރިން ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިފައި އޮތް މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އޮންނާނީ މި މަހު 25 ން އަންނަ މަހު ތިނަކަށް މަޑަގަސްކަރައިގަ އެވެ.

ދީމާ ވަނީ 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި ގޭމްސްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވެސް ދިދަ އުފުލައިފަ އެވެ. މިއީ އައިއޯއައިޖީގައި ކޮންމެ ގައުމަކުން ވެސް ދެ އެތުލީޓުން ދިދަ އުފުލާނެ ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ އޮލިމްޕިކްގެ މައި ފެޑެރޭޝަނުން 2020 ގައި ނިންމާފައި ވަނީ ބައިނަލްއަގުވާމީ ގޭމްސްތަކުގެ ފެށުމުގެ އަދި ނިންމުމުގެ ރަސްމިއްޔާތުގައި ދިދަ އުފުލުމުގެ ޝަރަފް އަންހެން ފިރިހެންގެ ތެރެއިން ދެ އެތުލީޓުންނަށް ދިނުމަށެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދީމާ އަށް ދިދަ ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ފާއީ ރަށުގައި ނެތުމުން މިއަދު އޭނާ އަށް ދިދަ ހަވާލުކޮށްފައެއް ނުވެ އެވެ. މިއީ ބައިނަލްއަގުވާމީ ގޭމްސްއެއްގައި ރާއްޖޭގެ މިވަގުތު ހުރި އެއްވަނަ ޓެނިސް ކުޅުންތެރިޔާ ފާއީ ދިދަ އުފުލާ ފުރަތަމަ ފަހަރެވެ.

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި ބޭއްވި ވޯލްޑް އެކްސްޕޯގައި ވެސް ރާއްޖޭގެ ގައުމީ ދިދަ އުފުލީ ދީމާ އެވެ. އެ ފުރުސަތު ދީމާ އަށް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ނިންނީ އުމުރުން ހަގު އަދި ކުޅިވަރުގައި ގިނަ ކާމިޔާބުތަކެއް ހޯދައިފައިވާ އަންހެން އެތުލީޓަކަށް އޭނާ ވުމުންނެވެ.