ދިރާގު މޯލްޑިވްސް ރޯޑް ރޭސް އޮކްޓޯބަރު 27 ގައި
ދިރާގު މޯލްޑިވްސް ރޯޑް ރޭސް އޮކްޓޯބަރު 27 ގައި

ދިރާގުން ބާއްވާ ބޮޑު މެރަތޮން، "ދިރާގު ރޯޑް ރޭސް" އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ދިރާގުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާރކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މި ފަހަރުގެ ރޯޑް ރޭހުގައި ކުރިއަށްވުރެ ބޮޑެތި ފައިސާގެ އިނާމުތައް ހުށަހަޅާފައި ވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކުލަގަދަ ހަރަކާތްތަކެއް ވެސް ހިމެނޭ މި ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތު ވެސް މިފަހަރު ބައިވެރިންނަށް ލިބޭނެ އެވެ.

މި ރޭހަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމައުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުންކަން ވެސް މިރްޝާން ފާހަގަކުރެއްވި އެވެ.

މި ދުވުމުގައި މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވެވޭނެ އެވެ.

މި ދުވުމަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވާލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.

ދިރާގުން މި ދުވުން ބާއްވަނީ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްގެންނެވެ. މި ދުވުމުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ދުވުމުގައި ދިރާގުން އެންޑޯސްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް އެ ފަރާތްތަކުން ރާވާފައިވާ ހަރަކާތްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ފައިސާގެ އެހީތެރިކަން ދިރާގުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100ރ. އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެންޑޯސްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނީ މާދަމާ އެވެ.