މަސްތުގެ ހާލަތުގައި ކުރިން ނުފެންނަ އަލާމާތްތަކާ އެކު ޑޮކްޓަރަށް ދައްކާ މީހުން ގިނަވެއްޖެ
މަސްތުގެ ހާލަތުގައި ކުރިން ނުފެންނަ އަލާމާތްތަކާ އެކު ޑޮކްޓަރަށް ދައްކާ މީހުން ގިނަވެއްޖެ

މަސްތުގެ ހާލަތުގައި ކުރިން ނުފެންނަ ނުރައްކާތެރި އަލާމާތްތަކާ އެކު ޑޮކްޓަރަށް ދައްކާ މީހުން ގިނަވަމުންދާތީ އައިޖީއެމްއެޗްގެ ނަފްސާނީ ބަލީގެ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އައިޖީއެމްއެޗްގެ ސައިކޭޓްރިސްޓް، ޑރ. އާރިފް މުހައްމަދު ފޭސްބުކްގައި ވިދާޅުވީ ސްޓިމިއުލެންޓް އެބިއުސްއާ ގުޅުންހުރި އަލާމާތްތަކާ އެކު ޑޮކްޓަރަށް ދައްކަން ގެންނަ މީހުން އިތުރުވަމުންދާތީ، އެ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ސައިކޭޓްރިސްޓުން ކަންބޮޑުވެފައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މީހުންގެ ކިބައިން ފެންނަމުންދަނީ އެހެން މީހުންނަށް ނުރައްކާވާ ފަދަ "އެގްރެސިވް" އަމަލުތަކެކެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިއީ ސަޕްލައި ނުވަތަ ޑްރަގުގެ ބާރު ގަދަވުމާ ގުޅިފައިވާ ކަމެއް ކަމަށް ބެލެވެ އެވެ.

"ގިނަ ބަޔަކު ދެކޭ ގޮތުގައި ސްޓިމިއުލެންޓްސް އަކީ ގެއްލުމެއް ނެތް އެއްޗެއް. އެކަމަކު ހަގީގަތަކީ އޭގެ ސަބަބުން ސިއްހީ، ނަފްސާނީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭ. އޮޕިއޮއިޑްސް ފަދަ އެހެނިހެން މާއްދާތަކާ އެއްކޮށް ބޭނުންކުރުމުން މިކަން މާ ގޯސްވޭ،" އާރިފްގެ ޕޯސްޓުގައިވެ އެވެ.

މައުލޫމާތު އެނގޭ މީހަކު ބުނީ މަސްތުގެ ހާލަތުގައި ތިބެ، އެހެން މީހުންގެ ގަޔަށް ކުޅު ޖަހައި، ތަކެއްޗަށް ގެއްލުންދީ، ހުތުރު ބަހުން އަޑުގަދަކުރުން ފަދަ އަމަލުތަކާ ގުޅިގެން ކޮންމެ ދުވަހަކު ވެސް ދެ ތިން މީހުން މި ފަހަކަށް އައިސް ހޮސްޕިޓަލުގެ އެމަޖެންސީ ގެންނަ ކަމަށެވެ.

އެ ތަނަށް ގެންދިއުމުން ނަރުހުންނާއި ޑޮކްޓަރުން ގަޔަށް ކުޅު ޖަހައި ހަމަލާދީ ތަކެއްޗަށް ގެއްލުން ދިީފައިވާ ކަމަށް ވެސް ބުންޏެވެ.

"ކުރިން ދުވަހަކު ގެނައި މީހެއް ވެސް ހޮސްޕިޓަލްގެ ތެރޭގައި ހުރި އެއްޗެހި އުކައި، މުޅި ތަނުގައި ދުވެ އުޅުނީ. ސެކިޔުރިޓީންނަށް ވެސް އެ މީހާ އާ ގާތްވާން ވެސް ނުކުރެނު،" އޭނާ ބުންޏެވެ.

މި ކަމާ މެދު ޑޮކްޓަރުން ކަންބޮޑުވުންފާޅުކޮށްފައި ވިޔަސް، ކަމާ ގުޅުންހުރި އިދާރާއަކުން މިފަދަ ކަމެއް ފާހަގަވާ ކަމެއް އަދި ބުނެފައެއް ނުވެ އެވެ.