19 އޯގަސްޓް 2023 - 23:15

މާލީ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީ ފޯރުކޮށްދޭން "އުއްމީދުގެ ފަންޑު" ގެ ނަމުގައި އެއް ބިލިއަން ރުފިޔާގެ ފަންޑެއް ވެރިކަން ލިބިއްޖެ ނަމަ ހުޅުވާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިރޭ އިއުލާން ކުރައްވައިފި އެވެ.

އޭނާގެ ވެރިކަމެއްގައި މާލެ އަށް ގެންގުޅުއްވާ ސިޔާސަތު ހާމަކުރުމަށް އެ ޕާޓީން ބޭއްވި ޖަލްސާގައި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ، ފުދުންތެރިކަން ނެތް މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެކަމަށްޓަކައި "އުއްމީދުގެ ފަންޑު" ހުޅުވާނެ ކަމަށް ވިދާޅުވި އެވެ.
އެއް ބިލިއަން ރުފިޔާގެ އެ ފަންޑުގެ ބޭނުމަކީ ނާޒިމް ވިދާޅުވި ގޮތުގައި، ބިކަ ހާލުގައި އުޅޭ މީހުންނާއި ބޭސްފަރުވާގެ ކަންކަން ހަމަނުޖެއްސޭ މީހުންނާއި ކުލި ދެއްކުމާއި ބިލްތައް ދެއްކުމަށް އެހީ ބޭނުންވާ މީހުންނަށާއި ދިރިއުޅުމުގެ ހަރަދު ހަމަޖައްސަން ދަތިވެފައިވާ މީހުންނަށް އެ ކަންކަން ކޮށްދިނުމެވެ.
ނާޒިމްގެ ކެމްޕެއިންގެ ޓީމުން ބުނީ، އެ ފަންޑުގެ އެހީތެރިކަމަށް އެދި ހުށަހަޅާ ތަރުތީބުން، ފަންޑު ހުސްވަންދެން ފައިސާ ދޫކުރާނެ ކަމަށެވެ. އެއީ ނާޒިމްގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ވެސް ހުޅުވާލާނެ ފުރުސަތެއް ކަމަށް ބުންޏެވެ. ފަންޑުގައި ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ވެސް އެ ޕާޓީން ވަނީ އޮންލައިންކޮށް އަދި ފޯނު މެދުވެރިކޮށް ހުޅުވާލައިފަ އެވެ.
"މި ފަންޑު އެކުލަވާލަން އެންމެ މުހިންމު ކަމެއް ކަމަށް ފެނުނީ ރަށްރަށަށް ދެވުނީމާ އަދި މާލޭގެ ގޭގެ އަށް ދެވުނީމާ އެ މީހުން އެ ކުރި ޝަކުވާތަކާއި އެ މީހުންގެ ކަރުނަތައް އަޅުގަނޑަކަށް ކެތެއް ނުވި. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތަކީ ސަރުކާރަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ބޭނުން ކުރަން ވާނީ ނިކަމެތިމީހާ އަށް،" ދަނގެތި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވި އެވެ.
"އެއީ މި ފަންޑު ހުޅުވުމުގެ ބޭނުމަކީ."
ނާޒިމް ވިދާޅުވި ގޮތުގައި ފަންޑުން ކޮންމެ ދިވެއްސަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އިސްކަންދޭ ތަރުތީބުން އެ ކަން ހާސިލް ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
"ޒައާމަތާ ހަވާލުވާ ދުވަހުން ފެށިގެން މި ކަން ތަންފީޒު ކުރާނެ ވާހަކަ ދަންނަވާލަން ބޭނުންވޭ،" ނާޒިމް ވިދާޅުވި އެވެ.
"އުޖާލާ ޒަމާން" އަކަށް ދިޔުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ނާޒިމް ވިދާޅުވީ އޭނާގެ އަމާޒަކީ ރައްޔިތުންގެ ދިރިއުޅުން އާބާދުކޮށްދިނުން ކަމަށެވެ. އޭނާ ވެރިކަމަށް ކުރިމަތިލެއްވީ. ދިވެހިންނަށް އުފާވެރި ދުވަސްތަކެއް ހޯދައިދީ، ހައްލުތަކެއް ހޯދައިދިނުމަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އުއްމީދެއް އެބައޮތް. އަޅުގަނޑުގެ ހުވަފެނެއް އެބައޮތް. ދިވެހި ރައްޔިތުން، އަޅުގަނޑުގެ ތަސައްވަރެއް އެބައޮތް. އަޅުގަނޑު މި ހުށަހަޅަނީ ދިވެހިންނަށް ހައްލުތަކެއް، ދަރިންގެ ދަރިންނަށް ހައްލުތަކެއް. އަޅުގަނޑު އިސްކުރާނީ މި ގައުމު،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި ރާއްޖޭގެ މިނިވަންކަމާ ކުޅެން އެއްވެސް ބަޔަކަށް ޖާގައެއް ނުދޭނެ ކަމަށެވެ. މި ސަރަހައްދުގައި ރާއްޖެ ބާރުވެރިކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިންގެ އަޑު ގުގުމާލާނެ ކަމަށް ވިދާޅުވި އެވެ. އާމްދަނީ ދެގުނަކޮށް، އިގުތިސޯދު މިނިވަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މިނިވަންކަން ގެއްލޭ ގޮތަށް ހުރި އެއްބަސްވުންތައް އުވާލައި ނުއަގުގައި ދޫކޮށްފައިވާ ދިވެހިންގެ މުދާ އަނބުރާ ހޯދުމަކީ ނާޒިމްގެ ލިސްޓުގެ އެންމެ ކުރީގައިވާ ކަންތައްތަކެވެ.
އޭގެއިތުރުން، ބޭރުގެ ސިފައިން ބޭރުކޮށް ކަނޑުތަކާއި ބިންތައް އެންމެ ފުރިހަމަ ގޮތުގައި މިނިވަން ކުރާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވާނެ. ވާނެ. ދިވެހިންނަށް ވާނެ،" ނާޒިމް ވިދާޅުވި އެވެ.