ރައްޔިތުން ހައްދަން ބޭކާރު ވާހަކައެއް ނުދައްކާނަން: މުއިއްޒު
ރައްޔިތުން ހައްދަން ބޭކާރު ވާހަކައެއް ނުދައްކާނަން: މުއިއްޒު

ރިޔާސީ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގެން އޭނާ ވަމުން ގެންދަވާ ވައުދުތައް މާ ގިނަ ކަމަށް ބުނެ ބަޔަކު އެކަމާ ސުވާލު އުފެއްދިޔަސް، އެއީ ރައްޔިތުން ހައްދަން ބޭކާރު ވާހަކަ ދައްކަވާނެ ބޭފުޅެއް ނޫން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުން ހައްދަން ބޭކާރު ވާހަކައެއް ނުދައްކާނަން: މުއިއްޒު
ރައްޔިތުން ހައްދަން ބޭކާރު ވާހަކައެއް ނުދައްކާނަން: މުއިއްޒު

މުއިއްޒު ވ، މ، ފ އަދި ދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ނިންމާލުމަށް ފަހު މިރޭ ކ. ގުރައިދޫގައި ބޮޑު ޖަލްސާއެއް ބޭއްވި އެވެ. އެ ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ގުރައިދޫ ދާއިރާގެ ހިމެނޭ މާފުއްޓާއި ގުޅީގައި ތިބި މުއިއްޒުގެ ސަޕޯޓަރުން ވެސް ބައިވެރިވި އެވެ.

އެ ޖަލްސާގައި މުއިއްޒު ވިދާޅުވީ ރަށްރަށަށް ވަޑައިގެން އޭނާ ވަމުން ގެންދަވާ ވައުދުތައް މާ ގިނައޭ ބައެއް މީހުން ބުންޏަސް، އެއީ މާ ގިނަ ވައުދުތަކެއް ނޫން ކަމަށާއި ގިނަ ކަމަށް ފެންނަނީ މިހާތަނަށް އައިރު ވެސް އެ މަސައްކަތްތައް ރަށްރަށުގައި ނުކުރެވި އޮތުމުން ކަމަށެވެ.

"އެހެން ނަމަވެސް، އެކަންކަން ކުރެވޭ ވަރަށް ދައުލަތަށް ފައިސާ ވަދޭ، އާމްދަނީ ލިބޭ. އެ އާމްދަނީ އިސްރާފުކުރާތީ، އެ ހީވަނީ އެ ލިބޭ ފައިސާ އިން ނުވާނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަސް އަހަރުގެ ދައުރެއް މި ނިންމާލަނީ ދައުލަތުގެ ފައިސާ އިސްރާފުކޮށްފަ އެވެ. މި ސަރުކާރުން ދައުލަތުގެ ފައިސާ އަށް ހިޔާންތެރިވެފައިވާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"ކޮވިޑުގެ ތެރޭގައި ދިޔަ ދުވަސްތަކުގައި އެ ގެއްލުވާލި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް، އެތައް ބިލިއަން ރުފިޔާއެއް ވީ ގޮތެއް އަދިވެސް ކިޔައި ނުދޭ. އެހެންވީމާ ލިބޭ ފައިސާ އިން ރަނގަޅު ގޮތުގައި ރަނގަޅަށް އެ ފައިސާ ހަރަދުކުރާ ނަމަ މިހިރަ ކަންކަމަކީއެއް މާ ގިނަ ކަންކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

ބޮޑެތި މަޝްރޫއުތަކުގެ ވާހަކަ އޭނާ ދައްކަވާފައި ހުންނާނީ، އެ ކަންކަމާ ގުޅޭ ކުންފުނިތަކުން އިންވެސްޓުކޮށްގެން ނުވަތަ ލޯނު ދައްކައިގެން ހިންގޭނެ ކަންކަމަށް ވާތީ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި، އެ ހުރިހާ ކަމެއް ކުރެވޭނެ ކަމުގެ އެންމެ ބޮޑު ޔަގީން ކަމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުން ވައުދު ފުއްދަން އޭނާ ދަސްކުރައްވާފައިވުމެވެ.

"އަޅުގަނޑެއް މިތާކަށް އަރާ ނުދަންނަވާނަން ނުކުރެވޭ ވަރު ކަމެއްގެ ވާހަކައެއް. އަދި އެކަން ކުރާނެ ގޮތް ނޭނގި މި ވާހަކައެއް ނުދައްކާނަން،" އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ހައްދާށޭ ކިޔާފައި މިތަނަކަށް އަރައެއް ނުދައްކާނަން އެ ކަހަލަ ވާހަކައެއް."

މިިރޭގެ ޖަލްސާގައި މުއިއްޒު ވަނީ ގުރައިދު އާއި މާފުށި އަދި ގުޅީގެ ރައްޔިތުންނަށް ވެސް ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ވައުދުތަކަކީ:

• ގުރައިދު އާއި މާފުށީގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށްރަށުގެ ހިއްކި ބިމަށް ބަދަލު ގެނެސް އަދިވެސް ބިން އިތުރުކުރުން.

• ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުން.

• ގުރައިދު އާއި ގުޅީގެ ބަނދަރު އަޕްގްރޭޑްކުރުން.

• ގުރައިދޫ ސްކޫލްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށްދިނުން.

• ރަށެއްގައި ބަހައްޓާ ފުރަތަމަ ޑޮލަރު އޭޓީއެމް މާފުށީގައި ބެހެއްޓުން

• މާފުށީގެ މަގުތަކުގައި ތާރުއެޅުން.

• މާފުށީގައި ފެރީ ޓާމިނަލެއް ހެދުން.

• ތިން ރަށުގެ ރަށް ގިރުމުގެ މައްސަލަ އާއި ކުނީގެ މައްސަލަ ހައްލުކޮށްދިނުން.

ޑރ. މުއިއްޒު ގުރައިދު އަށް ވަޑައިގަންނަން ތައްޔާރު ވެފައި ވަނިކޮށް، ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި އެ ރަށުގައި ބޮޑު ހަމަނުޖެހުމެއް މިއަދު ހަވީރު ހިްގައި ދެ ޕާޓީގެ ދެ ސަޕޯޓަރެއްގެ ބޯ ވަނީ ފަޅާލައިފަ އެވެ. އެ މައްސަލާގައި އުމުރުން 22 އަހަރުގެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.