20 އޯގަސްޓް 2023 - 08:04

ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް ލީޑު ރޯލު ކުޅޭ "ގަދަރު 2" ބޮޑު ރެކޯޑެއް ހަދައިފި އެވެ.
އެ ފިލްމަށް އެންމެ ހަފުތާއެއްގެ ތެރޭގައި މިހާރު ވަނީ އިންޑިއާގެ ބޮކްސް އޮފީހުގައި 300 ކްރޯޑް ރުޕީސް ލިބިފަ އެވެ. އެއީ މި މަހު 11 ގައި ރިލީޒްކުރި ފިލްމަށް މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ލިބުނު އާމްދަނީ އެވެ. އިއްޔެ ނިޔަލަށް ލިބުނު އާމްދަނީއާ އެކު އިންޑިއާގެ ބޮކްސް އޮފީހުގައި އެ ފިލްމަށް 335 ކްރޯޑް ރުޕީސް ވަނީ ލިބިފަ އެވެ.
މިއީ ސަނީ ޑިއޯލްގެ ދިގު ފިލްމީ ކެރިއަރުގައި އޭނާގެ އެންމެ ކާމިޔާބު ފިލްމަށް މިހާރު ވަނީ ވެފަ އެވެ. އޭނާގެ ފިލްމެއް 300 ކްރޯޑް ރުޕީސް ހޯދި ވެސް މިއީ ފުރަތަމަ ފަހަރެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމުގެ އަމާޒު މިހާރު ހުރީ މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދައިގެން، އެންމެ ކުރީގައި އޮތް ބޮލީވުޑް ފިލްމު، ޝާހްރުކް ހާންގެ "ޕަތާން"ގެ ޖާގަ ފަތަހަ ކުރުމަށެވެ. "ޕަތާން" އަށް ވަނީ 500 ކްރޯޑް ރުޕީސް ލިބިފަ އެވެ. މި އަހަރު އެ ހިސާބަށް އަދި އިތުރު އެއްވެސް ފިލްމަކަށް ނުދެވެ އެވެ.
އަނިލް ޝަރުމާ ޑައިރެކްޓުކުރި "ގަދަރު 2" އަށް ކްރިޓިކުންނާއި އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.
އިންޑިއާ-ޕާކިސްތާނުގެ ހަނގުރާމައިގެ ދުވަސްވަރު އުޅުނު ދެ ލޯބިވެރިންގެ ދިރިއުޅުން ދައްކާ "ގަދަރު"ގެ ފުރަތަމަ ފިލްމު ނުކުތީ 2001 ވަނަ އަހަރެވެ. ފުރަތަމަ ފިލްމުގައި ވެސް ލީޑު ރޯލު ކުޅުނީ ސަނީ އާއި އަމީޝާ އެވެ. އެ ފިލްމަށް ވެސް ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ލިބުނެވެ.
ދެވަނަ ބައިގައި ގެނެސްދެނީ އޭގެ 23 އަހަރު ފަހުން އެ މީހުންގެ ދިރިއުޅުމެވެ.