19 އޯގަސްޓް 2023 - 11:36

ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ، 12 އަހަރުން ދަށުގެ އެކަޑަމީތަކުގެ ފުޓްބޯޅަ މުބާރާތް ފޯރިއާ އެކު ކުރިއަށް ދެ އެވެ.

އިއްޔެ ފެށި މުބާރާތުގައި މިއަދު ކުރިއަށް ދަނީ، ނޮކައުޓް ބުރުތަކެވެ. އިއްޔެ ކުރިއަށް ގެންދިޔައީ ގުރޫޕް ސްޓޭޖެވެ.

ޖުމުލަ 106 މެޗު ކުޅެން ހަމަޖެހިފައިވާ މުބާރާތުގައި 22 އެކަޑަމީ އަކުން ވާދަ ކުރެ އެވެ. މުބާރާތުގައި ދެވަނަ ބުރަށް ދަތުރު ކުރީ ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ.
ހެނދުނު 7 ޖެހި އިރު ނޮކައުޓް ބުރު ފެށީ ދެވަނަ ބުރުންނެވެ. މުބާރާތުގެ ފައިނަލު މެޗު އޮންނާނީ މިއަދު ހަވީރު އެވެ.
ގްރާސްރޫޓް ފުޓްބޯޅަ އަށް ހާއްސަކޮށް އިވެންޓްތައް ބާއްވާ ސޮކަ ވެޓަރަންސްއިން ވަނީ އިތުރު ދެ މުބާރާތެއް މި އަހަރު ބާއްވަން ހަމަޖައްސައިފަ އެވެ.
އެއީ ގްރޭޑް 3 އަދި ގްރޭޑް 4 ގެ ދަރިވަރުންނަށް ހާއްސަކޮށް ސްކޫލް ފުޓްބޯޅަ މުބާރާތެއް އޮކްޓޯބަރު މަހު ބާއްވަން ހަމަޖެހިފައި ވެއެވެ. އުމުރުން 14 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ އެކަޑެމީ މުބާރާތެއް ވެސް މި އަހަރު ސޮކަ ވެޓަރަންސްއިން ބާއްވާނެ އެވެ.