ފަރުވާ: ތަންމައްޗަށް ހީސްލުން، ހައްލަކީ ކޮބާ؟
ފަރުވާ: ތަންމައްޗަށް ހީސްލުން، ހައްލަކީ ކޮބާ؟

އުމުރުން ހަތަރު އަހަރުގެ ނާއިލާއި (އަސްލު ނަމެއް ނޫން) ފަސް އަހަރުގެ ނާއިޝް (އަސްލު ނަމެއް ނޫން) ނިންދެވުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ކޮންމެވެސް ވާހަކައެއް އަބަދުވެސް އޮންނަނީ ކިޔައިދޭން ޖެހިފައެވެ.

"އެއްސަހަރެއްގައި އުޅުނޭ ވަރަށް މުއްސަނދި ދެ ކުދިން. މިދެ ކުދިން ވަރަށް ގިނައިން އިރާކޮޅުގައި ކޮފީ ނުވަތަ ސައި ބޮއެހަދާ. އަދި ޗޮކްލެޓާއި ކޯލާގެ އިތުރުން އައިސްކުރީމް ވެސް ވަރަށް ގިނައިން ބޮއެ ހަދާ. މިކަމާ އެކުދިންގެ މަންމަ ވަރަށް ދެރަވޭ. ކީއްވެގެންކަން އެނގޭތަ؟ އެއީ އެކުދިން ނިދާ ހޭލާއިރު އަބަދުވެސް ތަންމައްޗަށް ހީސްލާފައި ހުންނާތީ."

އައިޝާ (އަސްލު ނަމެއް ނޫން) އޭނާގެ ދަރީންނަށް ވާހަކަ ކިޔައިދެމުން ދިޔައެވެ. މަންމަ ދެރަވާ ވާހަކަ ބުނުމުން ނާއިލާއި ނާއިޝް ކުޑަކޮށް ހިމޭންވިއެވެ. އެކިޔައިދޭ ވާހަކައިގައި އުޅޭ ދެ ކުދީންނަކީ ނާއިލާއި ނާއިޝްކަމަށް ހީކޮށެވެ. ހާގޮވާލާއިރު ތަންމަތިތައް، ތެމި ފޯވެފައިވާތަން ފެނުމުން ކޮންމެ މައެއްގެ ވެސް މޫނުމަތީގެ ކުލަވަރު ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ މައިވަންތަ ކަމުގެ ލޯބި ނެތީމައެއް ނޫނެވެ. ޚާއްޞަކޮށް ތާއަބަދު އެކަން ފެންނަ ނަމަ ދަރީންނަށް އެއްޗެހި ގޮވައި އަދަބުދީހަދާ މައިންބަފައިން މިރާއްޖޭގައި އުޅޭކަމީ ފެންނަން އޮތް ހަގީގަތެކެވެ. މައްސަލައަކީ ޞިއްހީ މައުލޫމާތު ރަނގަޅަށް ނުލިބުމެވެ.

ތުއްތު ދަރީން ތަންމައްޗަށް ހީސްލުމަކީ މައްސަލައެއް ނޫނެވެ. އުމުރުން ހަތަރު އަހަރު ނުވާ ނަމަ ދުވާލު ހޭލާ ހުންނައިރު ލައިގެން ހުންނަ އެއްޗިއްސަށް ނޭނގި ކުޑަކަމުދިއުމަކީ މައްސަލައެއް ނޫނެވެ. އަދި އުމުރުން ހަ އަހަރު ނުވާ ނަމަ، ރޭގަނޑު ނިދާފައި އޮންނައިރު ތަންމައްޗަށް ހީސްލުމަކީ ވެސް މައްސަލައެއް ނޫނެވެ. މި ކަންކަން މައްސަލައަކަށް ވެގެންދަނީ މިދެންނެވި އުމުރުތައް ފަހަނައަޅައި ދާއިރު ވެސް ތަންމައްޗަށް ހީސްލުން ނުހުއްޓުމުންނެވެ. އެ ހާލަތަށް ކިޔަނީ އެނޫރެސިސް އެވެ.

މި ހާލަތު ދިމާވަނީ ނިސްބަތުން ވަރަށް މަދު ކުދިންނަށެވެ. އެންމެ ރެއެއް ވެސް ވައްޓާނުލައި ތަންމައްޗަށް ހީސްލާ ކުދިންނަކީ ޕްރައިމަރީ އެނޫރެސިސް ކުދިންނެވެ. އަދި އެނޫރެސިސްގެ ދެވަނަ ވައްތަރު ނުވަތަ ސެކަންޑަރީ އެނޫރެސިސް އަކީ މަދުވެގެން ހަ މަސްދުވަހު ނުވަތަ އެއަށް ވުރެ ގިނަ ދުވަހު ތަންމައްޗަށް ހީސްނުލާ ހުރެފައި، ތަންމައްޗަށް ހީސްލާން ފެށުމެވެ. އެނޫރެސިސްގެ ވައްތަރުތަކުގެ ތެރެއިން އެންމެ އާއްމު ވައްތަރަކީ ޕްރައިމަރީ ނޮކްޓާނަލް އެނޫރެސިސް އެވެ. ނުވަތަ ރޭގަނޑު ތަންމައްޗަށް ހީސްލުމެވެ.

ތަންމައްޗަށް ހީސްލާ ސަބަބުތައް ވަރަށް ގިނައެވެ. ވިރާސީ ގޮތުންނާއި، ތޮބީއީ ގޮތުންނާއި، ނަފްޞާނީ ނުވަތަ ޖިސްމާނީ ކަމެއްގެ ސަބަބުން ވެސް ތަންމައްޗަށް ހީސްލާފާނެއެވެ. އުފެދުމުގައި ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ވެސް ތަންމައްޗަށް ހީސްލުމަކީ އެކަށީގެންވާ ކަމެކެވެ. މައިންބަފައިންގެ ތެރެއިން އެކަކީ އޭނާ ކުޑައިރު ތަންމައްޗަށް ހީސްލި މީހެއް ނަމަ އެމީހުންގެ ދަރިން ތަންމައްޗަށް ހީސްލާ ކުދިންނަށް ވުމުގެ 40 ޕަސެންޓް ފުރުޞަތު އޮވެއެވެ. އަދި މަންމަ އާއި ބައްޕަޔާ ދެ މީހުން ވެސް ކުޑައިރު ތަންމައްޗަށް ހީސްލި ނަމަ، ލިބޭ ދަރީންގެ ކިބާގައި އެ އާދަ ހުރުމުގެ ފުރުސަތު 70 ޕަސެންޓަށް އަރަ އެވެ.

ތޮބީއީ ގޮތުން ބަލާއިރު ތަންމައްޗަށް ހީސްލާ ކުދިންނަކީ ރޭގަނޑު އެކުދިންގެ ހަށިގަނޑުގައި އެންޓި ޑައިއުރެޓިކް ނުވަތަ އޭޑީއެޗް ހޯމޯން (ހަށިގަނޑުގައި ފެން އެކަށޭނެ ފުރިހަމަ މިންވަރަކަށް ދައުރުވުމަށް އެހީވެދޭ ބަހާއެއް) މަދުން އުފައްދާ ކުދިންނެވެ. އަދި ޔޫރިތުރަލް ސްފިންޓާ ކޮންޓްރޯލް (ކުޑަކަމުދާ ހޮޅި ވަކި ހިސާބަކުން ފިއްތާލާ ނުވަތަ ބަންދުކޮށްލާ އޮޓަމެޓިކް ނިޒާމް ) ލަހުން ފުރިހަމަވާ ކުދިންނެވެ. ހާސްވުމާއި ކަންބޮޑުވުމާއި ބިރުގަތުމާއި ކުއްލިއަކަށް ދިމާވާ ބޮޑު ހާދިސާއެއްގެ ސަބަބުން ވެސް ތަންމައްޗަށް ހީސްލުމަކީ ވެދާނެ ކަމެކެވެ. ކުޑަކަމުދާ ނިޒާމުގައި ޖަރާސީމް އަށަގަތުމާއި މާ ބޮޑަށް ބަނޑު ހަރުވުމުން ވެސް ތަންމައްޗަށް ހީސްލާފާނެއެވެ. ހަކުރުބައްޔާއި، އެކްޓޮޕިކް ޔުރެޓާ (ކިޑްނީ އާއި މަސާނާ ގުޅުވައިދޭ ހޮޅި، މަސާނާއާ ގުޅުމުގެ ބަދަލުގައި ކުޑަކަމުދާ ހޮޅިއާ ނުވަތަ ލަދުވެތި ގުނަވަނުގެ ތެރެއަށް ގުޅިފައި ހުރުން) ފަދަ ކަންކަމުގެ ސަބަބުން ވެސް ތަންމައްޗަށް ހީސްލާފާނެއެވެ. އަދި މީގެ އިތުރުން ކުޑަކަމުނުގޮސް ގިނަ އިރުވަންދެން ހިފަހައްޓައިގެން ހުންނަ ހުރުމުގެ ސަބަބުން ދުވާލު ގަޑީގައި ނޭނގި ގަޔަށް ހީސްލެވުމަކީ ވެދާނެ ކަމެކެވެ. މިކަމަށް އޮތް ހައްލަކީ ކޮބާ ހެއްޔެވެ؟

އުމުރުން ހަ އަހަރު ނުވާކަމުގައިވާ ނަމަ ބޭސް ދީގެން ފަރުވާކުރުމުގެ މާ ބޮޑު މާނައެއް ނެތެވެ. ސަބަބަކީ މިއީ އޭގެ ޒާތުގައި އަމިއްލައަށް ހުއްޓޭ ކަމަކަށް ވާތީއެވެ. ނުހުއްޓުނަސް ފުރަތަމަ ވެސް ބޭހެއް ދީގެން ހުއްޓުވަން މަސައްކަތްކުރުމަކީ ޞިއްހީ ގޮތުން އެދިވިގެންވާ ކަމެއް ނޫނެވެ. ތަންމައްޗަށް ހީސްލުމަކީ ދަރިފުޅުގެ އިހުތިޔާރުން ބޭރުގައި ހިނގާ ކަމެކެވެ. މިކަން ހައްލުކުރުމަށް ފުރަތަމަ މައިންބަފައިން ނުވަތަ ބެލެނިވެރިން މިދެންނެވި ވާހަކަ ގަބޫލް ކުރާށެވެ. އެއަށް ފަހު ދަރިފުޅަށް ވިސްނައިދީ، ހިތްވަރުދީ، ސަޕޯޓްދީ އަދި ދަރިފުޅުގެ ކެއުންބުއިމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނާށެވެ.

އިރާކޮޅުގައި މާ ގިނައިން ދިޔާއެއްޗެހި ނުދޭށެވެ. ޚާއްޞަކޮށް ކެފޭން ހިމެނޭ ބުއިންތައް (ސަޔާއި ކޮފީ އާއި ކޯލާ އާއި ޗޮކްލެޓާއި އައިސްކްރީމް) ނުދޭށެވެ.

ކުޑަ ޑައިރީއެއް ތައްޔާރު ކޮށްލާށެވެ. އޭގައި ތަންމައްޗަށް ހީސްލެވޭ ރޭރެ އާއި ނުލެވޭ ރޭރޭ ނޯޓް ކުރާށެވެ. ނުލެވޭ ރެއެއް ނަމަ ތަރި ޗާޓެއް ހަދައި ތަރިދޭށެވެ. އަދި ވަރަށް ރަނގަޅު ކަމަށް ބުނެ ހިތްވަރުދޭށެވެ. މާތް ﷲއަށް ހަމްދުކުރަން ބުނެ ހަނދާން ކޮށްދޭށެވެ.

ތަންމައްޗަށް ހީސްލައިފި ނަމަ އަނިޔާ ނުކުރާށެވެ. އެއްޗެހި ނުގޮވާށެވެ. މަލާމާތްނުކުރާށެވެ. އެހެން އެވަނީ އެދަރިފުޅުގެ ކުށެއް އޮވެގެން ނޫންކަމަށް ބުނެދީ ހިތްވަރު ދޭށެވެ. ކެތްތެރިވާން ނަޞޭހަތްދޭށެވެ. ރަނގަޅުވާނެ ކަމުގެ އުންމީދު ދޭށެވެ. ނިދަން އޮށޯތުމުގެ ކުރިން ހީސްލައްވާށެވެ. ރަނގަޅަށް ހިކިފައިވާ ހެދުމެއް ލައްވައި އެއްވެސް ވަރެއްގެ ތެތްކަމެއް ނެތް ހިކި ތަންމައްޗެއްގެ މަތީގައި ބާއްވައި ޝަހާދުކިޔައިދީ ނިންދަވާށެވެ.

މިދެންނެވި ކަންކަމުގެ އިތުރަށް "އެލާމް ތެރަޕީ" އަކީ ވެސް މުހިއްމު ފަރުވާއެކެވެ. މިއީ ދަރިފުޅު އެތެރެއިން ލާ އަންނައުނާ ދިމާލުން ތިރީގައި ހަރުކުރެވޭ ސެންސަރަކާއި މޭމައްޗާ ދިމާލަށް މަތިން، ހެދުމުގައި ހަރުކުރެވޭ އެލާމް ޑިވައިސްއެއް ހިމެނޭ ނިޒާމެކެވެ. ދަރިފުޅު ހީސްލާން ފަށާއިރަށް މި ނިޒާމުން އެލާމް އަޅަން ފަށާނެއެވެ. ނަތީޖާއެއްގެ ގޮތުން ހޭލެވި ފާޚާނާއަށް ގޮސް ކުޑަކަމުދިޔުމަށް ބާރު ލިބިދެއެވެ.

މިފަދަ ޑިވައިސްއެއް ނުލިބިއްޖެ ނަމަ އޭގެ ބަދަލުގައި އާއްމުކޮށް ދަރިފުޅު ތަންމައްޗަށް ހީސްލާ ގަޑި ދެނެގަނެ، އެގަޑި ޖެހުމުގެ ކުޑައިރުކޮޅެއް ކުރިން އަޅުގަނޑުމެން އާއްމުކޮށް ބޭނުންކުރާ ކަހަލަ ސޯނާ ގަޑި އެލާމްވާ ގޮތަށް ބަހައްޓާށެވެ. އޭރުން ވެސް ހީސްލެވުމުގެ ކުރިން ހޭލެވި ފާޚާނާއަށް ދާން ފުރުޞަތު ބޮޑުވެގެންދާނެއެވެ. ތަންމައްޗަށް ހީސްލާ ކުދިންގެ ތެރެއިން 60 ޕަސެންޓާއި 70 ޕަސެންޓް ކުދިން، މި ގޮތްގޮތައް އަމަލުކުރުމުން، އެކަމުން ދުރުވެއެވެ. މިކަން އަމިއްލަފުޅަށް ތަޖުރިބާ ކޮށްލަމާތޯއެވެ. އޭރުން "އެއްސަހަރެއްގައި އުޅުނޭ ވަރަށް މޮޅު، ވަރަށް ކެތްތެރި ރަނގަޅު މަންމައެކު" އޭ ކިޔާ ތިބާގެ ދަރިން ތިބާއަށް ވާހަކަ ކިޔައިދޭން ވެސް ފަށާފާނެއެވެ.

ނޯޓް: މި ލިޔުމުގައި ބަޔާންކޮށްފައިވާ ކަންކަން ކޮށްގެން ވެސް ރަނގަޅު ނުވެއްޖެ ނަމަ ލަސްނުކުރައްވާ ޑޮކްޓަރަށް ދައްކަވާށެވެ.