ގައުމު އޮތް ހާލަތު ގިނަ ރައްޔިތުންނަށް އިހުސާސްނުކުރެވޭތީ ވަރަށް އަސަރުކުރޭ: ގާސިމް
ގައުމު އޮތް ހާލަތު ގިނަ ރައްޔިތުންނަށް އިހުސާސްނުކުރެވޭތީ ވަރަށް އަސަރުކުރޭ: ގާސިމް

ރާއްޖޭ އޮތް ހާލަތު ގިނަ ރައްޔިތުން ނުވިސްނޭތީ ވަރަށް އަސަރު ކުރާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމު އޮތް ހާލަތު ގިނަ ރައްޔިތުންނަށް އިހުސާސްނުކުރެވޭތީ ވަރަށް އަސަރުކުރޭ: ގާސިމް
ގައުމު އޮތް ހާލަތު ގިނަ ރައްޔިތުންނަށް އިހުސާސްނުކުރެވޭތީ ވަރަށް އަސަރުކުރޭ: ގާސިމް

އިންތިހާބުގެ ކެމްޕޭނުގައި ގާސިމް ށ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުގައި އެ އަތޮޅުގެ ކަނޑިތީމަށް ވަޑައިގެން ވިދާޅުވީ ތިން ވަނަ ފަހަރަށް ރިޔާސީ އިންތިހާބު ވާދަކުރައްވަން ނުކުންނެވީ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ މަންޒަރު ފެނިވަޑައިގެން އެކަމާ "ކެތްނުކުރެވިގެން" ކަމަށެވެ.

ގާސިމް ސިފަކުރެއްވި ގޮތުގައި ރާއްޖެ އޮތީ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެން ހިނގައިދާނެ ފަދަ ބިރުވެރި ހާލަތެއްގަ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލަ ނިންމި ގޮތާ މެދު ސަރުކާރަށް ކުރިން އަމާޒުކުރި ފާޑުކިޔުންތައް ގާސިމް ތަކުރާރުކުރައްވައި ވިދާޅުވީ އެއީ ހުރިހާ ދިވެހިން ވެސް ނުހަނު ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ.

"މިކަންތައްތަކާ ހެދި އަޅުގަނޑަށް ދެން ކެތްނުކުރެވުނީ. އެއް ކަންތަކަށް ވުރެ ގިނަ ކަންތައް ހައްދުފަހަނައަޅާ ދާތީ. ތަފްސީލު ނޭނގޭތީ،" އިމުގެ މައްސަލާގައި ސަރުކާރުން މޮރިޝަސް އަށް ފޮނުވި ސިޓީ ހާމަ ނުކުރާތީ އެކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން، ދިވެހި ފަސްގަނޑުގައި "އެހެން ގައުމެއްގެ" ސިފައިން ތިބޭއިރު، އެކަމަށް ދިވެހި ސިފައިންގެ ބާރު ނުފޯރާ ކަމަށް ތުހުމަތު ކުރައްވައި އެކަމާ ވެސް ގާސިމް މިއަދު ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ. އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި ދިވެހި ސިފައިންނަށް ނުވަދެވޭ ސަރަހައްދުތައް ބޭރު ގައުމެއްގެ ކޮންޓްރޯލްގެ ދަށުގައި އެބައޮތެވެ.

މި ތުހުމަތުގައި ގާސިމް ވަކި ގައުމެއްގެ ނަމެއް ވިދާޅެއް ނުވެ އެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ ދަރަނި 120 ބިލިއަނަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދަރާފައިވާ މިންވަރު ނުވެސް އެނގޭ ކަމަށެވެ.

"މިދަނީ ކޮން މިސްރާބަކަށް ކިހިނެއްތޯ އަޅުގަނޑުމެން ވިސްނާލަން ނުޖެހޭތޯ އޭ؟،" ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައި ނެގެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަން ހަނދާކޮށްދެއްވަމުން ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ގައުމީ މި ޒިންމާ އަދާކުރެއްވުމުގައި އެހެން އެއްވެސް މީހަކު އެކުގައި ނެތަސް، ރައްޔިތުންނަށް މިކަންކަމުގެ އަޑުއިއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު މިއަދު މި ރަށަށް އައިމަ، އަޅުގަނޑު ރިސީވް ކުރަން ތިބި މަދު މީސްކޮޅުގެ ސަބަބަކުން ނޫން މި ވާހަކަ މި ދައްކަނީ. އެއްގޮތަކަށް ވެސް އެކަމާ ހިތުގަޖެހިގެނެއް ނޫން،"

"އެހެންނަމަވެސް، ހިތާމަކުރަންޖެހޭ ކަންތައްތަކެއް އަޅުގަނޑުމެންގެ ކުރިމަތީގަ އޮތީމަ، އެކަން ރާއްޖޭގެ ރަށްރަށުގައި ތިބި ރައްޔިތުންނަށް އެކަންކަން އިހުސާސްކުރެވޭ މިންވަރު އަޅުގަނޑުމެންނަށް އެނގިގެންދާތީ އެކަމާ ވަރަށް އަސަރުކުރޭ."

ގާސިމް ވިދާޅުވީ ގައުމު ތަރައްގީކޮށް ކުރިއަށްގެންދެވޭނީ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓިގެން ކަމަށެވެ. އެހެންކަމުން، އަންނަ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ރައްޔިތުން ވޯޓުލާން ނުކުންނައިރު، މިކަންކަމާ މެދު ފުންކޮށް ވިސްނުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ.

ރިޔާސީ ކެމްޕޭނުގައި އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުގައި، ގާސިމް އިއްޔެ ވަނީ ކުޅުދުއްފުށި ހިމެނޭ ގޮތަށް ހދ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި، މަކުނުދޫ، ނޮޅިވަރަމް، ނޮޅިވަރަމްފަރު އަދި ހަނިމާދޫ ހިމެނެ އެވެ.

އަދި މިއަދު ށ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ޖޭޕީން ވަނީ ބުނެފަ އެވެ.