19 އޯގަސްޓް 2023 - 11:11

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ރޯމަސް ގަންނަ އެންމެ ދަށް އަގު 20ރ. އަށް އަދި ބޮޑު ކަންނެލި ގަންނަ އެންމެ ދަށް އަގު 80ރ. އަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ މިއަދު ވައުދުވެވަޑައިގެންފި އެވެ.

މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް މ. ދިއްގަރުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯގައި ވަރަށް މުހިންމު ތިން ޗެޕްޓަރެއް އޮންނައިރު، އޭގެ ތެރެއިން އެއް ކަމަކީ މަސްވެރިކަމުގެ ދާއިރާ ކަމަށެވެ. އެހެންވެ، އޭނާގެ ވެރިކަމެއްގައި ވެސް އެ ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އެންމެ މުހިންމު ކަމަކަށް ރޯމަހާއި ބޮޑު ކަންނެލި ގަންނަ އެންމެ ދަށް އަގު ކޮންޓްރޯލްކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، އެ އަގު ހަމަޖައްސަން ވަރަށް ގިނަ މަސައްކަތް އަދިވެސް ކުރަން ޖެހެ އެވެ. އެ މަސައްކަތް އޭނާގެ ވެރިކަމެއްގައި ކުރައްވާނެ އެެވެ.
"ދުނިޔޭގެ ބާޒާރުގައި މަސް ގަންނަން ހުންނަ އަގުތަކަށް ރިއާއަތްކޮށް، އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނީ އަޅުގަނޑުމެން ގަސްތުކުރާ ގޮތަށް މުޅި ރާއްޖޭގައި ރޯމަސް ގަންނަ އެންމެ ދަށް އަގު 20ރ. އަށް ހެދުން،" މުއިއްޒު ވިދާޅުވި އެވެ.
"އެހެން ހެދުމަށްޓަކައި އަޅުގަނޑު ރޭގައި ވެސް ދެންނެވިން މުލަކުގައި ބޮޑު ކަންނެލީގެ އަގު އިއުލާންކުރި އިރުގައި އަޅުގަނޑުމެންގެ ޕްލޭނާއި އަމާޒަކީ އެއީ ކަން. އެ ހިސާބަށް ދިއުމަށް އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭ ކަމާ."
ބޮޑު ކަންނެލި ގަންނަ އެންމެ އަށް އަގު 80ރ. އަށް އަދި އޭ ގްރޭޑުގެ ކަންނެލި ކިލޯއެއްގެ އެންމެ ދަށް އަގަކީ 100ރ. ކަމަށް ކަނޑައަޅައި މަސްވެރިންނަށް ޑީސަލާއި ޕެޓްރޯލް ލިބޭ އަގު މިހާރަށް ވުރެ ދަށް ކުރަން ވެސް މުއިއްޒު ރޭ ވައުދުވެވަޑައިގެންނެވި އެވެ. އަދި މިފްކޯގެ ހިއްސާ ވެސް މަސްވެރިންނަށް ވިއްކާނެ ކަމަށް ވިދާޅުވި އެވެ.
ދިއްގަރަކީ މުއިއްޒުގެ މި ކެމްޕެއިން ދަތުރުގައި މ. އަތޮޅުން ވަޑައިގަންނަވާ އެންމެ ފަހު ރަށެވެ. ދެން ވަޑައިގަންނަވާނީ ވ. އަތޮޅުގެ ރަށްތަކަށެވެ.