ބޮޑުތިލަދުންމައްޗަށް އިގުތިސޯދީ ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދޭނަން: ގާސިމް
ބޮޑުތިލަދުންމައްޗަށް އިގުތިސޯދީ ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދޭނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ބޮޑުތިލަދުންމައްޗަށް އިގުތިސޯދީ އަދި އިޖުތިމާއީ ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވައުދުވެވަޑައިގެންފި އެވެ.

އިންތިހާބުގެ ކެމްޕޭނުގައި ގާސިމް ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ އަތޮޅު ކުޅުއްދުއްފުއްޓަށް ވަޑައިގެން، ޖޭޕީގެ ޖަގަހައެއް ހުޅުވައި ދެއްވުމަށް ފަހު، ގާސިމް ވިދާޅުވީ ގިނައިން އަޑުއިވެނީ ރާއްޖޭގެ ދެކުނު ތަރައްގީ ކުރާ ވާހަކަ ކަމަށާއި އުތުރަށް ދެވޭ ސަމާލުކަން ކުޑަ ކަމަށެވެ.

"އަޅުގަނޑު މި ފަހަރު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އާދެވިއްޖެއްޔާ މި ބޮޑުތިލަދުންމައްޗަށް އިގުތިސޯދީ އަދި އިޖުތިމާއީ ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދޭނަން،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހަނިމާދޫގައި މިހާރު ތަރައްގީ ކުރަމުން އަންނަ ބައިނަލްއަގުވާމީ އެއާޕޯޓުގެ މަސައްކަތް ނިންމައި، އެތަން ހިންގުމަށް އައްޔަނުކުރައްވާނީ ހދ. އަތޮޅުގެ ރައްޔިތުންނެވެ.

ޖޭޕީގެ ރިޔާސީ މެނިފެސްޓޯގައި ހއ. ހދ. އަދި ށ. އަތޮޅުގައި 6،000 ޓޫރިސްޓު އެނދު އުފައްދަން ހިމަނާފައިވާ ވައުދަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އެކަން ނިމުމުން ބޮޑުތިލަދުންމައްޗަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.

ރިސޯޓުތައް ހަދާއިރު، ކޮންސްޓްރަކްޝަން މުއްދަތު ހަމަވުމަށްފަހު އިތުރު 15 އަހަރު ދައުލަތަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ހައްދަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ގެސްޓުހައުސް ވެސް ސަރުކާރުން ހަދައިދީ، ނޫނީ ލުއި ގޮތަކަށް ލޯނު ދީގެން އެކަމަށް ވެސް މަގުފަހިކޮށްދޭނެ ކަން ފާހަގަކުރެއްވި އެވެ.

މި ސަރަހައްދަށް ޖޭޕީގެ ވެރިކަމެއްގައި ހަދާނެ ކަމަށް ވައުދުވެފައިވާ ޓްރާންސްޝިޕްމަންޓު ބަނދަރުގެ މަސައްކަތް ދައުރު ނިމުމުގެ ކުރިން ނިންމާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެ ހިސާބުން ބޮޑު ބޫމެއް ނައިސް ނުދާނެ. އިގުތިސޯދީ އިންގިލާބީ ބޮޑު ބަދަލެއް ނައިސް ނުދާނެ،" ގާސިމް ވިދާޅުވި އެވެ.

ރިޔާސީ ކެމްޕޭނުގައި އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުގައި، ގާސިމް އިއްޔެ ވަނީ ކުޅުދުއްފުށި ހިމެނޭ ގޮތަށް ހދ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި، މަކުނުދޫ، ނޮޅިވަރަމް، ނޮޅިވަރަމްފަރު އަދި ހަނިމާދޫ ހިމެނެ އެވެ.

އަދި މިއަދު ށ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ޖޭޕީން ވަނީ ބުނެފަ އެވެ.