19 އޯގަސްޓް 2023 - 00:14

އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ލާ ވޯޓަކީ ފަހުން ހިތާމަ ކުރަންޖެހޭ ވޯޓަކަށް ނުހެދުމަށް ރައްޔިތުންގެ ކިބައިން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ އެދިވަޑައިގެންފި އެވެ.

އިންތިހާބަށް ގާސިމް ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ އަތޮޅު ކުޅުއްދުއްފުއްޓަށް ވަޑައިގެން، ޖޭޕީ ޖަގަހައެއް ހުޅުވައި ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައްޔިތުންނާ މިހާރު ބައްދަލުވެފައި ވަނީ އުއްމީދުން ފުރިގެންވާ ވާހަކަތައް އަޑުއިވޭ މޫސުމެއް ކަމަށެވެ.
އެކަމަކު ހުރިހާ ރައްޔިތުން ވެސް ވެރިއަކު ހޮވާއިރު، ވަރަށް ރަނގަޅަށް ވިސްނަންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ވަރަށް ރަނގަޅަށް ވިސްނައިފައި ނޫނިއްޔާ ފިޔަވަޅު ނާޅުއްވާށޭ. މިއީކީ ބޮޑު ޕާޓީއެއް ކުޑަ ޕާޓީއަށް ވެގެން ވޯޓު ދޭންޖެހޭ ކަމެއް ނޫނޭ. ތިމާގެ މީހާ، އެއްބަނޑު މީހާ ވެގެން ވޯޓު ދޭންޖެހޭ ކަމެއް ނޫނޭ މިއީކީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު ކޮށްދޭ ކޮންމެ ކަމަކީ އެ މީހަކު މަގާމުގެ ގޮތުން އަދާކުރަންޖެހޭ ޒިންމާ އެވެ.
އޭގެ ބަދަލުގައި ވިސްނަންވީ، ރައީސްގެ މަގާމުގައި ނެތް އިރު، އަމިއްލަ ހައިސިއްޔަތުން ގައުމަށާއި ރައްޔިތުންނަށް ކޮށްދިން ހިދުމަތާ މެދު ކަމަށް ގާސިމް ވިދާޅުވި އެވެ.
ގައުމެއް ކުރިއަރައި ދަނީ، ގާސިމް ވިދާޅުވި ގޮތުގައި ވެރިކަމަށް އަންނަ މީހަކުގެ ތަންދޮރު އެނގުމާއި ގާބިލުކަމާއި ތަސައްވަރެއްގެ މައްޗަށް ކަމަށެވެ.
ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ތިން ވަނަ ފަހަރަށް ކުރިމަތިލެއްވީ ރާއްޖޭގެ ސަލާމަތާއި މިނިވަންކަމާއި އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ކުރިއަށް ގެންދިޔުމަށްޓަކައި ކަމަށެވެ.
އެހެންކަމުން، އަންނަ މަހުގެ ނުވަ ވަނަ ދުވަހު ވޯޓު ލާއިރު، ރައްޔިތުން ރަނގަޅަށް ވިސްނުމަށް ގާސިމް މިރޭ ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.
"ފަހުން ހިތާމަކުރައްވަން ނުހައްދަވައްޗޭ. ހަމަ އެންމެ ކުޑަ. ނުބައި ސައިޑަށް ވޯޓު ދެއްވައިގެން ގޯސް މީހަކު ވެރިކަމަށް ގެނެވިއްޖެއްޔާ އަޅުގަނޑުމެންގެ މިނިވަންކަމާ މެދު އެއްވެސް ޔަގީންކަމެއް ނުބާއްވަވާށޭ،" ގާސިމް ވިދާޅުވި އެވެ.
ރިޔާސީ ކެމްޕޭނުގައި އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުގައި، ގާސިމް މިއަދު ވަނީ ކުޅުދުއްފުށި ހިމެނޭ ގޮތަށް ހދ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި، މަކުނުދޫ، ނޮޅިވަރަމް، ނޮޅިވަރަމްފަރު އަދި ހަނިމާދޫ ހިމެނެ އެވެ.
އަދި މާދަމާ ށ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ޖޭޕީން ވަނީ ބުނެފަ އެވެ.