18 އޯގަސްޓް 2023 - 21:55

ސިވިލް ކޯޓަށް ވައްކަން ކުރަން މީހަކު ވަން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖަސްޓިސް ބިލްޑިންގެ ދެ ވަނަ ފަންގިފިލާއަށް ހުއްދަ ނެތި މީހަކު ވަން މައްސަލައެއް މިއަދު ހަވީރު 4:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ތަނުގެ ގްރައުންޑާއި ދެ ވަނަ އަދި ތިން ވަނަ ފްލޯގައި ހިންގަނީ ސިވިލް ކޯޓެވެ.
އޮފިޝަލް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އިމާރާތުން އެއްވެސް އެއްޗެއް ވަގަށް ނެގި ކަން ފާހަގަކުރެވިފައިނުވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ސިވިލް ކޯޓަށް ވަގަކު ވަންއިރު، ހަމަ އެ އިމާރާތުގައި ހިންގާ ފެމިލީ ކޯޓަށް ވެސް މި މަހުގެ ކުރީކޮޅު ދެ ފަހަރަށް ގެއްލުންދީ ވައްކަން ކޮށްފައިވެ އެވެ.
އެ ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު ޝައްފާން "ވިދާޅުވީ އެ އިމާރާތުން އެންމެ ފުރަތަމަ ވައްކަން ކުރީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރު ކަމަށެވެ. އެއަށްފަހު، މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ ރޭ ދަންވަރު އަނެއްކާ ވެސް ވައްކަން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެމިލީ ކޯޓަށް ދެ ފަހަރު ގެއްލުންދީ ވަގަށް ނެގީ ފައިސާތަކެކެވެ. ކޯޓުގެ އެއްވެސް ލިޔެކިޔުމެއް އަދި މުދަލެއް ނުގެއްލޭ ކަމަށް ޝައްފާން އޭރު ވިދާޅުވި އެވެ.