18 އޯގަސްޓް 2023 - 19:56

ގުޅިފަޅު ޕޯޓު ހެދުމަށް ބޭނުންވާ ކުންފުންޏެއް ހޯދަން ބީލަމަށް ހުޅުވާލަން ތައްޔާރުވަމުން އަންނަ ކަމަށް އިންޑިއާގެ އެގްޒިމް ބޭންކުން ބުނެފި އެވެ.

އިންޑިއާގެ "އިކޮނޮމިކް ޓައިމްސް" އަށް އެގްޒިމް ބޭންކްގެ އޮފިޝަލަކު ދެއްވި އިންޓަވިއުގައިވާ ގޮތުން ރާއްޖޭގެ ސަރަހައްދީ އެންމެ ބޮޑު ވިޔަފާރީގެ ބަނދަރު އެޅުމަށްޓަކައި ގުޅިފަޅު މިހާރު ހިއްކަމުން އަންނަ އިރު، އަންނަ އަހަރުގެ މާޗް މަހުގެ ކުރިން ޓެންޑާ އަށް ހުޅުވާލާނެ އެވެ.
އެ ޕްރޮޖެކްޓަކީ އިންޑިއާއިން ލައިން އޮފް ކްރެޑިޓުން 75 ޕަސެންޓު ހަރަދު ކުރާ ޕްރޮޖެކްޓަކަށް ވާތީ އެ ޕްރޮޖެކްޓަށް ހުޅުވާލާނީ ހަމައެކަނި އިންޑިއާގެ ކުންފުނިތަކަށެވެ. އެ ޕްރޮޖެކްޓަށް ހުޅުވާލާނީ އިންޖިނިއަރިން، ޕްރޮކިއުމެންޓް، ކޮންސްޓްރަކްޝަން (އީޕީސީ) އެއްކޮށް ކުރިއަށް ގެންދާ ޓެންޑާއަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޕްރޮޖެކްޓަށް 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ހޭދަކުރަން ހަމަޖެހިފައިވެ އެވެ. އާ ޕޯޓުގައި 20 ފޫޓުގެ 400,000 ކޮންޓެއިނަރު ބަހައްޓާނެ ޖާގަ ހުންނާނެ އެވެ.
"އީޕީސީ ޓެންޑާ ހުޅުވާލާނީ ހަމައެކަނި އިންޑިއާގެ ކުންފުނިތަކަށް. ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ޕްރޮޖެކްޓުގައި ރާއްޖެއާ އިންޑިއާއިން ވަނީ އެގޮތަށް އެއްބަސްވެފައި،" އެގްޒިމް ބޭންކްގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާތަނަށް ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) ގެ ޕްރޮޖެކްޓް ހިންގުމަށް އެއްބަސްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ގުޅިފަޅު ޕޯޓު އެޅުމުގެ މަޝްރޫއަކީ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ.
ގުޅިފަޅުގެ ޕޯޓު ނިންމުމަށް ކަނޑައަޅާފައި ވަނީ 2026 ވަނަ އަހަރު އެވެ. ގުޅިފަޅުން ގޯތި ދޫކުރަން ނިންމައި، ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޫކުރަމުން އަންނަ އިރު އެ ސަރަހައްދުގައި ތަރައްގީ ކުރާ ޕޯޓާ އެކު ގުޅިފަޅުގެ ބިމުގެ އަގު އެތައް ގުނައެއް އުފުލިގެން އަންނާނެ ކަމަށް ބެލެވެ އެވެ.
ގުޅިފަޅުގައި ތަރައްގީ ކުރާ ވިޔަފާރި ބަނދަރާ އެކު، މިހާރު މާލޭގައި ހުންނަ ވިޔަފާރި ބަނދަރު އެއްކޮށް އެ ސަރަހައްދަށް ބަދަލު ކުރާނެ އެވެ.