01 ފެބުރުއަރީ 2017 - 20:52

ހެލްތު މިނިސްޓްރީން ގަވައިދާ ހިލާފަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ 2014 ވަނަ އަހަރުގައި ހަރަދުކޮށްފައިވާ ކަން އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު ހެލްތު މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވާ ގޮތުން، ނެޝަނަލް ޑްރަގް އެޖެންސީގެ ބެލުމުގެ ދަށަށް ގެންދާ މީހުންނަށް ކާން ދިނުމަށް 6.3 މިލިއަން ރުފިޔާ ބަޔަކާ ހަވާލު ކުރީ ޓެންޑަ ނުކޮށެވެ.
އަދި މާލިއްޔަތު ގަވައިދާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ހަތަރު މިލިއަނެއްހާ ރުފިޔާ އައިޖީއެމްއެޗާއި ބައެއް އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކަށް ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގއ. އަދި ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލް ހިމެނެ އެވެ.
ލ. ގަމާއި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުން އެއްބަސްވުމެއް ނެތި، އުސޫލުތަކާ ހިލާފަށް 591،762ރ. ހަރަދުކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެ އެވެ.
އަދި ސިވިލް ސާވިސްގެ ގަވައިދާ ހިލާފަށް އިތުރު ފައިސާގެ ގޮތުގައ ހދ. ނޮޅިވަރަމް ސިއްހީ މަރުކަޒުން 552،627ރ. ހަރަދުކޮށްފައިވާއިރު، އިތުރު ގަޑީގެ ގޮތުގައި އައިޖީއެމްއެޗްގެ މުވައްޒަފުންނަށް 1،98،345 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެ ފައިސާ ދީފައި ވަނީ އިތުރު ގަޑީގެ ގޮތުގައި ނުހިމެނޭ ގަޑިތައް ހިމަނައިގެން ކަމަށް އޮޑިޓް ރިޕޯޓްގައި ވެ އެވެ.
އަދި ވަކި މުއްދަތެއްގެ ތެރޭގައި ދައްކަން ޖެހޭ ފައިސާ އެ މުއްދަތުގެ ތެރޭގައި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 8.6 މިލިއަން ރުފިޔާ ދައުލަތުން ދެއްކި ކަމަށާއި އެ ޖޫރިމަނާ ދައްކަން ޖެހުނު ބިލްތަކުގެ ތެރޭގައި އައިޖީއެމްއެޗްގެ 60 ކަރަންޓް ބިލަކާއި އެ ހޮސްޕިޓަލްގެ 129 ފެން ބިލެއް ހިމެނެ އެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން އައިޖީއެމްއެޗުގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ގޮތުގައި 2014 ވަނަ އަހަރު 3.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ ފައިސާ ދީފައި ވަނީ ސައްހަ ލިޔުމަކަށް ބަލައިގެނެއް ނޫނެވެ.
މީގެ އިތުރުން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އެކަނިވެރި މައިންނަށް ދޭ ފައިސާ ކައިވެނިކޮށްފައިވާ މީހުންނަށް ވެސް ދީފައިވާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން 983،000ރ. އެކަމަށް ހަރަދު ކޮށްފައިވާ ކަން ރިޕޯޓުން ދައްކަ އެވެ.
އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށް ދޭ މީހުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް އެ މީހުން މަރުވި ފަހުން ވެސް ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ. އެގޮތުން 48 މީހަކަށް 488،000ރ. ހަރަދުކޮށްފައިވެ އެވެ.
އެހެންވެ ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވަނީ މާލިއްޔަތު ގާނޫނާ ހިލާފަށްކޮށްފައިވާ ހަރަދުތަކުން ދައުލަތައް ގެއްލުންވެފައި ވާތީ، އެ ފައިސާ ހޯދުމަށާއި އިހުމާލުވެފައިވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ލަފާ ދެއްވައިފަ އެވެ.