18 އޯގަސްޓް 2023 - 06:57

އެމްއެންޕީގެ ވެރިކަމެއްގައި ފ. ނިލަންދު އަށް މީހުން ދާ ވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އިއްޔެ ނިލަންދު އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ނާާޒިމް ވިދާޅުވީ ފ. އަތޮޅަށް ވަރަށް ގިނަ ކަންކަން ކޮށްދެއްވަން އޭނާ ލިސްޓުގައި ހިމެނޭ ކަމަށެވެ.
ނިލަންދޫ ތަރައްގީ ކުރުމަށް މިހާރު އެ ރަށުގައި ނެތް ކަންކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރަށަށް ޓޫރިޒަމް ތައާރަފު ކުރުމާއި ސިއްހީ ހާލަތު ރަނގަޅު ކުރާނެ ކަމަށާއި ދަތުރުފަތުރުގެ ނިޒާމު ރަނގަޅު ކުރައްވާން ނާޒިމް ވައުދުވެ ވަޑައިގެންނެވި އެވެ. ނިލަންދޫގައި ޒުވާނުން ކުޅިވަރު ކުޅުމަށް އަޅަން ފަށާފައިވާ މަރުކަޒު ނިންމައި ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރަށަށް ތަރައްގީ ގެނައުމަށްޓަކައި އެންމެ މުހިންމު ކަމަކަށް ވާނީ ތަރައްގީ ގެނައުމަށްޓަކައި ވަޒީފާ އުފެއްދުން. އަޅުގަނޑުގެ ވެރިކަމެއްގައި މި ރަށުގެ ގެސްޓްހައުސް އަޅަން އޮތް ސަރަހައްދުގައި ގެސްޓްހައުސް އަޅައި ތިބޭފުޅުންނަށް ތަޅުދަނޑި ހަވާލު ކުރާނަން. ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނާނަން،" ދަނގެތި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވި އެވެ.
ފ. މަގޫދޫގައި ހަދަން ފަށާފައިވާ އެއާޕޯޓު ނިންމައި ފ. އަތޮޅަށް މޯލްޑިވިއަން އެއާލައިންގެ ޓިކެޓު އަގުހެޔޮ ކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މި ރަށަށް ތަރައްގީ އޮތީ ބަދަލު ގެނެސްގެން. އެ ބަދަލަކީ ނަމްބަރު އަށެއް. އަޅުގަނޑު މި އަންނަނީ ނިލަންދޫ ރައްޔިތުންނަށް އުފާ ފާގަތިކޮށްދީ ތި ބޭފުޅުންގެ ޖީބަށް ބަރުކުރަން. ތި ބޭފުޅުންނަކީ މުއްސަނދި ބަޔަކަށް ހަދަން. ކޮންމެ މީހަކީ ތަނަވަސް ކަމާ އެކީ އުލެވޭނެ މީހަކަށް ހަދަން،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެމްއެންޕީގެ ވެރިކަމެއްގައި ނިލަންދޫ ހޮސްޕިޓަލަކީ ރަނގަޅު ފެންވަރެއްގައި ރަށުގެ އާބާދީއާއި އެކަށީގެންވާ ގޮތެއްގައި ހިދުމަތް ދެވޭ ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ.
އެ ގެންނަ ތަރައްގީން އެ ރަށުގެ އާބާދީ އިތުރު ވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.