17 އޯގަސްޓް 2023 - 21:29

ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހުގެ ގްރޭޑް ހައެއްގައި ކިޔަވަމުން އަންނަ ދަރިވަރު ޝާއިނާ ޔޫނުސް، އޯ ލެވެލްގައި އިނގިރޭސި މާއްދާއިން އޭ އެއް ހޯދައިފި އެވެ.

އުމުރުން ބާރަ އަހަރުގެ ދަރިވަރުގެ މަންމަ، ޝަހީމާ މޫސާ ބުނީ ޝާއިނާއަކީ އެންމެ ކުޑައިރުއްސުރެ ފޮތް ކިޔުމަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ ކުއްޖެއް ކަމަށެވެ.

ދިވެހި ބަހުން ލިޔެފައި ހުންނަ ފޮތްތަކަށް ވުރެ ޝާއިނާގެ ހިތްޖެހިފައިވަނީ، ޝެހެނާޒު ބުނިގޮތުގައި އިނގިރޭސިން ލިޔެފައި ހުންނަ އެކި ވައްތަރުގެ ފޮތްތަކަށެވެ.
"އަބަދުވެސް އުޅޭނީ ފޮތެއް ހިފައިގެން. ވަރަށް ބަސް އަހާނެ، ވަރަށް މަޑުން ހުންނާނީ. ދިވެހި ފޮތް ވެސް ދިނީމަ ކިޔާނެ. އެކަމަކު އިނގިރޭސި ކިޔަން ޝައުގު ހުންނަނީ." ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅާ ގުޅޭ ގޮތުން މަންމަ ބުންޏެވެ.
އޯލެވެލްގައި ޝާއިނާ ބައިވެރިކުރުމުގެ ހިޔާލު ޝަހީމާއަށް މިދިޔަ އަހަރު އެންމެ ފުރަތަމަ ދިނީ އެ ކުއްޖާއާ އެންމެ ކުޑައިރުއްސުރެ ވެސް ގާތް ގުޅުމެއް އޮންނަ ޓީޗަރު މަރިޔަމް ނުސްރާ އެވެ. ރަސްމީކޮށް ކިޔަވައިދޭން ކިޔަވައިދޭން ފެށުމުން ނުސްރާއަށް ފާހަގަވީ ޝާއިނާގެ ހުނަރާއި ތޫނުފިލި ކަމެވެ. ނަމަވެސް، އިމްތިހާނުގައި ބައިވެރިވުމުގެ މުއްދަތު ހަމަވެފައި އޮތުމުން މިިދިޔަ އަހަރު އެކަމެއް ނުކުރެވުނެވެ.
"އެ ޓީޗަރު ބުނީ ލެވެލް އެބަ ހުއްޓޭ އޯލެވެލްގައި ބައިވެރި ވެވޭ ވަރަށް. ހިނގާށޭ ބައިވެރިކުރަން. ޝާއިނާ ވެސް ވަރަށް ބޭނުންވެގެން ޓެސްޓުގައި ބައިވެރި ކުރީ،" މަންމަ ކިޔައިިދިނެވެ.
ޝާއިނާ ޓެސްޓަށް ތައްޔާރު ކުރުވަން ފެށީ އިމްތިހާނު ފަށަން ދެ މަސް ދުވަހަށް ވެފައި ވަނިކޮށެވެ.
"ދެ މަސް ދުވަހުގެ ޕާސްޓްޕޭޕަރު ހެދީ. ޔޫކޭޖީން ފެށިގެން ޝާއިނާގެ ކަންތައްތައް ބަލަހައްޓާ ޓީޗަރުގެ ބެއްލެވުމުގެ ދަށުން ޕާސްޓްޕޭޕަރު ކުރިއަށް ގެންދިޔައީ." ޝަހީމާ ބުންޏެވެ.
މިދިޔަ މެއި މަހު އޮތް އިނގިރޭސި ޓެސްޓު ނިންމުމަށްފަހު ގެއަށް ގޮސް، އެ ޕޭޕަރުން އެންމެ ދަށްވެގެން އޭ އެއް ލިބޭނެ ކަމަށް ޝާއިނާ ބުނުމުން އެކަން ގަބޫލު ކުރެވުނު ކަމަށް ޝަހީމާ ބުންޏެވެ. އެއީ ދަރިފުޅުގެ ކިބައިގައި އެ ފެންވަރު ހުރި ކަމަށް ގަބޫލު ކުރާތީކަން އޭނާ ފާހަގަކުރެ އެވެ.
ލިބުނު ކާމިޔާބީއާ މެދު ޝާއިނާ އަދި އޭނާގެ އާއިލާ ވަނީ އުފަލުން ފޮޅިފަ އެވެ. ހަގު އުމުރެއްގައި އޯ ލެވެލްގައި ބައިވެރިވެ، ހޯދި ކާމިޔާބީ އެ ސްކޫލުން ވެސް ފާހަގަކުރެ އެވެ.
ރާއްޖޭގައި ހަގު އުމުރުގައި އޯލެވެލް އިމްތިހާނުގައި މަދުން ނަމަވެސް ކުދިން ބައިވެރިވެ ފަހުރުވެރި ކާމިޔާބީތައް ހޯދަ އެވެ. އޭގެ ތެރެއިން އެއް ދަރިވަރަކީ ހދ. ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލުގެ ގްރޭޑު 5 ގައި ކިޔަވަމުން އަންނަ ރައްޔާން މުހައްމަދު ފައިސަލެވެ. އެ ކުއްޖާ ވަނީ އެގާރަ އަހަރުގައި ކެމިސްޓްރީން ވެސް އޭ އެއް ހޯދައިފަ އެވެ.