17 އޯގަސްޓް 2023 - 19:56

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މިފަހަރު ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންގެ ވާހަކަތައް ހުރީ ހުދުމުހުތާރުވެރިކަމެއް ކުރަން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ކެންޑިޑޭޓެއްގެ ނަން ވިދާޅުނުވިޔަސް ވަގުތުން މިވެނި ކަމެއް ހުއްޓުވާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވާ ކަމުގެ ކަންބޮޑުވުންފާޅުކުރެއްވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. އެ ބޭފުޅުން ގެންދަވަނީ ސިޔާސަތުތައް ހާމަކުރައްވައި ވެރިކަމުގެ ފަސް އަހަރަށް ވައުދުތަކެއް ވެވަޑައިގަންނަވަމުންނެވެ.
ވެރިކަމަށް އާދެވުމުން ވަކި ކަމެއް ކުރަން ނުވަތަ ހުއްޓުވާން ވިދާޅުވާ އިރު ގާނޫނު ކޮބައިތޯ މައުމޫން ސުވާލު އުފެއްދެވި އެވެ.
"ކޮބައިތޯ ގާނޫނު. ކޮބައިތޯ ޑިއު ޕްރޮސެސް،" މައުމޫން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިތުރުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ.
އަމިއްލަ ގޮތުން ވާދަކުރައްވަން ފޯމު ހުށަހެޅުއްވީ މައުމޫންގެ ދަރިކަލުން، އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ހަސަން ޒަމީލެވެ.