މުއިއްޒުގެ ޒުވާނުންނާއި ބޯހިޔާވަހިކަމާ ގުޅޭ ސިޔާސަތު އަންނަ ހަފުތާގައި ލޯންޗުކުރަނީ
މުއިއްޒުގެ ޒުވާނުންނާއި ބޯހިޔާވަހިކަމާ ގުޅޭ ސިޔާސަތު އަންނަ ހަފުތާގައި ލޯންޗުކުރަނީ

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމާއި ޒުވާނުންނާ ގުޅޭ މެނިފެސްޓޯ އަންނަ ހަފްތާގައި ލޯންޗުކުރާނެ ކަމަށް މުއިއްޒުގެ ކެމްޕެއިނު ޓީމުން މިއަދު ބުނެފި އެވެ.

މުއިއްޒުގެ ކެމްޕެއިނު ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެމްޕެއިނު އެސިސްޓެންޓް މެނޭޖަރު، މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒް ރަޝީދު ވިދާޅުވީ ކެމްޕެއިނު ޓީމުން މިހާރު ކުރަމުން އަންނަ ކަމަކީ ރަށްރަށަށް ގޮސް ރައްޔިތުންގެ ހާލަތު ދެނެގަތުން ކަމަށެވެ.

ރަށްރަށުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނައިރު، ބައެއް ސިޔާސަތުތައް ހާމަކުރަމުން އަންނަ ކަން ފާހަގަކުރައްވައި މުއާޒު ވިދާޅުވީ މާލެ އާއި ބޮޑެތި ރަށްރަށުގައި ބޮޑެތި ސިޔާސަތުތައް ހާމަކުރާނެ ކަމަށެވެ.

"މި މަހުގެ 20 ވަނަ ދުވަހު ބޯހިޔާވަހިކަމުގެ ސިޔާސަތު، ކެންޑިޑޭޓް އިއުލާނުކުރައްވާނެ، އަދި ޒުވާނުންގެ މެނިފެސްޓޯ 25 ވަނަ ދުވަހު އިއުލާނުކުރާ ގޮތަށް މިއޮތީ ހަމަޖައްސާފައި،" މުއާޒު ވިދާޅުވި އެވެ.

ދުވަސްތަކަށް ބަހާލައިގެން ސިޔާސަތުތައް އާންމުކުރުމަށް ފަހު، މެނިފެސްޓޯ ފަހުން އެކުގައި އާންމު ކުރާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.

މުއިއްޒުގެ މެނިފެސްޓޯ މިހާތަނަށް އާންމުކޮށްފައި ނެތަސް، ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގެންދަވަނީ އެކިއެކި ވައުދުތައްވެ، ސިޔާސަތުތައް ހާމަކުރައްވަމުންނެވެ.