17 އޯގަސްޓް 2023 - 10:32

މީހެއްގެ މައްޗަށް އިއްވި ޖަލު އަދަބުގެ ލުޔެއްގެ ގޮތުން ކުރި ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވާތީ، އޭނާ އަލުން ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން އެ މީހާގެ މައްޗަށް އިއްވީ ހަ މަހާއި 25 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ޖަލު ހުކުމްގެ ބަދަލުގައި ލުޔެއްގެ ގޮތުން އުގޫބާތް، ޖޫރިމަނާއަކަށް ބަދަލުކުރި އެވެ. އެއީ، 41،000ރ. އެވެ.
އެކަމަކު، އެ ފައިސާ ދައްކަން އޮތް މުއްދަތުގައި އެކަން ކޮށްފައި ނުވާތީ، އަދަބު ރިވިއު ކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކޯޓަށް ހުށަހެޅި އެވެ. ފައިސާ ނުދެއްކި އޮތީ އެކަން ކުރުމަށް އެއްވެސް އިދާރާއަކުން އަންގާފައި ނުވާތީ އާއި ކޯޓުން ނިންމި ނިންމުމުގެ އެއްވެސް ލިޔުމެއް ލިބިފައި ނުވާތީ ކަމަށް އޭނާ ބުނެފައި ވެ އެވެ.
ކޯޓުން ބެލިބެލުމުން އެނގުނު ގޮތުގައި، މައްސަލަ ނިންމި ގޮތުގެ ރިޕޯޓް އެ މީހާއާ ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް، ޖޫރިމަނާގެ އެއްވެސް ފައިސާއެއް އޭނާ ދައްކާފައެއް ނުވެ އެވެ.
އެހެންވެ، ނުދައްކާ ޖޫރިމަނާގެ އަދަބު އަލުން ޖަލު ހުކުމަކަށް ބަދަލުކޮށް ހަ މަހާއި 25 ދުވަހަށް އޭނާ ޖަލުގައި ބަންދުކުރުމަށް ކޯޓުން އަމުރުކުރި އެވެ.