17 އޯގަސްޓް 2023 - 11:58

އިންޑިއާއިން ރާއްޖެއަށް 7،000 އަށް ވުރެ ގިނަ ފޮތް ހަދިޔާކޮށްފި އެވެ.
މިއީ މި އަހަރު ކުރީކޮޅު އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައި އިއުލާނުކުރެއްވި، 215 ސްކޫލެއްގައި "އެންރިޗިންގް ސްކޫލް ލައިބްރަރީޒް" ޕްރޮޖެކްޓްގެ ދަށުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ 10،000 އަށް ވުރެ ގިނަ ފޮތުގެ ފުރަތަމަ ބެޗެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިއްޔެ ޖަމާލުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި 7،115 ފޮތް ހަދިޔާކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި އެކި ދާއިރާތަކުގެ ފޮތް ހިމެނެ އެވެ.
އެ ފޮތްތައް ހަވާލުކޮށްދެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ. ފޮތްތަކާ ހަވާލުވެ ވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޖައިޝަންކަރާ އެކު މަޝްވަރާކުރެއްވި، ލައިބްރަރީތައް މުއްސަނދި ކުރުމުގެ މަޝްރޫއު ހަގީގަތަކަށް ވުމަކީ ދިވެހި ދަރިވަރުންގެ އުނގެނުމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ.