ވިޔަފާރިވެރިޔާ އާއްޓޭ ޕީޕީއެމާ ގުޅިވަޑައިގެންފި
ވިޔަފާރިވެރިޔާ އާއްޓޭ ޕީޕީއެމާ ގުޅިވަޑައިގެންފި

މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އިދިކޮޅު ޕީޕީއެމަށް މިރޭ ސޮއިކުރައްވައިފި އެވެ.

ވިޔަފާރިވެރިޔާ އާއްޓޭ ޕީޕީއެމާ ގުޅިވަޑައިގެންފި
ވިޔަފާރިވެރިޔާ އާއްޓޭ ޕީޕީއެމާ ގުޅިވަޑައިގެންފި

އެޕޯލޯ ކުންފުނީގެ ކުރީގެ އެއް ހިއްސާދާރު އަދި މިހާރު ލޮޓަސް ފިހާރަތައް ހިންގަވާ އާއްޓޭ ޕީޕީއެމާ ގުޅިވަޑައިގަތީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ދ. ހުވަދޫގަ އެވެ. އޭނާގެ ފޯމާ ހަވާލުވެވަޑައިގަތީ މުއިއްޒެވެ.

އާއްޓޭއަކީ ވަރަށް ކުރިއްސުރެ ފެށިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެކި ކަހަލަ ވިޔަފާރިތައް ކުރައްވާ ކާމިޔާބު ވިޔަފާރިވެރިއެކެވެ.

ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އާއްޓޭއަކީ އެ ޕާޓީގެ އެތެރޭގެ ކޯޅުމުގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރުގެ ބޭފުޅެކެވެ. އެންމެ ފަހުން 2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ބ. އޭދަފުށި ދާއިރާ އަށް ވެސް ވާދަކުރެއްވި އެވެ.

އެމްޑީޕީ ބައިބައިވެ ނަޝީދު ފަޅީގައި އެންމެ ފަހުން އާއްޓޭ ހުންނެވި ނަމަވެސް ޕީޕީއެމަށް މިރޭ ސޮއިކުރެއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައި ނަޝީދަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެމްޑީޕީ ރޫޅާލާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވިޔަސް ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ޕްރޮމޯޓް ކުރުމާއި އެމްޑީޕީ ރޫޅާލުމަށް ވުރެ ބޮޑަށް ދިމާކޮށްލެއްވި ތަން ފެނުނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒާ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ދަންނަވާނީ ރައީސް ނަޝީދަށް ވެސް މަނިކުފާނަކަށް އެމްޑީޕީ ރޫޅައެއް ނުލެވޭނެއޭ ތިހެން ވީމަކާއެއް. ރޫޅާލަން ބޭނުމިއްޔާ ތިބޭފުޅާ ޖެހޭނީ ހަމަ އެ ކަމަށް ފޯކަސް ކުރާށޭ. އެހެން ނޫނިއްޔާ އެ ބޭފުޅާ އަށް އެންމެ ފަހުން އެމްޑީޕީ ރޫޅާލެވޭނީ ކިހިނެއްތޯ؟ މި އިންތިހާބުން އެމްޑީޕީ ބަލިވެގެން ރޫޅާލެވޭނީ،" އާއްޓޭ ވިދާޅުވި އެވެ.

އާއްޓޭ މިރޭ ޕީޕީއެމާ ރަސްމީކޮށް ގުޅިވަޑައިގަތަސް ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިންގައި އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.