ރިޔާސީ އިންތިހާބަށް އިތުރު 300 އޮފިޝަލުން ބޭނުންވޭ: އިލެކްޝަން
ރިޔާސީ އިންތިހާބަށް އިތުރު 300 އޮފިޝަލުން ބޭނުންވޭ: އިލެކްޝަން

ރިޔާސީ އިންތިހާބަށް ބޭނުންވާ އަދަދަށް އޮފިޝަލުން އަދިވެސް ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ބުނެފި އެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ އިންތިހާބަށް 5،500 އޮފިޝަލުން ބޭނުންވެ އެވެ. މިއަދު ހުޅުވާލި އެ ފުރުސަތު ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މިހާރު ލިބިފައިވާ އޮފިޝަލުންގެ އިތުރުން 300 މީހުން ބޭނުންވާ ކަމަށެވެ.

އޮފިޝަލުން ލިބުމުގައި ދަތިތަކެއް ހުރިކަން ހަބީބް ވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ފާހަގަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އިންތިހާބުގެ އޮފިޝަލުންނަށް ވުމަށް ލިބޭ ތަރުހީބު އުއްމީދުކުރިވަރަށް ވުރެ ކުޑަ ކަމަށެވެ.

އެންމެ އުނދަގުލީ ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށިތައް ކައިރީ މަސައްކަތް ކުރާނެ އޮފިޝަލުން ހޯދުމަށް ކަމަށް ހަބީބު ވިދާޅުވި އެވެ.

އޮފިޝަލުން ހޯދުމަށް އިއުލާން ކޮށްފައިވާއިރު، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ރާއްޖޭގެ މީޑިއާތަކުން 4،545 މޮނިޓަރުންނާއި ސިޔާސީ ޕާޓީތަކާއި ރާއްޖޭގެ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން 3.607 އޮބްޒާވަރުންގެ ހުށަހަޅާފައިވާ ކަމަށް މިއަދު އީސީން ވަނީ ބުނެފަ އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލާ 574 މަރުކަޒު ގާއިމްކުރާއިރު، މި ފަހަރުގެ އިންތިހާބު ވެގެން ދާނީ ރާއްޖޭން ބޭރުގެ މޮނިޓަރުންނާއި އޮބްޒާވަރުން ވެސް އެންމެ ގިނަ އަދަދަކަށް ހަރަކާތްތެރިވާ އިންތިހާބަށް ކަމަށް ހަބީބު ވިދާޅުވި އެވެ.

އެގޮތުން މި އިންތިހާބުގައި 150 އަށްވުރެ ގިނަ، ރާއްޖެއިން ބޭރުގެ އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.