16 އޯގަސްޓް 2023 - 12:31

ކުދިން ހެދިބޮޑުވުމުގައި ދިމާވާ މައްސަލަތައް އަވަހަށް ދެނެގަތުމަށް ހިންގާ "ސްކޫލް ބޭސް އިންޓަވެންޝަން ޕްރޮގްރާމް" ކެއާ ސޮސައިޓީން ހުޅުމާލޭ ލިޓްލް ޖެމްސް ޕްރީ ސްކޫލުގައި ފަށަން ނިންމައިފި އެވެ.
"ސްކޫލް ބޭސް އިންޓަވެންޝަން" ޕްރޮގްރާމަކީ ކުއްޖާގެ ޅަފަތުގައި ހެދި ބޮޑުވުމުގެ މަރުހަލާތަކަށް ކުރިމަތިވެދާނެ ލަސްކަމެއް ވީހާވެސް އަވަހަކަށް ދެނެގަނެ ގަތުމަށް ހިންގާ ޕްރޮގްރާމެކެވެ. އެކަމަށް ބޭނުންވާ އެކިއެކި ހުނަރު ދިނުމަށް ޓީޗަރާއި ބެލެނިވެރިޔާ އަދި ކަމާބެހޭ ފަންނީ ބޭފުޅުން އެކުވެގެން ސްކޫލާއި ގޭގައި އެ ޕްރޮގްރާމްގެ ބައިތައް ކުރިއަށްގެންދާނެ އެވެ.
މިއީ ލިޓްލް ޖެމްސްގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ އަހަރު ދުވަހަށް ހެދި އެއްބަސްވުމެކެވެ.
ކެއާ ސޮސައިޓީން ބުނީ އެ ސޮސައިޓީގެ ކަމާބެހޭ ފަންނީ ބޭފުޅުން ލިޓްލް ޖެމްސް ޕްރީ ސްކޫލުގައި ކޮންމެ ހަފްތާއަކު ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޓީޗަރުންނާއި ކުދިންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ކެއާ ސޮސައިޓީން ބުންޏެވެ.
ލިޓްލް ޖެމްސް ޕްރީ ސްކޫލުގެ ބެލެނިވެރިންނާއި ސްކޫލް މެނޭޖްމަންޓަށް ބޭނުންވާ ފަންނީ އިރުޝާދާއި ލަފާ ވެސް ކެއާ ސޮސައިޓީން ދޭނެ އެވެ.
ޕްރީ ސްކޫލްތަކަށް އަމާޒުކޮށްގެން ކެއާ ސޮސައިޓީން ހިންގާ އެ ޕްރޮގްރާމް ލިޓްލް ޖެމްސް ޕްރީ ސްކޫލުގެ އިތުރުން މާލޭގެ އިތުރު ދެ ސްކޫލެއްގައި ހިންގަ އެވެ. އެއީ ދޮންދޫނި ލިޓްލް ލާނާސް އަދި މާފަންނު މަދަރުސާ އެވެ.