ރިޔާސީ އިންތިހާބު: މާލޭގައި އިތުރު ހަތް ފޮށި ބަހައްޓަނީ
ރިޔާސީ އިންތިހާބު: މާލޭގައި އިތުރު ހަތް ފޮށި ބަހައްޓަނީ

މާލޭގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރި މީހުން ގިނަވުމުން، އިތުރު ހަތް ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ނިންމައިފި އެވެ.

ރިޔާސީ އިންތިހާބު: މާލޭގައި އިތުރު ހަތް ފޮށި ބަހައްޓަނީ
ރިޔާސީ އިންތިހާބު: މާލޭގައި އިތުރު ހަތް ފޮށި ބަހައްޓަނީ

އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރީ-ރަޖިސްޓްރީ ކުރި މީހުންގެ އަދަދަށް ބަލައި، މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އަދި ރާއްޖެ އިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ 40 ވޯޓު ފޮއްޓަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެ މީހަކު ރަޖިސްޓްރީވެފައިވާ ފޮށީގެ މައުލޫމާތު އީސީގެ ވެބްސައިޓްގައިވާ އެކަމަށް ހާއްސަ ޕޯޓަލް އިން ބަލައިލެވޭނެ އެވެ. އެސްއެމްއެސް ކޮށްގެން ވެސް ޗެކު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

އީސީން ބުނި ގޮތުގައި، މި ރިޔާސީ އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެ އެވެ. އޭގެ ތެރެއިން 176 ވޯޓު ފޮށި ބަހައްޓަނީ ހަމައެކަނި މާލެ ސަރަހައްދުގަ އެވެ. ރާއްޖެއިން ބޭރުގެ ފަސް ގައުމެއްގައި އަށް ވޯޓު ފޮށި ބަހައްޓާނެ އެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބެނީ 282،395 މީހަކަށެވެ. މި އިންތިހާބުގައި ވޯޓުލުމަށް 42،867 މީހަކު ރީ-ރަޖިސްޓާކޮށްފައިވެ އެވެ.

މި އަހަރު އަލަށް ވޯޓުލާ ޒުވާނުންގެ އަދަދަކީ 27،006 މީހުންނެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ މަހު ނުވައެއްގަ އެވެ. އަދި ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ، ވޯޓުލުން އޮންނާނީ އަންނަ މަހު 30 ގަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރެ އެވެ. އެއީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ފަރާތުން ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހިމާއި އެމްއެންޕީން މުހައްމަދު ނާޒިމާއި ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބެވެ. އަމިއްލަ ގޮތުން ވާދަކުރައްވަނީ ހަސަން ޒަމީލާއި ފާރިސް މައުމޫނާއި އުމަރު ނަސީރެވެ.