01 ފެބުރުއަރީ 2017 - 16:13

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބިން ގަންނަން ހުޅުވާލުމުން 300 އަށް ވުރެ ގިނަ މީހުން އެކަމަށް އެދި ރަޖިސްޓްރީކޮށްފި އެވެ.

ބިން ގަންނަ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް މިއަދު ހޮޓެލް ޖެންގެ ބޯލް ރޫމުގައި ބެހެއްޓި ޑެސްކަށް ލިޔެކިއުންތައް ހުށަހަޅަން ގިނަ ބަޔަކު ކިޔޫގައި ތިއްބެވެ. އެ ތަނުގައި ތިބި ގިނަ މީހުން ފޯމް ހުށަހެޅުމަށް ގަޑިއެއްހާ އިރަށް މަޑުކުރަން ޖެހުނެވެ. އަދި ފޯމް ހުށަހަޅަން ދިން ވަގުތު ހަމަވި އިރު ވެސް އެތައް ބަޔަކު ކިޔޫގައި މަޑުކޮށްގެން ތިއްބެވެ.
އެތަނުގައި ފޯމް ހުށަހަޅަން ގޮސް ހުރި މީހަކު ބުނީ ދެ ވަނަ ފިޔަވަހިން ބިން ގަންނަން ބޭނުން ވަނީ މިހާރު އިއުލާންކޮށްފައިވާ އަގާ މެދު ހިތް ހަމަޖެހޭތީ ކަމަށެވެ.
"މާކެޓް ރޭޓަށް ރޭޓަށް ބަލާއިރު ކުޑަ އަގެއްގައި ބީލަން ފެށެނީ. އެހެންވެ ބިޑްކުރަން ނިންމީ. އެކަމަކު މާ ބޮޑު އަގެއް ހުށަހަޅަން ނުވިސްނަން،" އެ މީހާ ބުންޏެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ބިން ވިއްކަން ފުރަތަމަ ހުޅުވާލި ފުރުސަތުގައި ބިން ގަންނަން ރަޖިސްޓްރީވުމަށް ގޮސް ތިބި ބައެއް މީހުންނަކީ މިހާރު ވެސް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ބިން ގަނެފައިވާ ފަރާތްތަކެވެ. އޭގެ ތެރޭގައި ބައެއް ވިޔަފާރިވެރިން ވެސް ހިމެނެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ.
ދެވަނަ ފިޔަވަހިން މިފަހަރު ވިއްކަން ނިންމާފައި ވަނީ 101،954.33 އަކަފޫޓުގެ ބިމެވެ. އެތަނުން ބިން ވިއްކަން ނިންމާފައި ވަނީ އަތިރިމައްޗަށްވާ ގޮތަށާއި އަތިރިމައްޗާ ކައިރިންނެވެ. އެގޮތުން ކޮންމެ މީހަކަށް ވެސް ގިނަވެގެން ގަނެވޭނީ އެއް ބިމެވެ. އަދި ގަންނަން ހުށަހެޅޭނީ 2،000 އަކަފޫޓާއި 6،000 އަކަފޫޓާ ދެމެދުގެ ބިމެވެ. އެތަނުން ބިން ވިއްކަން ހަމަޖެހިފައި ވަނީ އަކަފޫޓެއް 3،000ރ.ގެ ރޭޓުންނެވެ.
އެޗްޑީސީން ބުނީ ދެ ވަނަ ފިޔަވަހިން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ރަޖިސްޓްރީކުރުމަށް ފަހު، ބީލަން ހުށަހެޅުމާއި ހުޅުވުން މިމަހުގެ ހަ ވަނަ ދުވަހު ހޮޓެލް ޖެންގައި ބާއް ވާގޮތަށް ވަނީ ހަމަޖައްސައިފައި ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން 76 ބިން ވިއްކަން މިދިޔަ އޮގަސްޓް މަހު ވެސް ހުޅުވާލި އެވެ. ނަމަވެސް ބިން ވިއްކުން މަޑުޖައްސާލީ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ބޭއްވި ބައްދަލުވުންތަކުންނާއި އެހެނިހެން ގޮތްގޮތުން އެ ފަރާތްތަކުން ހިއްސާކޮށްފައިވާ ހިޔާލުތަކަށް ބެލުމަށް ފަހު ބިން ވިއްކުމުގެ އުސޫލަށް މުހިއްމު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ފެނިގެން ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން އެފަހަރު ވިއްކަން ހުޅުވާލީ ދެ ކެޓަގަރީއަކުން 1000-1800 އަކަފޫޓުގެ 76 ބިމެވެ. އެއީ ބީޗު ފްރަންޓުން ވިއްކާ 38 ޕްލޮޓާއި ބީޗު ސައިޑުން ވިއްކާ 38 ޕްލޮޓެވެ.