16 އޯގަސްޓް 2023 - 07:16

އާދިއްތަ ދުވަހާ ގުޅޭ
"ސީމާގެ އެއްކަލަ ދައްތަ ދަންޖެހިފަ ހުއްޓާ ފެނިގެން އެބަ އުޅޭ!" މަންސޫރު ބުންޏެވެ.
"އޭނ؟" ފައިސަލަށް ބުނެވުނެވެ. "ޔަގީންތަ؟"
"ތި ބުނީ ދަންޖެހުނުކަން ޔަގީންހޭތަ؟" މަންސޫރު ވެސް ކުރީ ސުވާލެކެވެ. "ޔަގީނެއް ނޫން. ދަންޖައްސާފައޭ ވެސް އެބަ ކިޔާ. އޭނަގެ ތިމާގެ މީހަކާ އަހަރެންގެ ރައްޓެއްސަކު އިން. އޭނަ ބުނަނީ ދަންޖައްސާފައޭ. ނޫހުގަ އޮތީ ދަންޖެހިފައޭ. އޭނަގެ ފިރިމީހާއަށް ފެނުނީ ވެސް. އޭރު ވެސް ފުރާނައެއް ނެތޯ. ފިރިމީހާޔާ ސީމާޔާ ގުޅުމެއް އޮވެޔޭ ވެސް ކޮމެންޓެއްގަ އޮތް. ވަރަށް އަތް ހިމޭނުން ނޯންނަ ފިރިހެނެކޯ އެއީ. އަހަރެންގެ ވާހަކައަކީ، އަހަރުމެންގެ މަސައްކަތް ދެން ވަރަށް ފަސޭހަވާނޭ. މެދުނުކެނޑި އެ ކަން ނުކުރަންޏާ އެ ކަމުން ސަލާމަތްވާން ތަންކޮޅެއް ފަސޭހަވާނެ. ކޮން އިރަކުން މި ކޮޅަށް އަންނަނީ؟"
"ގިނަވެގެން ދެ ދުވަސްކަމަށް ބަލާ!" ސިކުނޑީގައި ހިސާބުހަދާލައިފައި ފައިސަލް ބުންޏެވެ.
ފައިސަލް ވަގުތުދިނީ ސިރާޖަށެވެ. ސިރާޖު އެނބުރިއައީ ނާކާމިޔާބުވެގެންނެވެ.
"އަހަރެން ވަރުބަލިވެގެން ރޮދިކޮށިއްޖެ!" އެނދަށް ވެއްޓިގަންނަމުން ސިރާޖު ބުންޏެވެ. "ހިނގާ ފުރަމާ! މާތް ކަލާނގެޔާ ވަކީލު!"
މާލެއައި އިރު ރިންދާއަށް އޮތީ ދަތުރުގެ ވާހަކަ އަޑުއިވިފައެވެ. އެ ހިސާބުން އަނެއްކާ އަނެއް މައްސަލަ ފެށުނެވެ. މާގިރި ރެސްޓޯރަންޓުގެ ހާމަފެންޑާގައި ދެ މީހުން އިންސާފުކުރީ ރޭގަނޑުގެ ކެއުމަކަށެވެ. ދެކެވުނީ ދަތުރުގެ ވާހަކައެވެ. ވައިފިނިވެފައި ހަމަހިމޭން ރޭގަނޑެކެވެ. ބަހުސް ވަރަށް ހޫނެވެ.
"އަހަންނަށް ވެސް އެނގޭ އަހަރެންގެ ޕާމިޝަން ހޯދާކަށް ނުޖެހޭނެކަން،" މަޒުލޫމަށް ވެގެން، އަމިއްލައަށް ނިކަމެތިވެގެން ރިންދާ ވާހަކަދެއްކިއެވެ. "އަހަރެންމީ ކާކު؟ ކޮން ރައިޓްސްއެއް އޮތީ؟ ފްރެންޑެއްގެ ފަރާތުން އެ ވާހަކަ މި އިވުނީ ވެސް."
"އަހަރެން ކިތެއް ފަހަރު ބުނެފިން އަހަރެން ބުނީމޭ!" ފައިސަލް ބުންޏެވެ. "ރިންދާ ހަނދާންނެތީމަ އަހަރެން ކީއްކުރާނީ؟ މާދަމާ ފުރަންޏާ މިރޭ ވެސް މެސެޖުކުރިން. ވެއިޓް! މެސެޖެއް ނޫން. ގުޅާފަ ބުނީ."
އެ ފަދަ އެއްވެސް ހަނދާނެއް ރިންދާގެ ސިކުނޑިއަކު ހަރުލާފައެއް ނެތެވެ.
"ދެން އޯކޭ! ކީކޭ ވައިފް ބުނީ؟" ރިންދާ އެހިއެވެ. "ގޮވައިގެންތަ ތި އައީ؟"
ފައިސަލް ވިސްނައިލިއެވެ. ތެދަށް ބުނެފިއްޔާ މައްސަލަޖެހޭނެކަން ފައިސަލަށް ޔަގީނެވެ.
"އޭނަ ބޭނުމެއް ނޫން އަހަންނާ ފޭސްކުރާކަށް،" ފައިސަލް ބުންޏެވެ. "އޭނައަށް އެނގޭ އޭނައަށް ހެދުނު މިސްޓޭކްސް. އެހެންވެ ގިލްޓީވަނީ. އަހަރެން ދިޔައީ އަހަރެން މެރީކުރާ ވާހަކަ ބުނެލަން. ހުއްދަހޯދާކަށް ނޫން. ހަމަ އެކަނި ބުނެލަން. ތަންކޮޅެއް ރީތިކޮށް މިކަން ގެންދާނަމޭ ހިތާ!"
ރިންދާއަށް ނެގުނީ މުޅީން އެހެން މާނައެކެވެ. ފައިސަލް ދިޔައީ އާމިރާ ބަލައެވެ. އަންނަންހުރި ނަމަ އާމިރާ ގެނައީހެވެ. ރިންދާ ބާކީވީހެވެ. ރިންދާއަށް ވުރެ އާމިރާ ދެކެ ފައިސަލް ލޯބިވެއެވެ. ވާ ގޮތަކީ އެއީއެވެ. ފައިސަލް ބޭނުންވަނީ ރިންދާ ދުރަށް ކޮއްޕައިލާށެވެ. ނަސީބު ދިމާކުރި ގޮތުން ފައިސަލަށް އެ ފުރުސަތު ނުލިބުނީއެވެ. އެކަމަކު އެ ވާހަކަ ނުދައްކާ ހުންނަން ރިންދާގެ ހިތް ދެކޮޅުހެދިއެވެ.
"އެންމެ ރަނގަޅު! އާމިރާ އަންނަން އެއްބަސްވި ނަމަ ފައިސަލް ކިހިނެއް ހަދާނީ؟" ރިންދާ އެހިއެވެ.
"ތީ ބޭކާރު ސުވާލެއްނު!" ފައިސަލް ޖަވާބުދިނެވެ. "އޭނައެއް ނައޭ!"
"އައި ނަމަ؟" ރިންދާ އަނެއްކާ ވެސް އެހިއެވެ. "ތަންކޮޅެއް ފަސޭހަކޮށްލަންތަ؟ އައި ނަމަ އަހަރެންތަ ބާކީވާނީ؟ ޔޭސް؟ ނޯ؟"
"ނޯ!" ފައިސަލް ދިނީ ރިންދާ އަހަން ބޭނުންވާނެ ޖަވާބެވެ. "ރިންދާއަކަށް އަދި ވެސް ނޭނގޭތަ އަހަރެން ކިހާ ލޯބިވާކަމެއް؟ ކިހިނެއް ހެދިއްޔާ ޔަގީންވާނީ؟"
"މެރީކުރީމަ!" ވަގުތުން ރިންދާ ބުންޏެވެ.
ދޮށީގައި ކުއްލިއަކަށް މަސް ގަތުމާއެކު ޒިޔާން ކަންވާރު އޮޅަން ފެށިއެވެ. ފައިސަލްގެ ދޮށި ބާއްވާފައި ދުވެފައި އައިސް ޒިޔާނަށް ހިތްވަރުދޭން ފެށިއެވެ. ދެބަފައިން ތިބީ މާލޭ ހުޅަނގުފަރާތު ވާޓަރުމަތީގައެވެ. ވަގުތަކީ ހަވީރު ވަގުތެވެ. ޒިޔާން ކަންވާރު ދަމަދަމާހުއްޓައި، ބުޅި ކަނޑައިލާފައި މަސް ރައްކާވިއެވެ.
"ނޮޓް އެގެއިން!" ޒިޔާނަށް ބުނެވުނެވެ. "ތިންވަނަ ފަހަރަށް އެހެން އެވީ!"
"ތީ ބައްޕަ ވެސް ވަރަށް ފޫހިވާކަމެއް،" ފައިސަލް އެއްބަސްވިއެވެ. "އެކަމަކު މީ ތާ މި ގޭމުގެ މަޖާކަމަކީ. ބައެއް ފަހަރު އަހަރުމެން މޮޅުވާނީ. އަނެއްބައި ފަހަރު މަސް މޮޅުވާނީ. ކޮންމެ ގޮތެއް ވިޔަސް ކިހާ މަޖާ؟ ހިނގާ ބުޅިއެއް ލަމާ! ބުޅިލާން ވެސް ދަރިފުޅު ދަސްކުރަންވީއޭ. ހީވެދާނެ ވަރަށް އުނދަގޫ ކަމެކޭ! ޕެނެލްޓީޖަހަން ދަސްކުރި އިރު ވެސް ހީވިއެއްނު."
ބުޅިލުމުގެ މަސައްކަތް ފެށުނެވެ. ޒިޔާން ނިކަން ރަނގަޅަށް ބަލަން އިނެވެ.
"މިހާރު ޒިޔާން ޖަހާ ޕެނަލްޓީ ލާހިކެއް ނޫން މަތަކުރާކަށް،" ޒިޔާން ބުންޏެވެ. "ސީދާ މަތީ ކަނަށް."
ތީގެ މާނައަކީ، ދަރިފުޅު މި ފަހަރު ޓީމަށް އަރާނޭ؟" ފައިސަލް އެހިއެވެ.
"މި ފަހަރު ކޮންޕެޓީޝަން ވަރަށް ބޮޑުވާނެ،" ޒިޔާން ޖަވާބުދިނެވެ. "ކޯޗު ބުނީ ޕެނެލްޓީ ޖަހަން މޮޅެތި ކުދިންނަށް މި ފަހަރު އެޑްވާންޓޭޖު ބޮޑުވާނޭ. ކޯޗަށް ވަރަށް ޔަގީނޯ މި ފަހަރުގެ ޓީމުތައް ވަރަށް އެއްވަރުވާނެކަން."
"ދެން ޑެޑީ އަހާލަންޖެހޭ ވާހަކައެއް ވެސް އެބަ އޮތޭ! ދަރިފުޅަށް ޔަގީންތަ ޑެޑީއާ ރިންތައާ މެރީކުރަންވީކަން؟" ފައިސަލް އަނެއްކާ ވެސް އެހިއެވެ. "އާ ޔޫ ހަންރެޑް ޕަސަންޓް ޝުއަރ؟"
"ޑެޑީ ބިރުގަންނަނީ ދޯ؟" ހީނގެންފައި ޒިޔާން އެހިއެވެ.
"ކީއްވެ ތިހެން ތި ބުނީ؟" ފައިސަލް ވެސް ހީނގެންފައި އެހިއެވެ.
"ޑެޑީ އަހާވަރުން. ކީއްވެގެން ތި ވަރަށް ތިއަހަނީ؟" ޒިޔާން ބުންޏެވެ. "ޖަސްޓު ޑޫ އިޓް! މަންމަ ވެސް ނައެއްނު!"
"މި ވަރަށް މިއަހަނީ، ޑެޑީއާ ރިންތައާ މެރީކުރާ އިރަށް ރިންތަ ވާނީ ދަރިފުޅުގެ މަންމައަކަށް،" ފައިސަލް ވިސްނައިދިނެވެ. "ޑެޑީ އެބަ ބޭނުންވޭ ރިންތައަށް ދަރިފުޅު މަންމަ ކިޔަން އެއްވެސް މައްސަލައެއް އޮތްތޯ ވެސް ބަލަން."
"ނެތް މައްސަލައެއް،" ޒިޔާން ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "އެކަމަކު ދެން ނާހަތި އިނގޭ!"
"އެއީކީއްވެ؟" ފައިސަލް އެހިއެވެ.
"ފަހަރެއްގަ ޒިޔާންގެ މައިންޑް ޗޭންޖުވެދާނެ." ޒިޔާން ބުންޏެވެ.
ދެބަފައިން އެކުގައި ހީނގަތެވެ. ފައިސަލްގެ ނަޒަރުގައި، ކައިވެނީގެ ފުރަތަމަ މަރުހަލާގައި ވާންހުރި ހުރިހައި ތައްޔާރީއެއް އެ ހިސާބުން ނިމުނީއެވެ. ފަސްއެނބުރި ބެލުމެއް ދެނެއް ނެތެވެ. ވިސްނުން ބަދަލުކުރުމެއް ވެސް ނެތެވެ. ދެން އޮތީ ދެވަނަ މަރުހަލާއެވެ.
ރިންދާ ބަދިގޭގައި ތަންކޮޅެއް ބުރަކޮށް އުޅުނު ދުވަހެކެވެ. ފިޔާކޮށަމުން، ކޮނޑާއި ބޮލުން ފޯނު ހިފާއްޓައިގެން ރިންދާ ވާހަކަދެއްކިއެވެ.
"އާނ! ބޭނުން ކޮންމެ އިރަކު ވެސް މަންމައަށް އާދެވޭ ގޮތަށް އޮތީ،" ޔަގީންކަމާ އެކުގައި ރިންދާ ބުންޏެވެ. "އެކަމަކު ބައްޕަޔާ މިހާރުގެ ވައިފާ އުޅެނީ އެއްކޮށް އިންޑިޔާއަށް ގޮސްގެނޭ މަ ބުނީމެއްނު. އެ މީހުން ތިބި ގެ ކަމުނުދާތީ އެހެން ގެއަކަށް ބަދަލުވާންވެގެން އުޅެނީ. އެކަން ހަމައަކަށް އަޅުވާލާފަ ބައްޕައަށް އާދެވޭނީ. ޓައިމްކޮޅެއް ނަގާނެ."
މަގުމަތީގައި ހުރި ހިޔާގަނޑަކަށް ސައިކަލު ހުއްޓައިލައިގެން ފައިސަލް އިނެވެ.
"ކިހާ ދުވަހެއް ނަގާނެ؟" ފައިސަލް އެހިއެވެ. "އަހަރެން ބޭނުން ވީހާ ވެސް އަވަހަކަށް މި ކަން ކުރަން. ބައެއް މީހުން ހީކުރަނީ އެއްވެސް މީހަކާ އިނދެގެނެއް އަހަންނަކަށް ނޫޅެވޭނޭ. މިއަދު އޮފީހަށް އައި ރައްޓެއްސަކު ވެސް އެހެން ބުނެފި. ގާތްގަނޑަށް ކިހާ ދުވަހެއް އަދި ވާނެ؟"
"ސީދާ ބުނާކަށް ނޭނގެ. އެކަމަކު އެހާ ލަހެއް ނުވާނެހެން ހީވަނީ. ޒިޔާން ކައިރީ އެއްކަލަ ވާހަކަ އަހައިފިންތަ؟ ކީކޭ ޒިޔާން ބުނީ؟" އެ ސުވާލު ރިންދާއަށް ވެސް ވަރަށް މުހިންމެވެ.
"އޭނަ އޯކޭ. އިއްޔެ ވެސް އަހަރެން އެހިން. މަންމަ ކިޔަން ވެސް އޭނަ ރެޑީ،" ވަރަށް އުފާވެފައި ފައިސަލް ބުންޏެވެ. "ކޯޗެއް ތި ހަދަނީ؟ ހާދަހާ ވަސް ރަނގަޅޭ! މި ދަނީ ކާން."
"ދައްތަ އަތުން ބޮނޑިއެއް ކާން ބޭނުމިއްޔާ އާދޭ!" ހީނގެންފައި ރިންދާ ބުންޏެވެ. "މިހާރު ވެސް ދުރުގަ އެބަ ހުރި އަހަންނަށް ލޯއަޅައިގެން. ބާއްވަނީ!"
"އާ އޯކޭ! ބޭއްވީ!" ހެމުންހެމުން ފައިސަލް ބުންޏެވެ.
އެސްޓީއޯ ސްޕަމާކެޓުގައި މީހުން ގިނަ ނަމަވެސް، އެކަކު ވެސް އެއްޗެއް ގަންނާކަށް ނޫޅެއެވެ. ތަނުގައި އެނބުރެނީއެވެ. ސިރާޖު ފިޔަވައެވެ. ސިރާޖު ހިފައިގެންހުރި ވަށިގަނޑަށް ލައްކަ ގިނަ ސާމާނު އެޅިއެވެ. ދާދި ގާތުގައި، ގާޑިޔަލެއް ހިފައިގެން ފައިސަލް ހުއްޓެވެ. ގާޑިޔާ ބޮޑަސް އެއަކު މާ ގިނަ އެއްޗެއް ނެތެވެ.
"ކަލެއަށް ހީވަނީ ކިހިނެއް؟" ފައިސަލް އެހިއެވެ. "އަހަންނާ ރިންދާ ގުޅޭތަ؟ ހީވޭތަ މި ގަހުގަ މޭވާއަޅާނެހެން؟ ނޫނީ މި ވާނީ ސައިބޯނިބޮތްކަކަށްތަ؟"
"ކިހިނެއް އަހަންނަށް އެނގެނީ؟" ސިރާޖު ބުންޏެވެ. "ޖަމަލުފޮޑިއަކަށް ވެސް ވެދާނެ. އަޑު ބާރުވާނީ. ވަހެއް ނުހުންނާނެ."
"ތިއަށް ވުރެ ރަނގަޅު މިސާލު ހުންނާނެ ދޯ؟" ސައިފަތް ހަރުގަނޑުގައި ހުރި ފޮށިތަކުގެ ބޭރު ބަލަމުން ފައިސަލް ބުންޏެވެ. "ކަލޭ އަންހެނުންގެ ބެސްޓުފްރެންޑާ ވިއްޔަ އިންނަން މި އުޅެނީ. ރިންދާގެ މިޒާޖު އަހަންނަށް ވުރެ ރަނގަޅަށް ކަލެއަށް އެނގޭނެ. ލަފައެއް ދޭން އޮތިއްޔާ މިހާރު ދީ."
"ދެވިދާނެ. ކަލޭ ވެސް ހިންދީ ފިލްމު ބަލަމެއްނު ދޯ؟ ދެކެންތަ އެ މީހުން ކޯރު ކައިރިއަށް ގޮސް އެއްޗެހި ދޮންނަތަން؟" އަތުން ހަރަކާތް ދައްކައިލަމުން ސިރާޖު ބުންޏެވެ. "އޭގެން ކޮންމެވެސް އިބުރަތެއް ހާސިލުކުރޭ!"
"އަހަރެން ކުރި ސުވާލާ ތިއާ އޮތް ގުޅުމެއް ބުނެދީފާނަން؟" ފައިސަލް އެދުނެވެ.
"ގުޅުމެއް ނެތް! އަހަރެންގެ ސިކުނޑީގަ ތެތްކަމެއް ވެސް ނެތް!" ސިރާޖު އެއްބަސްވިއެވެ. "އެހެންނޫނަސް ސަތޫއާ އިންފަހުން، ހިލޭއަންހެނުންނަށް ބެލުން އަހަރެން ހުއްޓާލައިފިން. ކަލޭ އާމިރާޔާ އިނީ ފޮތެއްހެން އާމިރާ ދަސްކޮށްފައޭ ބުނި. ވީކަމެއް އެބަ އޮތް؟ ފޮތް އެހެރީ އިންޑިޔާގަ. ކަލޭ ތިހިރީ ހީރަސްކޮޅު ހިފައިގެން މިތާ!"
ސިރާޖު ވާހަކަދައްކަމުންގެންދިޔަ އިރު، ތަންކޮޅެއް ދުރުގައިހުރި އަންހެނެއްގެ ހަރަކާތްތައް ފައިސަލްގެ ލޮލުގައި އަޅައިގަތެވެ. ބުރުގާއަޅައިގެންހުރި އެ އަންހެންމީހާ އުޅޭ ގޮތުން ހީވަނީ އޭނަގެ މޫނު ފައިސަލަށް ނުދައްކަންއުޅޭހެންނެވެ. ފައިސަލް ކައިރިވާ ވަރަކަށް އޭނަ އެނބުރެނީ އަނެއް ފަރާތަށެވެ.
ނުނިމޭ