އައިފާ އެވޯޑްސްގެ އެއާލައިން ސްޕޮންސަރަކަށް ގަތަރު އެއާވޭސް
އައިފާ އެވޯޑްސްގެ އެއާލައިން ސްޕޮންސަރަކަށް ގަތަރު އެއާވޭސް

އިންޑިއާގެ ފިލްމީ ދާއިރާގެ މަޝްހޫރު އައިފާ އެވޯޑްސްގެ އެއާލައިން ސްޕޮންސަރަކަށް ގަތަރު އެއާވޭސް ހަމަޖައްސައިފި އެވެ.

ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި މި ހަފްލާ އޮންނާނީ މި މަހު 23-27 އަށެވެ. މި ހަފްލާގައި ބައިވެރިވާން މެޑްރިޑަށް ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ގަތަރު އެއާވޭސް އިން ވަނީ ފަށާފަ އެވެ.

އެގޮތުން ހާއްސަ ޑިސްކައުންޓް އަގެއްގައި ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން ޓިކެޓް ބުކްކުރެވޭނީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އެ ޓިކެޓްގައި ދަތުރު ކުރެވޭނެ އެވެ.

"ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާގެ ފިލްމީ ދާއިރާ ވަނީ ވަރަށް ބޮޑަށް ކުރިއަރާފައި. އެކަން ފެނިގެން ދަނީ މިފަދަ ބޮޑެތި އެވޯޑުތަކުން. އަޅުގަނޑުމެން މިހާރު މި ވަނީ އައިފާ ފަދަ ބޮޑު ހަފްލާއެއްގައި ބައިވެރިވާ ފަރާތްތަކަށް އަޅުގަނޑުމެންގެ ފުރިހަމަ ހިދުމަތް ދޭން ތައްޔާރު ވެފައި،" އެ އެއާލައިނުގެ ސީނިއަ ވައިސް ޕްރެސިޑެންޓް ޔޫރަޕް، ޖޮނަތަން ހާޑިން ވިދާޅުވި އެވެ.

މި އަހަރުގެ އެވޯޑް ހަފްލާ ހުށަހަޅައިދެނީ މަޝްހޫރު ބޮލީވުޑް އެކްޓަރުން ކަމަށްވާ ފަރްހާން އަހުތަރު އާއި ޝާހިދް ކަޕޫރެވެ. އަދި ޕްރިޔަންކާ ޗޯޕްރާ، ދީޕިކާ ޕަޑުކޯން، ސޮނާކްޝީ ސިންހާ އަދި ޓައިގާ ޝްރޮފް ފަދަ ތަރިންގެ ހާއްސަ ހުށަހެޅުންތަކެއް ފެނިގެން ދާނެ އެވެ.

މި ހަފްލާގައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގެ ތަރިން ވެސް ބައިވެރިވާނެ އެވެ.