15 އޯގަސްޓް 2023 - 13:06

ޝަރަފުވެރި ޖީ-20ގެ ރިޔާސަތާ އިންޑިއާއިން ހަވާލުވީ ވަރަށް އުނދަގޫ އަދި ގޮންޖެހުން ބޮޑު މާހައުލެއްގެ ތެރޭގައި ވަނިކޮށެވެ.

މިއަދު ދިމާވަނީ ތަފާތު ކުލަތަކާއި ދަރަޖަތަކުގެ ކާރިސާ އެވެ. އެއީ މޫސުމަށް ވިޔަސް ނުވަތަ ޖިއޮޕޮލިޓިކްސް އަށް ކަމުގައި ވިޔަސް މެއެވެ. ޖީ-20ގެ ރިޔާސަތުގެ ހައިސިއްޔަތުން އިންޑިއާ އަށް އެންމެންގެ ބައިވެރިވުން ހިމެނޭ ފަދައިން އިންސާނުންނަށް އަހައްމިޔަތުކަން ދެވޭ ދުނިޔޭގެ ނިޒާމަކަށް މިސްރާބުޖެހުމުގައި އިސްކޮށް ހުރުމުގެ ހާއްސަ ފުރުސަތު ވަނީ ފަހި ވެފަ އެވެ.

ޖީ-7 ޕާޓްނަރެއްގެ ހައިސިއްޔަތުން، ހަމައެހެންމެ ބްރިކްސް އަދި ކުއާޑްގެ މެމްބަރެއްގެ ހައިސިއްޔަތުން، އަދި އެސްސީއޯ އާއި ޖީ20ގެ މިހާރުގެ ރިޔާސަތުގެ ހައިސިއްޔަތުންނާއި "ވޮއިސް އޮފް ދަ ގްލޯބަލް ސައުތު"ގެ ހައިސިއްޔަތުން، ތަރައްގީވަމުން އަންނަ ގައުމުތަކާއި ކުރިއަރާފައިވާ އިގުތިސާދުތަކާ ދެމެދު ފާލަމެއްގެ ގޮތުގައި މަސައްކަތް ކުރަމުން، ދުނިޔޭގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ދެމެހެއްޓެނިވި އަދި މާނަހުރި ހައްލުތަކާއި ނަޒަރިއްޔާތައް ހުށަހެޅުމުގެ ޝަރަފު އިންޑިއާ އަށް ވަނީ ލިބިފައެވެ.

އިންޑިޔާއާ މެދު އޮތް ބޮޑު އުއްމީދަކީ، ކުރިއަރަމުން އަންނަ ބޮޑު އިގުތިސާދެއްގެ ހައިސިއްޔަތުން ވެރިކަމުގެ ނިޒާމާއި، ބިލިއަނަށް ވުރެ ގިނަ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އުފެއްދުންތެރި އަދި ދުރުރާސްތާ ފިޔަވަޅުތަކެއް ތަންފީޒުކޮށްފައިވާ ކަމުން، އެ ގައުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދެވޭނެ ފަދަ ބާރެއްކަމުގައި ދެކެވުމެވެ. މި މަސްއޫލިއްޔަތު ބޮޑުވެގެން ދާ ސަބަބަކީ، ވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ހިންގުމުގެ އޮނިގަނޑުތައް މެދުވެރިކޮށް ފާއިތުވި އަހަރުތަކުގައި ކުރިމަތިވެފައިވާ ކާރިސާތައް ހުއްޓުވުމުގައި ނުކުޅެދި އަދި ހައްލު ނުވެހުރިކަމުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައި ވަނީ މި ނިޒާމުގެ ނާކާމިޔާބީގެ ނަތީޖާ އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށްކަމީ ހިތާމައާ އެކު ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ. އެތައް އަހަރުތަކަކަށް ފަހު، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުން ފެޔައްޖެހިގެން ދިއުމުގެ ނުރައްކާ މިއަދު އެބައޮތް ކަމަށެޗެ.

އެހެންކަމުން، ޖީ-20ގެ ރައީސްކަމުގެ ދައުރުގައި އެންމެ އިސްކަމެއް ދެއްވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔޭގެ މުސްތަގުބަލެއް އެކުލަވާލުމަށާއި، އެކި ދާއިރާތަކުން އިންޑިޔާގެ ބެސްޓް ޕްރެކްޓިސްތައް ހިއްސާ ކުރުމަށެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީ މިދިޔަ އަހަރު ބާލީގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ޖީ-20 ޕްރެޒިޑެންސީ އަކީ "އިންކްލޫސިވް، އުންމީދީ، ނިންމުންތެރި އަދި އެކްޝަން އޮރިއެންޓެޑް" އިންތިހާބަކަށް ވާނެ ކަމަށެވެ.
އިންކްލޫސިވިޓީގެ މި އެކްސަސައިޒް ފެނިގެންދިޔައީ ޖީ-20 ގެ ބައްދަލުވުންތައް ވެރިރަށުގައި އެކަނި ބޭއްވުމުގެ ބަދަލުގައި އިންޑިއާގެ އެހެން ސްޓޭޓްތަކުގަ އާއި ޔޫނިއަން ޓެރިޓަރީއެއްގައި ބާއްވަން ނިންމުމުންނެވެ. މިހާތަނަށް އިންޑިއާގެ އެކި 48 ތަނެއްގައި 131 ޖީ-20 ބައްދަލުވުން ބާއްވާފައިވާއިރު، އޭގައި ނުހިމެނެނީ ދެ ސްޓޭޓަކާއި ޔޫނިއަން ޓެރިޓަރީތައް އެކަންޏެވެ.
އިންޑިޔާގެ ޖީ-20 ގެ ވެރިކަމުގެ ޝިއާރު ކަމުގައިވާ "ވަސުދައިވަ ކުޓުމްބަކަމް" ނުވަތަ "ވަން އާތު ވަން ފެމިލީ ވަން ފިއުޗާ" މި ޝިއާރަކީ މަހާ އުނިޝާދުގެ ޒަމާންވީ ސަންސްކްރިތު ލިޔުމުން ނަގާފައިވާ ޝިއާރެކެވެ. މައިގަނޑު ގޮތެއްގައި، މި ޝިއާރުގެ ދަށުން އިންސާނުންނާއި، ޖަނަވާރުންނާއި، ގަސްގަހާގެހި، އަދި މައިކްރޯ-އޯގަނައިޒަމް ފަދަ ދިރުންތަކުގެ އަގު ވަޒަންކޮށް، ފުޅާ ދުނިޔޭގައި، އެ ދިރުންތަކުގެ ގުޅިލާމެހިފައިވާކަން ކަށަވަރުކޮށްދެއެވެ.
މި ޝިއާރުގެ ދަށުން “އެލް.އައި.އެފް.އީ” ލައިފްސްޓައިލް ފޯ އެންވަޔަރަންމަންޓް އާ ގުޅުންހުރި، ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި އަދި ޒިންމާދާރު ޚިޔާލުތަކެއް، ފަރުދީ ދިރިއުޅުމުގެ ވައްޓަފާޅި އާއި، ގައުމީ ތަރައްގީގެ ފެންވަރުގައި، ދުނިޔޭގެ ފެންވަރުގައި ޓްރާންސްފޯމޭޓިވް އެކްޝަންތައް ހިންގުމުގެ ނަތީޖާއެއްގެ ގޮތުން، ސާފު، ފެހި އަދި ނޫ މުސްތަގުބަލެއް ގެނައުމަށް މަގުފަހިކޮށްދެއެވެ.
މި ޝިއާރަކީ، ދެމެހެއްޓެނިވި ގޮތެއްގައި، ހޯލިސްޓިކް، ޒިންމާދާރު، އަދި އެންމެން ބައިވެރިވާ ގޮތަށް، މި ހަލަބޮލި ދަނޑިވަޅުގައި ދުނިޔޭގެ އެންމެންނަށް އިންސާފުވެރި އަދި ހަމަހަމަ ކުރިއެރުމެއް ހޯދައިދިނުމަށް މަސައްކަތް ކުރާ އިންޑިއާގެ ޖީ-20 ގެ ވެރިކަމުގެ ވަރުގަދަ މެސެޖެކެވެ.
އިންޑިޔާގެ ޖީ-20ގެ ރިޔާސަތުގައި ދައުވަތު ދޭ ފަރާތްތަކުން އިންކްލޫސިވިޓީގެ އެހެން ސިފައެއް ދައްކުވައިދެއެވެ. އިންޑިޔާގެ ޖީ-20 ގެ ރިޔާސަތުގައި އެފްރިކާ ތަމްސީލުކުރާނީ ސައުތު އެފްރިކާ (ޖީ-20 މެމްބަރު)، ކޮމޮރޯސް (އެފްރިކަން ޔޫނިއަންގެ ރައީސް)، ނައިޖީރިއާ، މިސްރު (ދައުވަތު ދޭ ގައުމު އަދި ނެޕެޑް ޗެއާ) އަދި މޮރިޝަސް އެވެ.
އިންޑިޔާގެ ރިޔާސަތުގައި ޖީ-20ގައި ބައިވެރިވުން އޮންނަނީ ހަމައެކަނި މެންބަރުންނަށް ނުވަތަ ދައުވަތު ދޭ ގައުމުތަކަށް އެކަނި އެއް ނޫނެވެ. މަޝްވަރާތަކުގެ އަސާސް މުއްސަނދިކޮށް ފުޅާކުރުމުގެ ގޮތުން އެހެން ގައުމުތަކާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ވެސް ވަނީ ޖީ20ގެ ވަކި ބައްދަލުވުންތަކަށް ދައުވަތު ދީފައެވެ.
މިސާލަކަށް ނޫ އިގްތިސާދުގެ ޝައުގުވެރިކަމާއި ތަޖުރިބާ ހުރި ނޯވޭއަށް ވަނީ ކަނޑާ ބެހޭ ގޮތުން ބޭއްވި ޖީ-20 ގެ ބައްދަލުވުމަށް ދައުވަތު ދީފައެވެ. ހަމައެފަދައިން އިންޑިއާގެ ރިޔާސަތުގައި ހިންގާ ޖީ20ގެ ގްލޯބަލް ޕާޓްނާޝިޕް ފޯ ފައިނޭންޝަލް އިންކްލޫޝަން (ޖީޕީއެފްއައި) ގައި ގާތްގަނޑަކަށް 40 ޤައުމަކާއި ސަރަހައްދީ ޖަމިއްޔާތައް ހިމެނެއެވެ. މިއީ ތަރައްގީވަމުން އަންނަ ގައުމުތަކާ އެކު ފައިނޭންޝަލް އިންކްލޫޝަންގެ ބެސްޓް ޕްރެކްޓިސްތަކާއި މޮޑެލްތައް ހިއްސާ ކުރުމަށް ބާއްވާ ފޯރަމެކެވެ.
ބޮޑުވަޒީރު މޯދީ ތަކުރާރުކޮށް ވިދާޅުވާ ފަދައިން، ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅިއަކީ ތިމާވެއްޓަށް ވަރަށް މުހިންމު އެއްޗެކެވެ.
"އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ މޫސުމަށް އަންނަ ބަދަލުތަކަށް އަޅުގަނޑުމެން ވެފައިވާ ވައުދުތަކާއި އެއްގޮތައް ބައްޓަންކުރަންޖެހޭ އެއްޗެކެވެ." "ޕްރޯ ޕްލެނެޓް ޕީޕަލްސް މޫވްމަންޓް" ހިންގުމަށް ބޮޑުވަޒީރު މޯދީ ގޮވާލެއްވުމަކީ އޭގެ އެންމެ އަސާސީ މާނައިގައި އިންކްލޫސިވިޓީގެ ހަރަކާތެކެވެ. މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ހަމައެކަނި ކޮންފަރެންސް މޭޒުތަކުން މަސައްކަތް ކުރުމުގެ ބަދަލުގައި ހުރިހާ ސުފުރާ މޭޒުތަކެއްގައި ތިބޭ އިރުވެސް މިކަމާއި ހަނގުރާމަ ކުރަން ޖެހޭ ކަމަށް އިންޑިއާ އިން ގަބޫލުކުރެއެވެ.
މިކަން ޙާޞިލުކުރުމަށްޓަކައި ކޮންމެ ފަރުދަކުވެސް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ސާކިއުލާ އިކޮނޮމީ އާއި "ވޭސްޓް ޓު ވެލްތް" އަކީ ވެސް ޖީ-20 ޕްރެޒިޑެންސީގެ ދަށުން އިންޑިއާ އިން އިޝްތިހާރު ކުރަން ގަސްދުކުރާ މުހިންމު ކޮންސެޕްޓްތަކެކެވެ.
ޖީ-20ގެ ރިޔާސަތުގައި އިންޑިޔާގެ އިންކްލޫސިވް އެޕްރޯޗް އަށަގެންނެވުމަކީ، ތަރައްޤީއާއި ކުރިއެރުމަށް އެޤައުމުން މިހާރު ގެންގުޅޭ ދާޚިލީ ވިސްނުމުގެ އިތުރު ހަރުފަތެކެވެ. މިއީ މުޖުތަމައުގެ ހުރިހާ ގިންތިތަކަކާއި، ޚާއްޞަކޮށް ނިކަމެތި ގިންތިތައް ޝާމިލުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ. މިސާލަކަށް ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ ނަގާށެވެ. އެކަމުގެ ސަބަބުން ތަރައްގީގެ މަންފާ ސީދާ ގައުމުގެ ހުރިހާ ކަންކޮޅުތަކެއްގެ ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ދެފުށް ފެންނަ، ފަސޭހަކަމާއި، ކޮރަޕްޝަންގެ ޢަމަލުތަކުން އެއްކިބާވެފައިވާ ގޮތަކަށް، މިއަމާޒަށް ވާސިލުވެފައިވާ ސަރުކާރެއް ޤާއިމްކުރުމަށް މަގުފަހިވެއްޖެއެވެ.
އެގޮތުން ޑައިރެކްޓް ބެނެފިޓް ޓްރާންސްފާ ސްކީމަކީ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ހިންގަމުން އައި ސްކީމްއެކެވެ. ހަމައެއާއިއެކު، އައިޑެންޓިޓީ ކާޑުގެ "ޖަން ދަން އާދަރް" ޓްރިނިޓީ އާއި ހެޔޮ އަގުގައި އިންޓަނެޓް ޓެލެފޯނީ ރޭޓާއި "ބޭންކިން ދަ އަންބޭންކޭބަލް" ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
މި ސްކީމްގެ ދަށުން މިހާރު 480 މިލިއަން އިންޑިޔާ ރައްޔިތުންގެ އަމިއްލަ ބޭންކް އެކައުންޓް ހުޅުވި ސަރުކާރުންދޭ ނޭޝަނަލް ރޫރަލް ލޭންޑްލެސް އެމްޕްލޯއިމަންޓް ގެރެންޓީ ސްކީމް ނުވަތަ ޕްރަދާން މަންތުރީ ގަރިބް ކަލްޔާން ޕެކޭޖް ފަދަ ޕްރޮގްރާމްތަކުގެ ފައިސާ ލިބެއެވެ.
"ޕްރަދާން މަންތުރީ ޖަން ދަން ޔޯޖަނާ"ގެ ސަބަބުން އަންހެނުންނަށް ވަރަށް ބޮޑަށް ފައިދާ ވެއެވެ. ޖަން-ދަން އެކައުންޓްތަކުގެ ތެރެއިން 56 އިންސައްތަ އަކީ އަންހެނުން ކަމަށްވާތީ އާއި އޭގެތެރެއިން 67 އިންސައްތަ އެކައުންޓް ހުންނަނީ ރަށްފުށުގައި އަދި ސެމީ އާބަން ސަހައްދުތަކުގައި ވުމުންނެވެ. މިކަމުން ސާބިތުކޮށްދެނީ އިންޑިޔާގެ މި ތަރައްގީގެ ޕްރޮގްރާމް ވަނީ އެންމެ ފުރިހަމަ ގޮތުގައި އިންކޫސިވް ސިފަތަކުގެ މައްޗަށް ބިނާކޮށްފައިކަމެވެ. އެހެންވީމާ، އިންޑިޔާގެ ޖީ-20 ގެ ރިޔާސަތުގައި "ވިމަން ލެޑް ޑިވެލޮޕްމަންޓް"އަށް މިހާ ބޮޑު އިސްކަމެއްދެވިފައިވާކަމީ ހައިރާންވާންވީ ކަމެއް ނޫނެވެ.
ހަމަ އެފަދައިން އާންމު ސިއްހަތާ މެދު ގެންގުޅުއްވާ ވިސްނުމަކީ ވެސް އިންކްލޫސިވް ވިސްނުމެކެވެ. ކޯވިން ޕްލެޓްފޯމް މެދުވެރިކޮށް ދެ ބިލިއަނަށްވުރެ ގިނަ ވެކްސިން ރައްޔިތުންނަށް ވަނީ ދެވިފަ އެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ޕަބްލިކް ފަންޑުން ހިންގާ ހެލްތް އިންޝުއަރެންސް ސްކީމް ކަމަށްވާ "އަޔޫޝްމަން ބާރަތު" ސްކީމްގެ ސަބަބުން 500 މިލިއަނަށް ވުރެ ގިނަ ރައްޔިތުންގެ ދިރިއުޅުމަށް ވަނީ ހެޔޮ އަސަރުކޮށްފަ އެވެ.
އެގޮތުން އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާ އަނެއް ދާއިރާއަކީ އިންޑިއާގެ އެކި ހިސާބުތަކުގައި 110 މިލިއަނަށްވުރެ ގިނަ ނަރުދަމާގެ ނިޒާމު ގާއިމްކުރެވި އެ ހިދްމަތް ލިބުމެވެ. މީގެ އިތުރުން 150 މިލިއަން ގޭބިސީގެ ތެރެއިން ގާތްގަނޑަކަށް 110 މިލިއަން ގޭބިސީ އަށް ވެސް ގޭގައި ބޯފެން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފަ އެވެ. އެގޮތުން "ހަރް ގަރް ޖަލް" އިނީޝިއޭޓިވް އަމާޒަކީ ކޮންމެ ގޭބިސީއަކަށް ވެސް ފެނުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ. މިއީ އިންޑިޔާގެ ހުރިހާ ރައްޔިތުން، ހާއްސަކޮށް މުޖުތަމައުގެ ނިކަމެތި ގިންތިތަކުގެ މީހުން ބައިވެރިކުރުމުގެ މަގުސަދުގައި، އިންކްލޫސިވް ޑިވެލޮޕްމަންޓަށް އިންޑިޔާއިން ކުރާ މަސައްކަތުގެ ބައެއް މިސާލުތަކެވެ.
އެންމެންގެ ބައިވެރިވުން ކަށަވަރުކުރުމުގައި ހުރި ގޮންޖެހުމަކީ ކޮންމެ ރައްޔިތަކައްވެސް އެކަން ފޯރުކޮށްދެވިފައިވުމާ އެކު، އަސާސީ ބޭނުންތައް ފުއްދައިދީ، އިޖްތިމާއީ ރައްކާތެރިކަމުގެ އެހީތެރިކަން އެކަށީގެންވާ މިންވަރަށް ލިބެމުންދާކަން ކަށަވަރުކުރުމުގައެވެ. އިންޑިޔާއިން ދަނީ މިކަމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް އިންޑިއާގެ ހާރިޖީ ސިޔާސަތުގެ މުހިންމު މަގްސަދަކީ ދުނިޔޭގެ އެންމެންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރުމެވެ. ހައިޑްރޮކްސިކްލޮރޮކުއިން ފަދަ ބޭސްތައް ދުނިޔޭގެ 190 އަށް ވުރެ ގިނަ ޤައުމުތަކަށް އިންޑިއާއިން ހިއްސާކޮށްފައިވާއިރު، "ވެކްސިން މައިތުރީ" ޕްރޮގްރާމް މެދުވެރިކޮށް 150 އަށް ވުރެ ގިނަ ގައުމުތަކާ އެކު "މޭޑް އިން އިންޑިއާ" ވެކްސިން ވެސް ހިއްސާކޮށްފައިވެއެވެ.
ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އިންޑިއާގެ ތަރައްގީގެ އެހީގެ މިންވަރު ދެގުނަ އިތުރުވެ، ލައިން އޮފް ކްރެޑިޓް 14 ބިލިއަން ޑޮލަރުން ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރަށް ވަނީ ފުޅާވެފައެވެ.
މީގެ އިތުރުން އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ތެރޭގައި، އިންސާނީ ހަރަކާތްތަކާއި ކާރިސާތަކުން އަރައިގަތުމުގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި އިންޑިޔާ ހިމެނެއެވެ.
އިންޑިއާގެ ޖީ-20 ރިޔާސަތުގެ މައިގަނޑު އަސާސަކީ "ޖަން ބަގީދާރީ" ނުވަތަ ރައްޔިތުންގެ ބައިވެރިވުން ފުޅާކުރުމެވެ. އަދި އެކަމުގެ ސަބަބުން ޖީ-20އަށް ޤައުމުގެ ތެރޭގައި ވަރަށް ބޮޑު ތަރުހީބެއް އެބައޮތެވެ.
ސެމިނާތަކާއި ކޮންފަރެންސްތަކާއި ކުއިޒް މުބާރާތްތަކާއި މޮޑެލް-ޖީ20 އަދި ފެސްޓިވަލްތައް މެދުވެރިކޮށް ޖީ20 އާ ގުޅުންހުރި އިވެންޓްތަކުގައި އާންމުންގެ ބައިވެރިވުން ބޮޑުވުމަކީ ޖީ20 ގެ ރިޔާސަތުގެ ހިއްސާދާރުންނަށް ގޮތުގައި ބައިވެރިވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ޖީ-20 ގެ ފިނޭންސް މިނިސްޓަރުންނާއި ޖީ20 ސެންޓްރަލް ބޭންކުގެ ގަވަރުނަރުންނަށް ބޮޑުވަޒީރު މޯދީ ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން، ޖީ-20 ގައި "ދުނިޔޭގެ އެންމެ ނިކަމެތި ރައްޔިތުންނާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް" ސަމާލުކަން ދޭން ޖެހެއެވެ. އެގޮތުން ޖީ-20 ގެ ރިޔާސަތާއި އިންޑިއާ ހަވާލުވިތާ މާ ގިނަ ދުވަސްތަކެއްނުވެ، 125 ގައުމެއްގެ ވެރިންނާއި ސަރުކާރުތަކާއި ވަޒީރުން ބައިވެރިވެވަޑައިގެންނެވި ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓް މި ވިސްނުމުގެ މައްޗައް ވަނީ ބާއްވާފައިއެވެ.
މަލްޓިލޭޓަރަލް އިންސްޓިޓިއުޝަންތައް ޑިމޮކްރަޓައިޒްކުރުމާއި އިޞްލާޙުކުރުމަކީ ފާއިތުވި އަހަރުތަކުގައި އިންޑިޔާގެ ބައިނަލްއަގުވާމީ ވާހަކައިގެ މައިގަނޑު މައުޟޫއަކަށް ވެފައިވާއިރު، އިންޑިޔާގެ އަމާޒަކީ ޖީ-20ގެ ޤައުމުތަކުގެ މެދުގައި ހުރިހާ ކަމެއްގައި އިއްތިފާގުވެ، އެ ގައުމުގެ ވެރިކަމުގައި ވަކި ނަތީޖާތަކެއް ޙާޞިލުކުރުމެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު އުފެދުނު ދުނިޔޭގެ ނިޒާމު މިހާރު ވަނީ ނުކުޅެދި ދުނިޔޭގެ ނަޒަރުގައި އޭގެ މުހިންމުކަން ގެއްލިފައެވެ. އެހެންކަމުން މި ދަނޑިވަޅުގައި އިންޑިއާ އަކީ އުއްމީދުގެ ހުޅުކޮޅެއް ގޮތުގައި ދެކެވޭނެއެވެ.
ބޮޑުވަޒީރު މޯދީ ވިދާޅުވެފައިވާ ފަދައިން، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތަރައްގީގެ ދަތުރުތަކުގައި ވެވެން އޮތް ކޮންމެ ގޮތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިޔާ އޮތީ ތައްޔާރަށެވެ. 2030 ވަނަ އަހަރުގެ ތަސައްވުރުގައި، އިންޑިއާގެ ތަޖުރިބާއާއި، އިލްމާއި، ބެސްޓް ޕްރެކްޓިސްތައް ހިއްސާކޮށް އެންމެން އެކުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި، ރައްޔިތުން ބާރުވެރިކުރުވުމަށް ކުރިއަށް ގެންދިއުމަށް، އިންޑިޔާއިން އުފަލާއެކު ހިއްސާވާނެއެވެ. ބޭނުމަކީ މުޖުތަމައުތަކާއި އިގްތިސާދުތައް އެންމެން އެކުގައި ބަދަލުކުރެވޭނެ "ސިމްޕަލް، ސްކޭލެބަލް އަދި ދެމެހެއްޓެނިވި ހައްލުތައް" ދެނެގަތުމެވެ.
އިންކްލޫސިވިޓީ އަށް ފުރިހަމައަށް އިތުބާރުކޮށް، ކުރިއެރުމާއި ތަނަވަސްކަމުގެ މަގަށް އެންމެން ގެންގޮސް، ނަމޫނާ ދައްކައިގެން ކުރިއަށް ދިއުމުގެ މާނަ އިންޑިއާއިން ވަނީ ދައްކައިދީފައެވެ. ދުނިޔޭގެ އެތައް ކާރިސާއެއްގެ އަސަރު އެންމެންނަށް ވެސް ކުރާ މި ދަނޑިވަޅުގައި، ވަސުދައިވާ ކުޓުމްބަކަމްގެ ޝިއާރު ދިރުވައި ދެމެހެއްޓުމުގެ މުހިންމުކަމަކީ މި ހާލަތުގައި އެންމެ މުހިންމު އެއް ކަމެވެ.
އެޑިޓަރުގެ ނޯޓް: މިއީ، އިންޑިއާގެ 76 ވަނަ މިނިވަން ދުވަހާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ޝާއިއުކުރާ ލިޔުމެކެވެ.
މި ލިޔުން ލިޔުއްވާފައި ވަނީ އިންޑިއާގެ ޑިޕްލޮމޭޓް ހަރްޝް ވަރްދަން ޝްރިންގްލާ (ފޮޓޯގައި) އެވެ. އޭނާ އަކީ އިންޑިއާގެ ޖީ-20 ރިޔާސަތުގެ ޗީފް ކޯޑިނޭޓަރެވެ. މީގެ ކުރިން އޭނާ ހުންނެވީ އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަގާމުގަ އެވެ. އިންޑިއަން ފޮރިން ސާވިސްގެ 40 އަހަރުގެ ދިގު ހިދުމަތުގައި އޭނާ ވަނީ އެމެރިކާ، ބަންގްލަދޭޝް އަދި ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމު ފުރުއްވައިފަ އެވެ. އޭނާ އަކީ ދެކުނު އެފްރިކާގެ ޑާބަން އަދި ވިއެޓްނާމްގެ ހޯ ޗީ މިން ސިޓީގައި ހުންނަ އިންޑިއާގެ ކޮންސުލް ޖެނެރަލްކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ދެ ދައުރެއްގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު މަލްޓިލޭޓަރަލް ޑިޕްލޮމެޓެކެވެ.