14 އޯގަސްޓް 2023 - 21:58

މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނެގުން މާދަމާ އޮންނާނެ ކަމަށާއި ހުޅުމާލެ އިން ބިން ލިބޭ މީހުންނަށް ގޯތި ކަނޑައި ދިނުމުގެ މަސައްކަތް ވެސް މާދަމާ ފަށާނެ ކަމަށް ނޭޝަނަލް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން މިރޭ ބުނެފި އެވެ.
ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯއްޗަށް 18،955 ފަރާތެއް ޝަރުތު ހަމަވެފައިވާ އިރު އެ ފަރާތްތަކަށް ގޯތި ލިބޭ ތަންތަން ކަނޑައެޅުމަށް ގުރުއަތު ނެގުން ފަށަނީ ގަލޮޅު ދަނޑުގައި މާދަމާގެ ހެނދުނު 11:00 ގަ އެވެ.
އެކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ގުރުލަމުން ދާއިރު ހުޅުމާލެ އިން ގޯތި ލިބޭ ފަރާތްތަކަށް ގޯތި ކެނޑުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.
އެ ފަރާތްތަކަށް ޕްލޮޓު ނަމްބަރު އެނގުމުން ވަކިން ގުޅައި ބިން ކަނޑަން ދާންވީ ތަނާއި ވަގުތު އަންގާނެ ކަމަށް އާރިފް ވިދާޅުވި އެވެ.
"މިވަގުތު އެވައިލަބަލް ބިންތަކުން ގުރުއަތުން ދިމާވާ ބޭފުޅުންނަށް ވަކިން ގުޅުއްވާނެ. ޕްލޮޓު ކަނޑަން ދާންވީ ވަގުތާއި ތަން. މާދަމާ ހަވީރު ޕްލޮޓު ކަނޑާ ދިނުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައި." އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިރޭ 10:00 އިން ފެށިގެން ގުރުއަތު ނަގަން ދާންވީ ވަގުތު، ޕޯޓަލް އިން ފެންނާނެ އެވެ.
އެ ގަޑިއަށް ގަލޮޅު ދަނޑަށް ދިޔުމުން ގޯތި ލިބޭ އަކަފޫޓުން ފޮށިތައް ބަހައްޓާފައި ހުންނާނެ ކަމަށާއި އޭގެން ކޮންމެ މީހަކު ވެސް ނަގާ ކަރުދާސްކޮޅުގައި ޕްލޮޓް ނަމްބަރާއި ގޯތި ލިބޭ ތަން ލިޔެފައި އޮންނާނެ ކަމަށް އާރިފް ވިދާޅުވި އެވެ.