14 އޯގަސްޓް 2023 - 21:56

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމާ ހަވާލުވާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން އެކަހެރިކުރާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނަށް ލ. ގަމުގައި ރޭ ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށެވެ. އެންމެ މުހިންމު ކަމަކަށް، ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން ނޫނީ ބިދޭސީއަކަށް ރާއްޖޭގައި ނުހުރެވޭނެ ގޮތް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ދެ އިހުތިޔާރެއް ދޭނެ އެވެ. އެއީ ގާނޫނީ އިމުގެ ތެރެއަށް ފެތުން ނުވަތަ އަނބުރާ ގައުމަށް ދިއުމެވެ.
"އަޅުގަނޑު [ވެރިކަމާ] ހަވާލުވާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ރަށެއްގައި ތިބި [ގާނޫނާ ހިލާފަށް އުޅޭ ބިދޭސީ] ހުރިހާ މީހުން އެކަހެރިކުރާނަން،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އޭނާ އެކަން ކުރައްވަން ގަސްތުކުރަނީ އެއްވެސް މީހަކަށް އިހާނެތިކޮށް ހިތުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އޭނާ ވަޑައިގެންނެވި ގިނަ ރަށްރަށުގައި ދިވެހިން ތިބީ ވަޒީފާ ނުލިބިފައި ކަމަށާއި އެ މައްސަލަ ހައްލެއް ހޯދޭނީ ބިދޭސީންގެ މައްސަލަ ހައްލެއް ގެނެސްގެން ކަމަށް އޭނާ ދެކިވަޑައިގަންނަވާތީ ކަމަށެވެ.
"އަޅުގަނޑު އެހަކަށް ދުވަހު ށ. ފީވަކަށް ދިޔާމަ އެ ރަށު މީހުން ބުނީ ނާޒިމޭ، މިއަދު ތިމަންނަމެން މިތަނުގައި ކުރާނެ މަސައްކަތެއް ނެތޭ. ދަނޑުވެރިކަމުގައި ތިބީ އެމީހުންނޭ، ރާނާއި ތިމެންތި ޖެހުމުގައި އުޅެނީ އެމީހުންނޭ، އެމީހުން ތިމަންނަންމެންނަށް ވުރެ މާ އަގުހެޔޮކޮށޭ މަސައްކަތް ކުރަނީ،" ނާޒިމް ވިދާޅުވި އެވެ.
އެ ރަށުގައި ވެސް ގިނައީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށް އޭނާ ވިދާޅުވި އެވެ.