01 ފެބުރުއަރީ 2017 - 14:04

ނިއު ދިއްލީ (ފެބްރުއަރީ 1) - އިންޑިއާ އިން އިންކަމް ޓެކްސް ނަގަމުން އަންނަ މިންވަރު ދެބައިކުޅަ އެއްބަޔަށް މަދުކޮށް ފަސް ޕަސެންޓް ނަގަން ނިންމާފައިވާ ކަމަށް މާލީ ވަޒީރު އަރުން ޖައިޓްލީ މިއަދު ވިދާޅުވެއްޖެ އެވެ.
އާ އަހަރުގެ ބަޖެޓް ހުށަހަޅުއްވައިދެއްވަމުން ޖައިޓްލީ ވިދާޅުވީ ސަރުކާރުން މިގެނައި ބަދަލުގެ ސަބަބުން ޓެކްސް ދެއްކުމަށް ގިނަ ބަޔަކަށް ހިތްވަރު ލިބޭނެ ކަމަށެވެ. އަދި 500 އާއި 1،000 ރުޕީސްގެ ނޫޓު މިދިޔަ އަހަރުގެ ފަހުކޮޅު އުވާލުމުން ރައްޔިތުން ތަހައްމަލް ކުރަން ޖެހުނު ބުރައަށް ލުޔެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދަޅުވި އެވެ.
އާމްދަނީގެ ޓެކްސްގެ ގޮތުގައި އިންޑިއާ އިން މިހާތަނަށް ނަގަމުން އައީ 10 ޕަސެންޓެވެ. އާމްދަނީގެ ޓެކްސް ނަގަނީ އަހަރަކު 250،000 ރުޕީސް (3،700 ޑޮލަރު) އާއި 500،000 ރުޕީސްއާ ދެމެދުގެ އާމްދަނީ ލިބޭ މީހުންގެ އަތުންނެވެ. އާ ރޭޓުގެ ދަށުން ޓެކްސް ނަގާނީ އެޕްރީލް މަހުން ފެށިގެންނެވެ.
މާލީ ވަޒީރު ވިދާޅުވީ ބަޖެޓުގައި އިސްކަން ދީފައި ވާނީ ރަށްފުށުގެ މީހުންގެ ތަރައްގީ އަށް ކަމަށެވެ. އަދި ފައިސާގެ ނޫޓުތައް އުވާލުމުން ދަނޑުވެރިންނާއި ފަގީރުންނަށް ލިބުނު ގެއްލުމުން ސަލާމަތް ކުރަން މަސައްކަތްކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިމޭ މާލީ އަހަރުގައި އިންޑިއާގެ އިގްތިސާދު 6.5 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.