ސިޔާސީ މައިދާނަކަށް ނުވަންނާނަން: ޝާހްރުކް ޚާން
ސިޔާސީ މައިދާނަކަށް ނުވަންނާނަން: ޝާހްރުކް ޚާން

ޝާހްރުކް ޚާންގެ "ރައީސް"ގައި އޭނާ ފެންނަނީ ގުޖްރާތުގެ ވަރަށް ވަރުގަދަ މީހެއްގެ ގޮތުގަ އެވެ. މި ފިލްމުގައި އޭނާ ސިޔާސީ މައިދާނަށް ނުކުމެ އިންތިޚާބެއްގައި ވާދަކުރާތަން ވެސް ފެނެ އެވެ.

ނަމަވެސް ޝާހްރުކް ބުނަނީ އޭނާ ހަގީގީ ދިރިއުޅުމުގައި ދުވަހަކު ވެސް ސިޔާސީ ދާއިރާއަށް ވަނުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

"އަހަންނަށް ކުރެވޭނެ ކަންތައް މި ކުރަނީ. އަހަންނަށް ކުރެވޭނެ ކަމަކީ އެކްޓިން. އަހަންނަކަށް ސިޔާސީ ކަންކަމުގައެއް ނޫޅެވޭނެ. ސިޔާސީ މައިދާނަކު މަށަކަށް ކެތެއް ނުވޭ. އަހަރެން ސިޔާސީކަންކަމާ އެއްވެސް ގުޅުމެއް ނޯންނާނެ. އަދި ނުވެސް ބާއްވާނަން،" ޝާހްރުކް ބުންޏެވެ.

"ރައީސް"ގެ ކާމިޔާބީ ފާހަގަކުރުމުގެ ހަފުލާގައި ޝާހްރުކް ބުނީ ސަލްމާން ޚާންގެ "ސުލްތާން" އާއި އާމިރު ޚާންގެ "ދަންގަލް" އާ އެއްވަރަކަށް އޭނާގެ ފިލްމު ނުހިނގިޔަސް އެއީ މައްސަލައެއް ނޫން ކަމަށެވެ. ހުރިހާ ފިލްމެއް އެ މިންގަނޑަކުން މިނުމަކީ ގޯހެއް ކަމަށާއި އުންމީދުކުރި ވަރަށް ވުރެ ވެސް "ރައީސްގެ ވިޔަފާރި ރަނގަޅު ކަމަށް ޝާހްރުކް ބުންޏެވެ.

"އަހަންނަށް މުހިއްމީ ފިލްމު ބަލާ މީހުންނަށް ފިލްމު ކަމުދިއުން. 'ރައީސް' އަށް ފެށުނީއްސުރެ ވެސް ގިނަ މައްސަލަތަކެއް ދިމާވެ ވަރަށް ބޮޑަށް ރިލީޒްކުރުން ވެސް ލަސްވެގެން ދިޔަ. އެކަމަކު އެންމެން ފަހުން ނަތީޖާ ރަނގަޅުވީމަ ހިތްހަމަޖެހުނު،" ޝާހްރުކް ބުންޏެވެ.