14 އޯގަސްޓް 2023 - 11:29

ސިއްހީ ދާއިރާގައި ފާހަގަކޮށްލެވޭ ޖަޕާނުގެ އެންމެ މަގުބޫލު އެއް ބްރޭންޑު "ނިހޯން ކޯޑެން" ބްރޭންޑްގެ ވެންޓިލޭޓަރާއި ޖީ ފައިވް މޮނިޓަރު އެސްޓީއޯއިން ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.
މި ޕްރޮޑަކްޓުތައް ރާއްޖެ އަށް ތައާރަފްކުރުމަށް އެސްޓީއޯއިން ރޭ ކްރޮސްރޯޑްސްގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. މި ރަސްމިއްޔާތުގައި މި ތަކެތި ތައާރަފްކޮށްދެއްވީ ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ތަކެއުޗީ މިދޯރީއެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ސިއްހީ ދާއިރާ އަށް އަލަށް ތައާރަފްކުރި މި ބްރޭންޑުގެ ވަސީލަތްތަކަކީ އައިސީޔޫ އާއި އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން ހޮސްޕިޓަލުގެ ކޮންމެ ޑިޕާޓްމަންޓެއްގައި ވެސް ބޭނުން ކުރެވޭނެ ތަކެއްޗެވެ. މި ތަކެއްޗަށް އަހުލުވެރިކުރުވުމުގެ ގޮތުން ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ތަމްރީނު ޕްރޮގުރާމެއް މިއަދު ވަނީ ފަށައިފަ އެވެ. މި ޕްރޮގްރާމު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
މި ތަމްރީނުތަކަކީ ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރާއި ޖީ ފައިވް މޮނީޓަރުގެ ފީޗާސްތަކާއި، އެކި ބޭނުންތަކުގެ މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އެކި ހާލަތްތަކުގައިވާ ބަލިމީހުންނަށް މި ވަސީލަތްތައް ބޭނުންކުރާނެ ގޮތް ދަސްކޮށްދޭނެ އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ އަށް އަލަށް ތައާރަފްކުރި މި ބްރޭންޑަކީ ސިއްހީ ދާއިރާގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމެއްގެ ގޮތުގައި އެސްޓީއޯއިން ފާހަގަކުރެ އެވެ.