ގޯތީގެ ދާއިމީ ލިސްޓް މިރޭ އާންމުކުރަނީ، 18،955 ފަރާތަކަށް ލިބޭނެ
ގޯތީގެ ދާއިމީ ލިސްޓް މިރޭ އާންމުކުރަނީ، 18،955 ފަރާތަކަށް ލިބޭނެ

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ހޯދުމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 18،955 ފަރާތަކަށް ގޯތި ދޭން ނިންމައި އެ ފަރާތްތަކުގެ ނަމާއެކު ދާއިމީ ލިސްޓް މިރޭ އާންމުކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މިދިޔަ މަހު ތެރޭ އާންމު ކުރި ގޯތި ލިސްޓަށް ލިބުނު ޝަކުވާތައް އިވެލުއޭޓް ކުރުމަށް ފަހު އިރުކޮޅެއްގެ ތެރޭ ދާއިމީ ލިސްޓު އާންމު ކުރާނެ ކަމަށެވެ.

އަކްރަމް ވިދާޅުވީ ވަގުތީ ލިސްޓުގައި ޝަރުތު ހަމަވާ ފަރާތްތަކުގެ 97 ޕަސެންޓަށް ގޯތި ލިބޭ ކަމަށާއި އެއީ ގާތްގަނޑަކަށް 18،955 ފަރާތެއް ކަމަށެވެ. އަދި ގުރުއަތު ނެގުމަށް ފަހު އެ ހުރިހާ ފަރާތްތަކަށް މި ދައުރު ނިމުމުގެ ކުރިން ގޯތި ހަވާލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނޮވެމްބަރު 11 ގެ ކުރިން ހުރިހާ ފަރާތްތަކަށް [18،955 ފަރާތަކަށް] ބިން ކަނޑާ ރަޖިސްޓްރީ ހަވާލު ކުރާނަން،" އަކްރަމް ވިދާޅުވި އެވެ.

ގޯތި ލިބުނު ފަރާތްތަކުގެ އަދަދު އިތުރުވެފައި ވަނީ, އަކްރަމް ވިދާޅުވި ގޮތުގައި ކުރިން ޝަރުތު ހަމަ ނުވާ ފަރާތްތައް ވެސް ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ކުރިމަތިލުމުންނެވެ.

ދާއިމީ ލިސްޓުގައި އެ ފަރާތްތަކުގެ ނަންތައް ވެސް ހިމެނޭނެ ކަމަށާއި އެ ތަރުތީބުން ގުރުއަތު ނެގުމުގެ މަސައްކަތް އަންނަ އަންގާރަ ދުވަހު ފަށާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީ އިން ނިންމާފައި ވަނީ ގޯތި ބެހުމަށް ގުރު ނެގުމުގެ މަސައްކަތް ގަލޮޅު ދަނޑުގައި ލައިވް އިވެންޓެއް ގޮތުގައި ކުރިޔަށް ގެންދިޔުމަށެވެ.

ސަރުކާރުން ގޯތި ދޭން ނިންމާފައި ވަނީ ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުންނެވެ. އޭގެ ތެރެއިން ހުޅުމާލެ އާއި ގުޅިފަޅުން ގޯތި ލިބެނީ ވީހާވެސް ގިނަ ބަޔަކު ގުޅިގެން ހުށަހަޅާފައިވާ ފަރާތްތަކަށެވެ. އަދި އެއް އާއިލާ އިން ކުރިމަތިލައިގެން ލިބޭ 1250 އަކަފޫޓުގެ ގޯތިތައް ދޭން ނިންމާފައި ވަނީ ގިރާވަރުފަޅުންނެވެ.