"އުފާވެރި އަންހެނުން": ރައީސާއެކު ހަވީރު ސައެއް
"އުފާވެރި އަންހެނުން": ރައީސާއެކު ހަވީރު ސައެއް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރެއްގައި އަންހެނުން ކުރިއަރުވައި ބާރުވެރިކުރަން ގެންގުޅުއްވާ ސިޔާސަތުން ލިބޭނެ ކުރިއެރުން ހާމަކުރަން، އަންހެނުންނަށް ހާއްސަކޮށްގެން ރާއްޖޭގެ ކޮންމެ ރަށެއްގައި އެއް ވަގުތަކު ހަވީރު ސައެއް ބޭއްވުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން އިންތިޒާމުކޮށްފި އެވެ.

"އުފާވެރި އަންހެނުން": ރައީސާއެކު ހަވީރު ސައެއް
"އުފާވެރި އަންހެނުން": ރައީސާއެކު ހަވީރު ސައެއް

މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު "އުފާވެރި އަންހެނުން، ޓީ ވިތު އިބޫ" ނަމުގައި ބާއްވާ މި ސައިގެ މާލެ ސަރަހައްދުގެ އިވެންޓުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސް، އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އިވެންޓު ކުރިއަށްދާ ވަގުތު، މާލޭގެ އިވެންޓު ކޮންމެ ހަރުގެއެއްގައި ވެސް ލައިވްކޮށް ދައްކާނެ ކަމަށެވެ.

މި އިވެންޓުގައި މިދިޔަ ފަސް އަހަރު މި ސަރުކާރުން އަންހެނުންނާމެދު ގެންގުޅު ސިޔާސަތުތަކުގެ ސަބަބުން ދިރިއުޅުމަށް އައި ފަސޭހަތަކާއި ބަދަލުތައް ކިޔައިދޭ ޕްރެޒެންޓޭޝަންތައް ވެސް ދައްކާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް މެނިފެސްޓޯ އެކުލަވާލަން ވެސް އަންހެނުންނާ އެކު ބައްދަލުވުމެއް ބޭއްވިކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ އެ ހިޔާލުތަކާއި މަޝްވަރާތަކުގެ މަތީން ކުރިއަށް އޮތް ފަސް އަހަރަށް އަންހެނުން ބާރުވެރިކޮށް ކުރިއަރުވަން ހުރި ކަންކަން މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށެވެ.

"އެ ދުވަހު ފާހަގަކުރި މައްސަލަތަކުގެ ހައްލު މިވަނީ މެނިފެސްޓޯގައި މިހާރު ހިމަނާފައި. މި އިވެންޓުގައި އެ ޕޮލިސީތައް އެންޑޯޒް ކުރެވި، އެ ޕޮލިސީޓަކުގެ ފައިދާތައް ކިޔައިދޭނެ، ހުރިހާ އަންހެނުންނަށް އިބޫގެ ދެން އޮތް ފަސް އަހަރު އޮތީ ކޮން ކަމެއްކަން އެނގިގެންދާނެ،" ރޮޒައިނާ ވިދާޅުވި އެވެ.

މި އިވެންޓުގައި ބައިވެރިވާން ބޭނުންވާ އަންހެނުން 7281140 ނަންބަރަށް މެސެޖުކޮށްގެން ރެޖިސްޓްރީ ކުރުމަށް އެމްޑީޕީ އަންހެނުންގެ ގޮފިން އެދެ އެވެ. މާލެ ސަރަހައްދުގެ އިވެންޓު އޮންނާނީ ހުޅުމާލޭ ފޭސް އެކެއްގެ ރުއްގަނޑު ސަރަހައްދުގަ އެވެ.