13 އޯގަސްޓް 2023 - 14:23

ފަރުދީ ދަތުރުފަތުރުގެ ވަސީލަތެއްގެ ގޮތުގައި މުޅި އޭޝިޔާގައި ވެސް އެންމެ މަގުބޫލު އުޅަނދަކީ ތަފާތު ވައްތަރުތަކުގެ ސައިކަލުތަކެވެ. ތައިލޭންޑްގައި 20 މިލިއަނަށް ވުރެ ގިނަ، ވިއެޓްނާމްގައި 45 މިލިއަނަށް ވުރެ ގިނަ އަދި އިންޑޮނީޝިޔާގައި 80 މިލިއަނަށް ވުރެ ގިނަ ސައިކަލް ދުއްވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

އޭޝިޔާގެ ގައުމުތަކުގައި ވަކިވަކި މީހުން ބޭނުންކުރާ ސައިކަލުގެ އަދަދު މިހާރު ވެސް ދަނީ އަހަރުން އަހަރަށް މައްޗަށެވެ. އަގު ހެޔޮވެފައި ގެންގުޅެން ވެސް ފަސޭހަވީމަ އެވެ. ނަމަވެސް އިންޖީނުލީ އެހެން އުޅަނދުތަކެކޭ އެއްފަދައިން ސައިކަލުތަކުން ޖައްވަށް ބޭރުވާ ވިހަ ދުމަކީ ވެސް ތިމާވެއްޓަށް ނުހަނު ގެއްލުން ހުރި އެއްޗެކެވެ.

އިންޖީނުލީ އުޅަނދުތަކުން ޖައްވަށް ބޭރުވާ ވިހަ ދުމުގެ މިންވަރު މަދުކުރުމަށް އޭޝިޔާގެ ގައުމުތަކުން މަސައްކަތް ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް އިންޖީނުލީ އުޅަނދުގެ ބަދަލުގައި ބޭނުންކުރާނެ، އަގު ހެޔޮ ފަސޭހަ އެހެން ވަސީލަތެއް ނެތުމުން، އެކަން އަދި އޮތީ ކުލަ ނުޖެހުނު ހުވަފެނެއްގެ ގޮތުގަ އެވެ.
ނަމަވެސް ތައިވާންގެ ކުންފުންޏެއް ކަމަށްވާ ގޮގޮރޯ ކުންފުނިން ބުނާ ގޮތުގައި އެމީހުންގެ އަތުގައި އެކަމުގެ ހައްލު އެބަ އޮތެވެ. އެއީ އެ ކުންފުނިން އުފައްދައި މިހާރު އަޖުމަވެސް ބެލިފައިވާ ގޮގޮރޯ ސައިކަލާއި ގޮގޮރޯ ބެޓެރި އެވެ.
މީގެ ކުރިން ވެސް އެތައް ކުންފުންޏަކުން އެތައް މަރުކާއެއްގެ ބެޓެރި ސައިކަލާއި އިލެކްޓްރިކް ސައިކަލު އުފައްދައި އަޖުމަވެސް ބަލައިފި އެވެ. ނަމަވެސް އެއިން އެއްވެސް ސައިކަލަކީ، ދަތުރުފަތުރު އެއަށް ބަރޯސާ ކުރެވޭ އެއްޗަކަށް ނުވެ އެވެ.
ސަބަބަކީ، ސައިކަލުގެ ބެޓެރިން ޗާޖް ހުސްވުމާއި އަލުން ޗާޖް ކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެހިފައި ނެތުމެވެ. އެފަދަ ސައިކަލެއްގެ ބެޓެރިން ޗާޖް ހުސްވެއްޖެ ނަމަ ދެން ޖެހެނީ، އެ ސައިކަލެއްގެ ޗާޖަރު ހުރި ތަނަކަށް ސައިކަލު ގެންގޮސްގެން ޗާޖް ކުރާށެވެ.
ނަމަވެސް ގޮގޮރޯ ކުންފުނިން އުފެއްދި، ބެޓެރި ބަދަލުކުރާ ސައިކަލާއި، ބަދަލުކުރާ ބެޓެރި، އެ ހުރިހާ ކަމަކަށް ހައްލު ހޯދައިދެ އެވެ. ތައިވާނުގެ ވެރިރަށް ތައިޕޭގައި ގޮގޮރޯ ކުންފުނިން މިހާރު ގާއިމުކޮށްފައިވާ، ބެޓެލި ބަދަލުކުރުމުގެ ވިއުގައިގެ ސަބަބުން، ތިމާވެއްޓާ ރަހުމަތްތެރި ބެޓެރި ސައިކަލަކީ އެއަށް ބަރޯސާ ވެވޭ ވަސީލަތަކަށް ވެއްޖެ އެވެ.
ގޮގޮރޯ ސައިކަލުގައި ބޭނުންކުރަނީ، ނައްޓައި ޖެހޭ ގޮތަށް ހުންނަ ބެޓެރި އެވެ. ސައިކަލުގެ ބެޓެރިން ޗާޖް ހުސްވުމުން ނުވަތަ ހުސްވާން ކައިރިވުމުން، އެންމެ ކައިރީގައި ހުންނަ ސްޓޭޝަނަކަށް ގޮސް، ސައިކަލުގައި އިން ބެޓެރި ނަގައި ޗާޖަރަށް ޖެހުމަށް ފަހު، އެ ސްޓޭޝަންގައި ހުންނަ ބެޓެރިތަކުން ބެޓެރިއެއް ނަގައި ސައިކަލަށް ޖަހައިގެން އަނެއްކާ ދުއްވަންވީ އެވެ.
ތިމާވެއްޓާ ރަހުމަތްތެރި ސައިކަލު ދުއްވާ މީހުން ބެޓެރި ބަދަލުކުރުމަށް، ގޮގޮރޯ ކުންފުނިން ތައިޕޭގައި މިހާރު 2500 އަށް ވުރެ ގިނަ، ބެޓެރި ބަދަލުކުރާ ސްޓޭޝަން ހަދާފައި އެބަހުއްޓެވެ. އެ ކުންފުނިން ބުނި ގޮތުގައި އެހެން ބައެއް ކުންފުނިތަކުން އުފައްދާފައިވާ ބެޓެރި ބަދަލުކުރާ ސައިކަލްތައް ދުއްވާ މީހުން ވެސް، މިހާރު އާންމު ގޮތެއްގައި ބޭނުންކުރަނީ، ގޮގޮރޯ ކުންފުނީގެ ސްޓޭޝަންތަކުގައި ހުންނަ ބެޓެރިތަކެވެ.
އެހެންކަމުން ތައިޕޭގައި މިހާރު ދުއްވާ ބެޓެރި ބަދަލުކުރާ ސައިކަލުތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ސައިކަލުގައި ބޭނުންކުރަނީ، ގޮގޮރޯ ކުންފުނީގެ ބެޓެރިތައް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ގޮގޮރޯ ކުންފުނީގެ ސީއީއޯ ހޮރާސޭ ލޫކް ވިދާޅުވި ގޮތުގައި ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރެވޭނީ އޭޝިޔާ ސަރަހައްދުގެ ހިމާޔަތް ރައްކާތެރިކޮށްގެންނެވެ.
"އަހަރެމެން އެންމެން ދިރިއުޅެމުން މިއަންނަނީ މި ނޫ ގުރަހައިގަ. އޭޝިޔާ އޮތީ ރަނގަޅު ހާލަތުގައި ނޫން ކަމަށްވަންޏާ، ދުނިޔޭގެ އެހެން އެއްވެސް ސަރަހައްދެއްގެ ހާލަތު ރަނގަޅެއް ނުވާނެ. އަހަރެމެން އަމާޒު ހިފާފައި މިވަނީ، ތަޣައްޔަރުކަން ކޮންމެ ދުވަހަކު އުފެދޭ ސަރަހައްދަށް. އެއީ އޭޝިޔާގެ މި ބިޔަ ސަހަރުތައް،" ގޮގޮރޯ ކުންފުނީގެ ސީއީއޯ ހޮރާސޭ ލޫކް ވިދާޅުވި އެވެ.
އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުން އަންނަނީ، ތައިޕޭގައި އަޖުމަބަލައި ކާމިޔާބުކަން ކަށަވަރު ވެފައިވާ ގޮގޮރޯ ސައިކަލާއި ގޮގޮރޯ ބެޓެރީގެ ޚިދުމަތް ދުނިޔޭގެ އެހެން ގައުމުތަކުގައި ފުޅާ ކުރުމަށެވެ.