13 އޯގަސްޓް 2023 - 15:23

ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުން ފެނިގެން ދަނީ ރައްޔިތުންގެ ތާއީދު މާ ބޮޑަށް ވެސް އެމަނިކުފާނަށް އޮތް ތަން ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިންގައި ރައީސް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މިހާތަނަށް ވަނީ ހަތަރު ރަށަކަށް ވަޑައިގެންފަ އެވެ. އެގޮތުން މިއަދު މެންދަރުފަހު ހޮޅުދު އަށް ވަޑައިގެން ރައީސް ވިދާޅުވީ، ރަށްރަށުން ފެންނަ މަންޒަރަކީ މި ސަރުކާރަށް އޮތް ބޮޑު ތާއީދު ކަމަށެވެ.

"ވަރަށް ސާފުކޮށް ފެންނަ ހަގީގަތަކީ ނ. އަތޮޅު އޮތީ އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް މި ކުރާ މަސައްކަތުގައި ބަރާބަރަށް ކުރިއަށްދާންކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހޮޅުދޫ ރައްޔިތުން ވެސް ސަރުކާރުތަކެއް ޓެސްޓްކޮށްފި ކަމަށާއި މި ސަރުކާރު މެނުވީ މި ރަށަށް ވެސް ކަންތައްތަކެއް ކޮށްދިން ސަރުކާރެއް ނެތްކަން ރައްޔިތުން ގަބޫލުކުރާނެ އެނގިވަޑައިގަންނަވާ ކަމަށެވެ.
"ކުރިން މިއީ އަޅުގަނޑުމެންނަށް ތާއިދެއް ނެތް ތަނެއް. އެކަމަކު 2018ގައި އެކަން ތިޔަ ބޭފުޅުން ބަދަލުކުރި. އިތުބާރު ކޮށްފި އެ ދުވަހު ދިން ވޯޓު ގެއްލުނު އަޅުގަނޑުމެން ނުދޭނަން،" ރައީސް ވިދާޅުވި އެވެ.
- ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް.
- ކައިރީގައި އޮތް ފަޅު ރަށް ހޮޅުމީދޫ އަސާސީ ހިދުމަތްތަކާ އެކު ތަރައްގީކުރުން.
- ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސްއެއް.
- ބޮޑު ހުކުރު މިސްކިތެއް.
ރައީސް ވިދާޅުވީ ހޮޅުދު އަކީ ތައުލީމަށް ލޯބިކުރާ ހަމަޖެހޭ ސުލްހަވެރި މާހައުލެއް ބޭނުންވާ ރައްޔިތެއް އުޅޭ ރަށެއް ކަމަށާއި އެ މާހައުލު ހޯދައިދެވޭނީ މި ސަރުކާރަށް ދެވަނަ ދައުރެއް ދީގެން ކަމަށެވެ.
"ވިސްނުންތެރިކަމާ އެކު ގޮތް ނިންމާ. ކުރިއަށް އޮތް އިންތިހާބުގައި ވެސް ގޮތް ނިންމާނީ އެގޮތަށްކަން ޔަގީން. ތިޔަ ބޭފުޅުންގެ ތާއީދު 9 ސެޕްޓެމްބަރުގައި އަޅުގަނޑުމެންނަށް ދެއްވާ. އެއީ ގެއްލިގެންދާނެ ވޯޓަކަށް ނުވާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދު މެންދުރު ވަނީ މި އަތޮޅު މަގޫދު އަށް ވެސް ވަޑައިގެންފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ގުދުރަތީ ގޮތުން ރީތި އަދި ބިމުގެ ގޮތުން ބޮޑު މި ރަށަކީ ކުރިމަގެއް އޮތް ރަށެކެވެ.
"މަގޫދު އަކީ ޓޫރިޒަމަށް ފައްކާ ކުރެވޭނެ ރަށެއް. ބިން އެބަ އޮތް. ރީތި. ކައިރީގައި އެއާޕޯޓެއް އެބަ އޮތް. އަޅުގަނޑު ދެކޭ ގޮތުގައި މުސްތަގުބަލް ވަރަށް އުޖާލާ،" ރައީސް ވިދާޅުވި އެވެ.
އާބާދީގެ ގޮތުން ކުޑަ ނަމަވެސް، މި ސަރުކާރުން މަގޫދޫ ބާކީ ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިހާތަނަށް ރަށަށް ސަރުކާރުތަކުން ވެފައިވާ އިހުމާލު މި ސަރުކާރުން ރަނގަޅު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މަގޫދުއަކީ އަޅާނުލެވި އޮތް ރަށެއް. އާބާދީ ކުޑަވީމަ އަހަމިއްޔަތު ކަމެއް ނުދީ އޮތް ރަށެއް. ވޯޓު ގިނައިން ލިބޭނެ ރަށްތަކަށް އެ ބޭފުޅުން ބެލީ، މި ރަށު ރައްޔިތުންގެ ވޯޓު އެ ވެރިންނަކީ އެހާ މުހިންމެއް ނޫން، ސިޔާސީ މަގުސަދެއް ނެތި އެއްވެސް ރަށަކަށް އެއްވެސް ކަމެއް ކޮށްދީފައެއް ނެތް. އެކަމަކު އަޅުގަނޑުމެންގެ ވިސްނުން ތަފާތު." ރައީސް ވިދާޅުވި އެވެ.
"އަސާސީ ހިދުމަތްތައް ދެމުން މި ދަނީ، އޭގެން ރައްޔިތުންނަށް އެތައް އިގުތިސޯދީ ފައިދާއެއް ވާނީ. ކުޑަވަރެއްގެ ރިސޯޓަކަށް މި ފައްކަވަނީ."
- ގޯތި ހަދަން ހައުސިން ފަންޑުން ލޯނު ދޫކުރުން.
- މަލްޓިޕާޕަސް ހޯލް.
- ސިއްހީ މަރުކަޒް އަޕްގްރޭޑް ކުރުން، އާ އިމާރާތަކާ އެކު ލެބޯޓްރީ.
- ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުން
ރައީސް ވިދާޅުވީ މަގޫދޫން އެހެން ބަޔަކަށް ވޯޓު ދޭންވީ ސަބަބެއް ނުފެންނަ ކަމަށާއި މި ރަށުން ބޮޑު އަގުލަބިއްޔަތެއް ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.