މަކުނުދު އަށް މުއިއްޒުގެ މުހިއްމު ވައުދުތަކެއް
މަކުނުދު އަށް މުއިއްޒުގެ މުހިއްމު ވައުދުތަކެއް

މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް، އަތޮޅާ އެކަހެރިކޮށް ވަކިން އޮންނަ ހދ. މަކުނުދޫ މީހުން ބޭނުންވާ ގޮތަށް އަދި މި ރަށުގެ ތަރައްގީ އަށް ގިނަ ކަންކަން ކޮށްދޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މަކުނުދު އަށް މުއިއްޒުގެ މުހިއްމު ވައުދުތަކެއް
މަކުނުދު އަށް މުއިއްޒުގެ މުހިއްމު ވައުދުތަކެއް

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، މަކުނުދުއަށް ވަޑައިގެން ޕީޕީއެމްގެ ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މިއީ ވަކިން އޮންނަ ރަށަކަށް ވާތީ ސަރުކާރުން ކަންކަން ކޮށްދިނުމުގައި އެކަމަށް ރިއާޔަތްކޮށްދޭންޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މަކުނުދުއަށް ކޮށްދޭ ކަންތައްތަކަކީ އެ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ސަރުކާރުން އިސްކަމެއްދީގެން ކޮށްދޭންޖެހޭ ކަންތައްތަކަށް ގަބޫލުކުރައްވާ ކަމަށެވެ.

އެގޮތުން، އެއާޕޯޓު މަޝްރޫއު ވެސް، އެހެން ރަށްތަކެކޭ އެއްގޮތަށް ފެށިއަސް، އެކަންކަން ކުރަނީ ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުގެ އަމިއްލަ އެޖެންޑާއެއް އޮވެގެން އެކި ރަށްރަށުގައި ބިން ހިއްކައި އެއާޕޯޓު އަޅައި ބަނދަރު ހަދާތީ ރަށުގެ ރައްޔިތުން ތިބެނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.

އެހެންވެ، އެކަންކަމުން ރަށްރަށަށް ވާ ފައިދާއެއް ނޯންނަ ކަމަށް ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ.

"އެއީ، ރައްޔިތުންގެ ވިންދު ނޭނގޭ ސަރުކާރެއް އޮތުމުގެ ސަބަބުން ވާ ގޮތެއް އެއީ. ރައްޔިތުންނަކާ ސަރުކާރަކާ ނެތް ހަގީގަތުގައި ގުޅުމެއް. އެހެން ނަމަވެސް، އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެން ގާއިމްކުރާ ސަރުކާރު ވެގެންދާނޭ ރައްޔިތުންގެ ވިންދާ އިހުސާސާ ގުޅިލާމެހިފައިވާ ސަރުކާރަކަށޭ. އެގޮތަށް އަޅުގަނޑުމެން ކުރާ މަސައްކަތްތަކަކީ ރައްޔިތުން ބޭނުންވާ ކަންކަމަށް ރިއާޔަތްކުރެވިގެން ކުރެވޭ ކަންކަމަށް ވާނެ." އޭނާ ވިދާޅުވި އެވެ.

މި ރަށް އޮތީ ވެސް، މުއިއްޒު ވިދާޅުވި ގޮތުގައި، އެހެން ރަށްރަށުގައި ވެސް ކަންކަން އޮތީ އެހެން ކަމަށްވާތީ މަކުނުދުއަށް ވެސް ކަންތައް ކޮށްދޭނީ އެގޮތަށް ވިދާޅުވެވޭ ހާލަތުގައެއް ނޫނެވެ.

އެއާޕޯޓު އަޅާ ގޮތުން އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިގެންދާނެ ރަށުގެ މީހުން ބުނާތީ، އެކަން ދަނީ ރަނގަޅަށް ކަމަށް ގަބޫލުނުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު އިހުލާސްތެރިކަމާއެކު ދަންނަވާނީ މި ރަށު ރައްޔިތުން އެދޭ ގޮތަށް އެ މަޝްރޫއު ބަދަލުކޮށްދޭނަމޭ. އެއީ ސުވާލެއް އޮވެގެން ވާނެ ކަމެއް ނޫން. އަޅުގަނޑު ހަމަ ހައިރާންވޭ މި ސަރުކާރުން މި ގޮތަށް މިކަން ކުރާތީ ވެސް."

ބިން ހިއްކުމަކީ އަގުބޮޑު އަދި ގިނަ ރަށްރަށުގައި ޒަރޫރީ ކަމަކަށް ވާއިރު، އެއާޕޯޓަކަށް ބިން ހިއްކާއިރު ރަށަށް އިތުރަށް ބޭނުންވާ ބިމާއެކު އެ މަޝްރޫއާ ގެންދިއުމަކީ އިގުތިސޯދަށް ބަލާއިރު އަގުހެޔޮ ގޮތް ކަމަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގެދޮރު ދޭން އޮތް ބިން ހުސުވާއިރު، އެއާޕޯޓަށް ބިން ހިއްކާއިރު ގޯތި ދިނުމަށް ވެސް ބިން ހިއްކުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މިހާ ވަކިން އޮން ރަށެއްގައި ހުންނަން ޖެހޭނީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ސިއްހީ ނިޒާމެއް ކަމަށާއި މި ރަށުގެ ސިއްހީ މަރުކަޒުގައި ކުޑަކުދިންގެ ޑޮކްޓަރަކާއި އަންހެނުން އަދި އެކްސްރޭ އާއި ސްކޭން އައި ވިހެއުމަށް ބޭނުންވާ ގޮތްތައް ހުންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އެ ފަރުވާތައް ހޯދުމަށް ދުރަށް ދާން ޖެހުމަކީ އިންސާފެއް އަދި އަދުލްވެރި ކަމެއް ނޫން ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ސިއްހީ ފަރުވާ ރަނގަޅު ރަނގަޅުކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

"އެހެންވީމަ، ތި ބޭފުޅުން އެދިލެއްވި ގޮތަށް މި ރަށުގެ ސިއްހީ މަރުކަޒު ތަރައްގީކޮށްދޭނަން." އިދިކޮޅު ކެންޑިޑޭޓް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ މެނިފެސްޓޯއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯ ކަމަށެވެ. އެ މެނިފެސްޓޯގައި އެންމެ އިސްކަން ދެއްވީ ޒުވާނުންނަށް ކަމަށްވާތީ، އޭނާގެ ވެރިކަމުގައި ވެސް އެންމެ އިސްކަންދޭނީ ޒުވާނުންނަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން، ފޫޓްބޯޅަ ކުޅޭ ތަނަކާއި ޒަމާނީ ފެންވަރުގެ ޒުވާނުންގެ މަރުކަޒެއް އެޅުމަކީ ވެރިކަމުގައި އިސްކަންދެއްވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.