01 ފެބުރުއަރީ 2017 - 13:00

ޔުނައިޓެޑް ނޭޝަންސް (ފެބްރުއަރީ 1) - މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކޮށްފައިވާތީ ރައީސް ޑޮނަލްޑް ޓްރަމްޕަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ފާޑު ވިދާޅުވެއްޖެ އެވެ.
ގުޓަރޭޒް ވިދާޅުވީ ގައުމުތަކުގެ ސަރަހައްދީ ރޮނގުގެ ކޮންޓްރޯލް ވަރުގަދަ ކުރަން އުޅޭ އިރު ދީނާއި ގައުމިއްޔަތު ތަފާތުކޮށްގެން މީހުން ނުހުއްޓުވޭނެ ކަމަށެވެ. އަދި މި ބާވަތުގެ ކަންކަމުގެ ސަބަބުން ރުޅިވެރިކަން އިތުރުވެ ޓެރަރިސްޓް ޖަމާއަތްތައް އުފަންވުމަށް މަގު ފަހިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޓްރަމްޕް ހުކުރު ދުވަހު ވަނީ ރެފިއުޖީ ޕްރޮގްރާމް 120 ދުވަހަށް ހުއްޓާލުމުގެ އަމުރުގައި ސޮއި ކުރައްވައިފަ އެވެ. ސީރިއާ، އީރާން، އިރާގު، ލީބިއާ، ސޮމާލިއާ، ސޫދާން އަދި ޔަމަނުގެ މީހުން ވަނީ އެމެރިކާ އަށް އެތެރެވުން 90 ދުވަހަށް މަނާކޮށްފަ އެވެ.
ޓްރަމްޕުގެ ނިންމެވާ ދެކޮޅަށް އެމެރިކާގެ އެކި ހިސާބުތަކުގައި މުޒާހަރާކޮށް އަދި ދުނިޔޭގެ ލީޑަރުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ޓްރަމްޕުގެ ނިންމެވުމަށް ވަނީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ވެސް ފާޑު ކިޔައިފަ އެވެ.