13 އޯގަސްޓް 2023 - 07:09

ބުދަ ދުވަހާ ގުޅޭ
ދެން ކަންތައް ވެގެންދިޔައީ ފައިސަލް ހުވަފެނުން ވެސް ނުދެކޭ ކަހަލަ ގޮތަކަށެވެ. އާމިރާ ދުވެފައި އައިސް ފައިސަލް ގައިގައި ބައްދައިލީއެވެ. ދެމަފިރިންނެވެ. ދީނީގޮތުންނާއި ގާނޫނީ ގޮތުން ވެސް، އެ ލޯބި އެ މީހުންނަށް ހައްގެވެ. ފައިސަލް ހައިރާންވީ، ފައިސަލްގެ ފޯނަށް ޖަވާބުދޭން ވެސް ބޭނުން ނުވާހައި ރުޅިއައިސް، ފޫހިވެފައި ހުރި އަންބަކު އެ ގޮތަށް ކަންތައްކުރީމައެވެ. ހަގީގަތުގައި ފައިސަލް ހުރީ އާމިރާގެ ފަރާތުން ފެނިދާނެ ލޯތްބަކަށް ވުރެ، ދީފާނެ ޒުވާބަކަށް ތައްޔާރުވެގެންނެވެ. ތިމާއަށް މި ކުރެވުނީ ކީއްކަން އާމިރާއަށް އިހުސާސްވުމާއެކު ކުއްލިއަކަށް ދުރަށްޖެހިއެވެ. ހީވީ ފައިސަލަކީ ދުރުހިލޭ މީހެއްހެންނެވެ. އާމިރާއަށް އެ ކުރެވުނީ ފާފައެއްހެންނެވެ.
"ކީއްކުރަން ތިއައީ؟" ފައިސަލަށް ފުރަގަސްދެމުން އާމިރާ މަޑުމަޑުން ބުންޏެވެ. "ތިހާ ބިޒީ މީހަކު ކިހިނެއް ޓައިމްހޯދީ؟"
"އެއްކަލަ ފާޑަށް ވާހަކަދައްކަން ފެށީ،" ވިސްނައިނުލައި ފައިސަލަށް ބުނެވުނީ އެހެންނެވެ. "އައިތީ ހާދަ ރަނގަޅޭ! އެހެން ނޫންތަ ބުނަންވީ؟ ހުރިހާ މަސައްކަތެއް ހުއްޓާފަ މިހެން އައުމަކީ ފަސޭހަކަމެއް ނޫނޭ!"
"އަހަރެން ބުނިންތަ އަންނާށޭ!" ފައިސަލާ ހަތަރުކަޅި ހަމަކުރަމުން އާމިރާ ބުންޏެވެ. "އަހަރެން ބުނިންހޭ އަންނާށޭ؟ އެހެނެއް ވެސް ނޫނޭ އަހަރެން ބުނަންވީ. އަހަރެން ބުނެގެން ދުވަހަކު ވެސް އައިންތަ؟ މި އަންނަނީ، މި ނައްޓާލީ، މަގުމަތީގަ، މި ވަންނަނީ.."
"ތި ވާހަކަތައް ދައްކާކަށް ނޫނޭ މި އައީ އާމިރާ!" ފައިސަލް ހިތްހަމަނުޖެހިފައި ބުންޏެވެ. "އަހަރެން މި އައީ..."
"ހިނގާ އެހެން ވާހަކައެއް ދައްކަމާ!" އާމިރާގެ ރުޅި ހައްތަހާ ގަދަވިއެވެ. "ޒިޔާން އުފަންވި ދުވަހު ކަންތައް ވީ ގޮތް ކިޔަމާ! އޭނައަށް ނަންކިއި ދުވަސް، ސްކޫލަށް ފުރަތަމަ ދިޔަ ދުވަސް، ކޮންސަޓު ދުވަސް، ޕޭރަންޓްޓީޗަރ ދުވަސް.. ލިސްޓު އަދި ކިރިޔާ މި ފެށުނީއޭ. ކިހާ ހިސާބަކުން ފަށަންވީ؟"
ރައްދުގައި އެއްޗެއް ބުނަން ފައިސަލް އަނގަހުޅުވައިލި ވަގުތު، ސިރާޖު ބުނި ވާހަކަ ހަނދާންވިއެވެ. އާމިރާ ގޮވައިގެން މާލެއަށް ފުރަން ބޭނުމިއްޔާ ފައިސަލް ޖެހޭނީ ދޫދޭށެވެ. ޖަދަލުކުރުން ހުއްޓައިލާށެވެ. ވީމާ، އެއްވެސް އެއްޗެއް ނުބުނެ ފައިސަލް ހުރީއެވެ. ފައިސަލް ރައްދު ނުދިނުމުން އާމިރާ ވެސް ދައްކާނެ ވާހަކަ ހުސްވިއެވެ. އެއްވެސް އެއްޗެއް ނުބުނެ ދެމަފިރިން އިރުކޮޅަކު ތިއްބެވެ. އެ ވަގުތު ގޭތެރެއިން އަންހެނަކު އާމިރާއަށް ގޮވައިލި އަޑުއިވުނެވެ. އެ އަޑުން ވެސް އާމިރާއަށް ލިބުނީ އިތުރު ހިތްހަމަނުޖެހުމެކެވެ.
"މި އަންނަނީ!" އެ މީހަކަށް އާމިރާ ޖަވާބުދިނެވެ.
އާމިރާ ހިނގައިގަތުމުން އާމިރާގެ އަތުގައި ފައިސަލް ހިފޭއްޓިއެވެ. ފުރިހަމަ އިހުތިޔާރާ އެކުގައެވެ.
"ދޫކޮށްލާ!" އާމިރާ ބުންޏެވެ.
"ހަމަ އެންމެ ވާހަކައެއް އަޑުއަހާ!" އަތުން ދޫނުކޮށް ފައިސަލް ބުންޏެވެ. "އަހަރެން މިއައީ އާމިރާ ބަލާ! ހީކޮށްލާ މި ފަހު ޗާންސޭ! އަހަންނަކަށް ވެސް އަބަދަކު މިހެނެއް އާދޭހެއް ނުކުރެވޭނެ. އަހަންނާ އެއްކޮށް އާމިރާ ނުގޮއްސިއްޔާ، މާލެދާ ގޮތަށް ގޮސް އަހަރެން އެހެން މީހަކާ އިންނާނަން."
އާމިރާ ގާތަށް އައި ރުޅިން ފައިސަލްގެ އަތް ފޮޅުވައިލިއެވެ. އެހެން ކައިވެންޏެއްކުރަން އުޅޭ ވާހަކަ ފައިސަލަށް ބުނެވުނީ، ބުނަން އެންމެ އެކަށީގެންވާ ބަހުރުވަޔަކުން ނޫނެވެ. އެންމެ މުނާސަބު ރާގަކަށް ވެސް ނޫނެވެ. ހަމަ އެހެންމެ، އެންމެ ރަނގަޅު ވަގުތަކު ވެސް ނޫނެވެ.
"ތި އައީ އަހަންނަށް ވޯނިންގް ދޭންތަ؟" އާމިރާ އެހިއެވެ. "ތި ހީކުރީ އަހަރެން ބިރުގަންނާނެކަމަށް؟ ދޭބަލަ އިންނަން. ވަރިހަމަ އެއްފަހަރާ ހަތަރު މީހުނާ އިނަސް. ހަންރެޑް ޕަސަންޓް ގެރެންޓީ މި ދެނީ، ފައިސަލާ އެއްކޮށް އެކަކަކަށް ވެސް ކެތެއް ނުކުރެވޭނެ. ގިނަވެގެން ބަލާ އަހަރެއް. އަހަރެއް ކީއްކުރަން؟ ހައެއްކަ މަސް ވިޔަސް ރަނގަޅު."
ބުނާނެ އެއްޗެއް ނޭނގިފައި ފައިސަލް ހުއްޓެވެ. ފައިސަލްގެ ހިތުގައި އުފެދުނު ޝަކުވާއަކީ، އެހައި ދުރުން ފައިސަލް އައީމައި ވެސް އާމިރާ އެ ކަން ވަޒަންނުކުރީ ކީއްވެގެންހެއްޔެވެ؟ އެންމެ ފަހަރަކު ވެސް، ދަރިފުޅު ކިހިނެއްހޭ ނާހައެވެ. ގޮތްދޫކުރާކަށް އާމިރާ ބޭނުމެއް ނުވެއެވެ. އާމިރާ ދެކެ ފައިސަލް ލޯބިވި ވަރާ ގާތަށް ވެސް ފައިސަލް ދެކެ އާމިރާ ލޯތްބެއް ނުވެއެވެ. ހަގީގަތަކީ އެއީއެވެ.
"ތި ރުޅިގަނޑު މަޑުކޮށްފަ ހިނގާބަލަ!" އާދޭހުގެ ރާގަކަށް ފައިސަލް ބުންޏެވެ.
"ގަރުނެއް ކޮށްފަ ތި އައީ މީހަކާ އިންނަ ވާހަކަ ބުނަން،" އާމިރާގެ ރުޅިމަޑެއް ނުވެއެވެ. "އަޅެ އެއްފަހަރު ވެސް އަހާލިންތަ އާމިރާ ކިހިނެއްހޭ؟ ޒަމާންގަނޑެއްކޮށްފަ ދެ ރައްޓެހިން ދިމާވީމަ ވެސް އެހެނެއް ނޫންތަ އަހަނީ؟"
"އާމިރާ އެހިންތަ އަހަރެން ކިހިނެއްހޭ؟ ދަރިފުޅު ކިހިނެއްހޭ؟" ފައިސަލަކަށް ރުޅި ކޮންޓުރޯލެއް ނުވިއެވެ. "ފުރަތަމަ ވާހަކަދެއްކީ ކާކު؟ އާމިރާ! ކީކޭ ބުނީ؟ ކީއްކުރަންހޭ ތި އައީ؟ އަބަދު ވެސް އަހަރެންގެ ބޮލަށް ކަނޑާލަނީ ކީއްވެތަ؟"
އަނެއްކާ ވެސް މީހަކު އާމިރާއަށް ގޮވައިލި އަޑުއިވުނެވެ. ފައިސަލް ވާހަކަދައްކަދައްކާ ހުއްޓައި އާމިރާ ގޮސް ގެއަށް ވަނެވެ. ފަހަތުން ހިނގައިގަންނަން ފައިސަލް އެއް ފިޔަވަޅު ކުރިޔަށް އެޅިއެވެ. އެހެނަސް އެއީ ބޭކާރުކަމެއްކަން އިހުސާސްވުމުން އެނބުރިފައި ހިނގައިގަތީއެވެ. ގެއިން ނުކުތް ފައިސަލްގެ މޫނު ފެނުމުން ސިރާޖަކަށް އިތުރު ތައާރަފެއް ބޭނުމެއް ނުވިއެވެ. ފައިސަލް އައިސް ޓެކުސީގައި އިށީނެވެ. އެއްޗެއް ނުބުނެއެވެ.
"އަތަށް ގޮއްވައިލީ ދޯ؟" ސިރާޖު ބުންޏެވެ. "މަ އޭރު ވެސް ބުނިން.."
"ސިރާޖޭ ބުނީ މި ހަޑިހޭވެން މި ތަނަށް އަންނާށޭ ވެސް!" ހިތްހަމަނުޖެހިފައި ފައިސަލް ބުންޏެވެ. "ހިނގާ ދަމާ!"
ސިރާޖު އެދުމުން ކާރު ދުއްވައިލިއެވެ. ހޫނު މަޑުވާން ފައިސަލަށް ވަގުތު ދީފައި ސިރާޖު ވާހަކަދެއްކިއެވެ.
"އާމިރާޔާ އަހަރެން ވާހަކަދައްކަންތަ؟" ސިރާޖު އެދުނެވެ. "އަހަރެން ކެހި ކަނޑުލެއްގެ ހިތި ވެސް އަހަރެންތާ ފިލުވަންޖެހޭނީ. އަހަންނަށް ކަށަވަރު ފައިސަލް ވާހަކަދެއްކި ގޮތަކުންކަން އާމިރާ ރުޅިއައީ،" ސިރާޖު އެހެން ބުނުމުން ފައިސަލް ރުޅިއައިސްފައި ބަލައިލިއެވެ. "ވަރިހަމަ ކިތަންމެ ރުޅިއަޔަސް. ބޮޑުވަރަކަށް ކާރުން ބޭރަށް އަހަރެން ހޫރާތާލާނީ."
ފައިސަލް ގާތަށް ކުޑަކޮށް ހިނިއައެވެ. ސިރާޖަކީ، ރުޅިއަންނަން ބޭނުންވިޔަސް ރުޅިއާދެވޭ ކަހަލަ އެކުވެރިއެއް ނޫނެވެ.
"ކަލެއަށް ފެންނަ އެއްޗެއް ހަދާ!" ފައިސަލް ހުއްދަދިނެވެ. "އަހަންނަށް ނުވިކަމެއް ކަލެއަކަށް ވެސް ނުވާނެ."
ރޭގަނޑުގެ ވަގުތެވެ. ބައްޕަ ކައިނިމިގެން ނުކުތް އިރު ވެސް އާމިރާއާއި މަންމަ ނުނިމެއެވެ. މަންމަ އެ އުޅެނީ ކީއްކުރަންކަން އާމިރާއަށް ވިސްނެއެވެ.
"ދަރިފުޅު މިއަދު ކާކާ ވާހަކަދައްކަން ހުރީ؟" މަންމަ ސުވާލުކުރިއެވެ.
"މަންމައަށް އެނގޭނެ އެއީ ކާކުކަން،" ވަރަށް ހަމަޖެހިލައިފައި އާމިރާ ބުންޏެވެ. "އެހެންވެ މަންމަ އެ ވަރަށް ގޮވީ. މަންމަ ހީކޮށްފާނެ އަހަރެން ބުނެގެނޭ އޭނަ އައީ. އެކަމަކު.."
"ދަރިފުޅު އެހާ މޮޔަކަމެއް ނުކުރާނެ،" ވަރަށް ޔަގީންކަމާ އެކުގައި މަންމަ ބުންޏެވެ. "މި ތާ ގެދޮރުހުރި، ނުލާހިކު ރަނގަޅު މީހަކު ހަމަޖެހިފައޮއްވާ ލަޓޯފަޓޯ މީހަކާ އިނދެގެން.."
"އެއީ އަދި ވެސް އަހަރެންގެ ފިރިމީހާއޭ މަންމާ!" އާމިރާ ހަނދާންކޮށްދިނެވެ.
"އަހަރެން ނުބުނަމޭ ފިރިމީހާ ނޫނެކޭ!" ތަންކޮޅެއް ބާރަށް މަންމަ ބުންޏެވެ. "އަހަރެން މި ބުނަނީ ފިރިމީހާގެ ފުޓުބޯޅައަކަށް ދަރިފުޅު ނުވާށޭ! ފެނޭތަ ބައްޕަ އުޅޭ ގޮތް؟ އަހަރެން ފުކަކަށް ވަންދެން ބަވާލިޔަސް ދަރިފުޅުގެ ބައްޕަ ޗުއްޕު ވެސް ނުބުނާނެ. ބައްޕަ ވެސް އުޅުނޭ އެ ފައިސަލް އުޅޭހެން އުޅެން. ބިރުގަންނަވައިލީމަ މައިތިރިވެފަ އެހެރީ. އެހެންވެޔޭ އަހަރެން މި ބުނަނީ، ވަރިފޯމު ލާށޭ! މި ތާ ހުއްޓަސް އެ ކަން ކުރެވޭނެއްނު! ކޯޓަށް ކިއީމަ ދާނީ. އެއްފަހަރުން ތި ކަން ނިންމާލަބަލަ!"
އާމިރާ ކުއްލިއަކަށް ތެދުވިއެވެ. މަންމަ ދެއްކި ވާހަކަޔާ މެދު ހިތްހަމަނުޖެހިގެން ބަލާ ކަހަލަ ގޮތަކަށް ބަލައިލާފައި، ތަށި ހިފައިގެން ސިންކާ ދިމާއަށް ހިނގައިގަތެވެ. އެ ވަގުތު އާމިރާއަށް ފޯނެއްއައެވެ. ގުޅީ ސިރާޖެވެ.
"ހަލޯ!" އާމިރާ ފޯނު ނެގުމުން ސިރާޖު ބުންޏެވެ. "ސިރާޖު އިނގޭ! ހިނގާބަލަ އަނގަތަޅާލަން. ދަންތަ ތިކޮޅަށް؟ ފައިސަލެއް ނުގެންދާނަމޭ!"
"އެހެންތަ؟" ހީނގެންފައި އާމިރާ ބުންޏެވެ. "ވަރިހަމަ ގޮވައިގެން އަޔަސް. އާދެބަލަ! ގުޅަންވެގެން އުޅެނިކޮށް ތި ގުޅީ."
ސިރާޖު އައުމުން ދެ މީހުން އެރީ ގޭގެ ޓެރަސްއަށެވެ. ބޮޑުވެފައި ތަނަވަސްނުވިޔަސް، ދެމީހަކަށް ހަމަޖެހިލައިގެން ތިބެވޭ ގޮތަށް އެ ތަނުގައި ސިމެންތި އަށްޓެއް ހުއްޓެވެ. ފުރަތަމަ ވާހަކަދެއްކީ ސިރާޖެވެ.
"އަދިވެސް އާމިރާގެ ރުޅިގަނޑު މައިތިރިނުވަނީތަ؟" ސިރާޖު އެހިއެވެ.
"މައިތިރިވާނެތަ؟" އާމިރާ ބުންޏެވެ. "އޭނަގެ ލޯބިވާ ހުރިހާ މަސައްކަތެއް ބަހައްޓާފަ މި ހިސާބަށް އެ އައީ އަހަންނަށް ވޯނިންގްދޭން. މެރީކުރާށޯ މި އުޅެނީ. ކާކާތަ އިންނަން އެ އުޅެނީ؟ ސިރާޖަށް އެނގޭނެ."
ސިރާޖު ވިސްނައިލަން އިރުކޮޅެއް ނެގިއެވެ. އިންކާރުކޮށްގެން އާމިރާ ގަބޫލެއް ނުކުރާނެކަން ސިރާޖަށް އެނގެއެވެ.
"ރިންދާ ކިޔާ މަންޖެއެއް،" ސިރާޖު ބުންޏެވެ. "އަހަރެން ދެކެ ރުޅިނާންނާތި! ސަތޫގެ މާ ގާތް ފްރެންޑެއް. ފައިސަލް އިންނަން ހަމަ އެއްގޮތަކަށް ވެސް ކަމަކުނުދޭ! ވަރަށް ޒާތްކޮޅު ބޮޑު، ފިރިމީހާ ދަށުކޮށްލާ ކަހަލަ ގޮތެއް އޭނަގެ ހުންނާނީ. އަހަރެން ބޭނުމެއް ނޫން ފައިސަލް އެ ކަން ކުރާކަށް."
"އަހަރެން ވަރަށް ބޭނުން،" އާމިރާ ބުންޏެވެ. "ގެއަށް ގެނޭތަ؟ ޒިޔާނާ ރައްޓެހިކުރުވައިފި؟"
ސިރާޖު ޖަވާބެއް ނުދިނެވެ. އިސްޖަހައިލައިގެން އިނީއެވެ. އެ ހިސާބުން އާމިރާގެ ވިސްނުން ބަދަލުކޮށް، ނިންމުމުގައި ތައްގަނޑުޖެހިއެވެ.
"އާމިރާ މާލެދާ އިރަށް އެ ކަން ހުއްޓޭނެ،" ސިރާޖު ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "އާދޭސްކޮށްފަ މި ބުނީ ހިނގާ!"
ހޮޓަލުގެ ކޮޓަރީގައި ހުރި ޓީވީ ހުޅުވައިގެން ފައިސަލް އިނެވެ. އިރުއިރުކޮޅާ ގަޑިބަލައިލެވެއެވެ. ފައިސަލްގެ ހިތް ބުންޏެވެ. އާމިރާއެއް ނާންނާނެއެވެ. ހަޔާތުގެ އެ ބާބު، މި ހިސާބުން ނިމުނީއެވެ. އެ ވަގުތު ވައިބާއިން ފޯނެއްއައެވެ. ފޯނު ބަލައިލި އިރު އަރާފައި އޮތީ މަންސޫރުގެ ނަމެވެ. ޒިޔާނަށް ކިހިނެއްވީބާއެވެ؟ ފައިސަލް ފުރަތަމަ ވެސް ހިތަށްއެރީ އެހެންނެވެ. އަވަސްއަވަހަށް ފޯނުނެގިއެވެ.
"ޒިޔާނަށް..." ފައިސަލް ބުނެވުނީ އެހިސާބަށެވެ.
"ނޫސް ދުށިންތަ؟" މަންސޫރު އެހިއެވެ. "ސީމާގެ އެއްކަލަ ދައްތަ ދަންޖެހިފަ ހުއްޓާ ފެނިގެން އެބަ އުޅޭ!"
ނުނިމޭ