މި ސަރުކާރުން ނެގި ދަރަނި ދައްކަން ލޯނުތައް ރީސްޓްރަކްޗާ ކުރާނަން: މުއިއްޒު
މި ސަރުކާރުން ނެގި ދަރަނި ދައްކަން ލޯނުތައް ރީސްޓްރަކްޗާ ކުރާނަން: މުއިއްޒު

މި ސަރުކާރުން ނަގާފައިވާ ލޯނުތައް ރީ-ސްޓްރަކްޗާ ކޮށް، ދަރަނި ފަސޭހައިން ދައްކާނެ ގޮތް ހަދާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ނެގި ދަރަނި ދައްކަން ލޯނުތައް ރީސްޓްރަކްޗާ ކުރާނަން: މުއިއްޒު
މި ސަރުކާރުން ނެގި ދަރަނި ދައްކަން ލޯނުތައް ރީސްޓްރަކްޗާ ކުރާނަން: މުއިއްޒު

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރާއްޖޭގެ އުތުރަށް ފައްޓަވާފައިވާ ކެމްޕެއިން ދަތުރުގައި، ހދ. ކުޅުދުއްފުށީގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން ގައުމު އަނދަވަޅަކަށް ވައްޓާލާފައިވާ ކަމަށެވެ.

މިހާރު ވެސް 100 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމަށާއި އޭނާ ވެރިކަމަށް ހޮވައިފިނަމަ އެ އަނބުރާ ދައްކާނެ ފަސޭހަ ގޮތްތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.

"....ފައިސާ ހޯދާ ވާހަކަ ދައްކާއިރު، އެ ވާހަކަ ދައްކާ ބޭފުޅުން މި ވަނީ ގައުމު އަނދަވަޅަކަށް ވައްޓާލާފައި. ސަތޭކަ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ދަރަނި އެބައޮތް. އެހެންވީމަ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ދަރަނި ރީސްޓްރަކްޗާ ކުރާނެ ރަނގަޅު ދެކޮޅު ޖެހޭ ޕްލޭންތައް ހެދިގެން ދާނެ. ކުރު ރާސްތާ އަދި މެދު ރާސްތާގެ ރީސްޓްރަކްޗަރިންގެ ޕްލޭންތައް ހަދައި އެ ލޯނުތައް ފަސޭހަކަމާއެކު ދެއްކޭނެ ގޮތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަޖައްސާނަން،" އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންނަށް އުފުލާ ބުރައަކަށް [ދަރަނި] ވިޔަކަ ނުދޭނަން."

މުއިއްޒު ވިދާޅުވީ ބޭކާރު ހަރަދުތައް ކުޑަކުރުމަށް ފިސްކަލް ޕޮލިސީ ގާނޫނެއް ހަދާނެ ކަމަށެވެ. އޭގެ ސަބަބުން، ބޭކާރު ހަރަދުތައް ކުޑަވެ، ސަރުކާރުން ކުރާ ހަރަދުތައް ޒިންމާދާރުކަމާއެކު ބެލެހެއްޓިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ވެސް ގިނަ ކުންފުނިތަކަކީ، މާލޭގެ މޭޔަރުކަން ކުރައްވާ މުއިއްޒު ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީން ބަޖެޓު ދީގެން ހިންގާ ތަންތަނެވެ. އޭގެ ސަބަބުން ހުރިހާ ގެއްލުމެއް ވަނީ ރައްޔިތުންނަށް ކަމަށްވާތީ، އިގުތިސޯދު ހަރުދަނާ ކުރުމުގެ މަސައްކަތުގެ ތެރެއިން އެކަން ވެސް ބަދަލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކުންފުނިތަކަކީ ރެގިއުލޭޓް ކުރެވިގެން، ކުންފުނިތަކުން އާމްދަނީ ހޯދައިގެން ބަލަހައްޓާ ސެލްފް-ސަސްޓެއިން ކުންފުނިތަކަކަށް ހެދުމަށް އެބަޖެހޭ މަސައްކަތްތަކެއް ކުރަން. އެކަން ޔަގީންކުރެވޭ ގާނޫނުތަކާއި ގަވައިދުތައް ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމާއެކު އަޅުގަނޑު ތައާރަފްކުރާނަން،" ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސޯދު އަލުން ކޮޅަށް ޖަހައި "ބުންވަރު" ހުރި އިގުތިސޯދަކަށް ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކުޅުދުއްފުށްޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީގެ ގިނަ ކަންކަން ތަންފީޒުކޮށްދިން ރަށެއް ކަމަށެވެ. އެކަމަކު، މި ފަސް އަހަރު ފެނިގެންދަނީ މި ރަށް ނިކަމެތިވެ، ބާކީވެގެންދާތަން ކަމަށް ވިދާޅުވެ، މި ރަށުގެ ރައްޔިތުންނެކޭ އެއްގޮތަށް ދިވެހިން ވެސް ޔާމީންގެ ދައުރުގައި ލިބުނު ތަރައްގީ ބޭނުންވާކަން މިހާރު އެނގިފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވަނީ ރިޔާސީ އިންތިހާބުން ހޮވިއްޖެނަމަ ކުޅުދުއްފުށީ މީހުން ބޭނުންވާ ގޮތަށް މި ސިޓީ ތަރައްގީކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

މި ރަށުގެ ބާކީ މަގުތަކުގައި ތާރު އެޅުމާއި ކުނި މެނޭޖުކުރުން އަދި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވިޔަސް، މިހާތަނަށް އެއްވެސް ކަމެއް ނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުޅުދުއްފުއްޓަކީ މި އަތޮޅުގެ ގިނަ ބަޔަކު ހިދުމަތް ހޯދާ ތަނަކަށް ވުމުން މި ސިޓީއަށް އަންނަ ތަރައްގީއަކީ އެތައް ބަޔަކަށް ލިބޭނެ ތަރައްގީއެއް ކަމަށެވެ.

އެކަން ހާސިލްކުރުމަށް ހޮސްޕިޓަލް ތަރައްގީކޮށް، އެ ތަނަކީ ވެރިރަށް މާލެއަށް ބަރޯސާ ނުވެ، ހުރިހާ ބައްޔަކަށް ފަރުވާ ލިބޭ ތަނަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެނަމަ ބޮޑެތި ހުރިހާ ބައްޔަކަށް ފަރުވާ ލިބޭ ތަނަކަށް އެ ހޮސްޕިޓަލު ހައްދަވާނެ ކަމަށެވެ. އެގޮތުން، ހިތުގެ ބަލިތަކަށް ހާއްސަ ކެތު ލެބާއެކު ޔޫރަޕްގެ ކްލިނިކްތަކާ އެމްޕެނަލް ވެގެން ހަދާ ތަނަކަށް ހަދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން، މި އަތޮޅު ކޭލަކުނު ހިމާޔަތްކޮށް "އިކޯ ޓޫރިޒަމް" ތަރައްގީކޮށް މި އަތޮޅަށް އާމްދަނީ ލިބޭނެ ގޮތް ހަދައިދިނުމަށް އޭނާ ވައުދުވެވަޑައިގެންނެވި އެވެ.

ގެދޮރުވެރިކަމުގެ ވާހަކަ އަބަދު ވެސް ދައްކާއިރު އެއީ އަސާސީ ހައްގެއް ކަމަށް އޭނާ ވިދާޅުވި އެވެ. އިޖުތިމާއީ ގިނަ މައްސަލަތަކުގެ އަސްލަކީ ހައުސިން ކަމަށްވާއިރު، ކުޅުދުއްފުށީގެ ވެސް އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަންކަން ފާހަގަކުރެއްވި އެވެ. އެކަމުގެ ވާހަކަތައް ދެއްކިއަސް އެއީ ހަމައެކަނި ގޯތި ނުވަތަ ފްލެޓު ދިނުމެއް ނޫން ކަމަށް ވިދާޅުވެ، ގެދޮރު ދިނުމަށްޓަކައި ބޭންކިން ނިޒާމުގެ ތެރެއިން އަތްފޯރާ ފަށުގައި ހައުސިން ލޯނު ތައާރަފްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، ހައުސިން ލޯނުގެ އިންޓްރެސްޓް ފަސް ޕަސެންޓަށް ކުޑަކޮށް، އިކުއިޒިޝަން ކޯސްޓް ވެސް ކުޑަ ރޭޓެއްގައި ދޫކުރާނެ ކަމަށާއި ހަދަން ފަށާފައިވާ ގެ ނިންމަން އަދި އިކުއިޒިޝަން ދެވޭނެ ވަކި ފަންޑެއް ހެދުމާއި ސަރުކާރުގެ ހިއްސާ އެޗްޑީއެފްސީގެ ފަންޑުގެ ތެރެެއިން ގެދޮރު އެޅުމަށްޓަކައި ލުއި ލޯނު ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސައިދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑިވެލޮޕްމަންޓް ބޭންކެއް ހެދުމުން ޕްރައިވެޓް ސެކްޓަރަށް ރިސޯޓު ހަދަން ފަސޭހަ ވާނެ ކަމަށެވެ.