މީހުން މަދުވެގެން ބާތިލުކުރި ފޮށިތަކަށް ރަޖިސްޓްރީ ކުރި މީހުން ވޯޓުލާ ފޮށި ބަދަލުކުރަން ފުރުސަތު
މީހުން މަދުވެގެން ބާތިލުކުރި ފޮށިތަކަށް ރަޖިސްޓްރީ ކުރި މީހުން ވޯޓުލާ ފޮށި ބަދަލުކުރަން ފުރުސަތު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބައެއް ވޯޓުފޮށިތަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ އަދަދު މަދުވުމުން، އެތަންތަނުގައި ވޯޓުފޮށި ނުބަހައްޓަން ނިންމައި، އެ ފޮށިތަކަށް ރަޖިސްޓްރީވި މީހުންނަށް އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ އެ ފޮށިތަކުގައި ރަޖިސްޓަރީކޮށްފައިވާ މީހުން، މިހާރު ފޮށި ބެހެއްޓުމަށް އިއުލާނު ކުރެވި، ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އޮންނާނެ ކަމަށެވެ.

ވޯޓުލާން ރަޖިސްޓްރީވި މީހުން މަދުވެގެން ވޯޓު ފޮށި ނުބެހެއްޓޭ ތަންތަނުގެ ތެރޭގައި 18 ރިސޯޓެއް ހިމެނެ އެވެ. އަދި ތިލަފުއްޓާއި ރާއްޖެއިން ބޭރުން ހަތަރު ފޮއްޓެއް ހިމެނެ އެވެ. އެއީ އިންޑިއާ / ނިއު ދިއްލީ އާއި ސިންގަޕޫރު، ތައިލެންޑް އަދި ޖަޕާނުގެ ޓޯކިޔޯގައި ބަހައްޓާ ފޮއްޓެވެ.

ކޮމިޝަނުން ބުނީ އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރެވޭނީ، ރަޖިސްޓްރޭޝަން ބާތިލުވި ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނަށް އެކަނި ކަމަށެވެ.

އޮންލައިންކޮށް ރަޖިސްޓްރީވުމަށް ހުށަހަޅަން ޖެހެނީ އީސީގެ ޕޯޓަލް https://form.elections.gov.mv މެދުވެރިކޮށެވެ.

ރާއްޖެއިން ބޭރުގައިނަމަ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރު ގައުމުތަކުގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް އޮފިސްތަކުންނާއި ހައިކޮމިޝަންތައް އަދި އެމްބަސީތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު އެގައުމެއްގެ ގަޑިން ހެނދުނު 10:00 އިން މެނދުރުފަހު 3:00 އަށް ކަމަށް އީސީން ބުނެ އެވެ.

އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ އެ މީހުންނަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށަށެވެ.