އުތީމު ޕްރޮފައިލް
އުތީމު ޕްރޮފައިލް

ހއ. އުތީމަކީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި ޖިހާދުގެ ތިން ބަތަލުން ނިސްބަތްވާ ރަށެވެ. މި ރަށުގެ އެންމެ ޚާއްސަ ތަނަކީ ޕޯޗްގީޒުންނާ ދެކޮޅަށް ޖިހާދުކުރެއްވުމުގައި އިސްކޮށް ހުންނެވި ބޮޑުތަކުރުފާނުގެ ގެކޮޅު ކަމަށްވާ "އުތީމު ގަނޑުވަރު" އެވެ. މިއީ 16 ވަނަ ގަރުނުގައި ބިނާކޮށްފައިވާ ތަނެކެވެ.

އުތީމު ޕްރޮފައިލް
އުތީމު ޕްރޮފައިލް

ދޮންވެލި ރީތި ގޮނޑުދޮށެއް އޮންނަ މި ރަށުގައި ބޮޑުތަކުރުފާނާއި އެ އާއިލާއާ ގުޅުން ހުރި ކިތަންމެ ތަނެއް އެބަ ހުއްޓެވެ.

ރަށުގެ އާބާދީ އަކީ 937 އެވެ. އެއީ 471 ފިރިހެނުންނާއި 466 އަންހެނުންނެވެ. އެކަމަކު ރަށުގައި ދިރިއުޅޭ މީހުންގެ އަދަދަކީ 570 އެވެ.

މި ރަށުގައި ކިޔަވައިދެނީ ގްރޭޑް 10އާ ހަމަޔަށެވެ. ކިޔަވާ ކުދިންގެ އަދަދަކީ 148 އެވެ. އެއީ ފިރިހެން 70 އަދި އަންހެން 78 އެވެ. ހުންނަނީ ދެ ސްކޫލެވެ. އެއީ މަދަރުސަތުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް އާއި ޣާޒީ ބަންޑާރައިންގެ ޕްރީސްކޫލެވެ.

ގެސްޓްހައުސްގެ ޚިދުމަތެއް އަދި މި ރަށަކު ނެތެވެ. ނަމަވެސް ކައުންސިލުން ދަނީ ގެސްޓްހައުސްގެ ވިޔަފާރި ފަށަން ތައްޔާރުވަމުންނެވެ.

އުތީމުގައި ދެ ކެފޭ އާއި 12 ފިހާރަ ހުރެ އެވެ. ސިއްހީ ހިދުމަތްތައް ދެނީ ސިއްހީ މަރުކަޒުންނެވެ. އޭޓީއެމް އަދި ބޭންކިންގެ ހިދުމަތެއް ނުލިބެ އެވެ. ފުލުހުންގެ ހިދުމަތް ގާއިމުކޮށްފައިވާ މި ރަށް ފާހަގަ ވަނީ ކުށް މަދު ރަށެއްގެ ގޮތުގަ އެވެ.

އުތީމާ އެންމެ ކައިރީގައި އޮންނަނީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ. ސްޕީޑް ލޯންޗެއްގައި 15 ވަރަކަށް މިނެޓުން މި ދެމެދު ދަތުރުކުރެވެ އެވެ. ދާދި ފަހުން ހަދާފައިވާ ބަނދަރަކާ އެކު އުތީމަށް ވަނީ އެތައް ގޮތަކުން ފަސޭހަކަން ލިބިފަ އެވެ.