މި ހަފްތާގައި ފެމިލީ ކޯޓު ދެ ފަހަރަށް ފަޅާލައި ވައްކަން ކޮށްފި
މި ހަފްތާގައި ފެމިލީ ކޯޓު ދެ ފަހަރަށް ފަޅާލައި ވައްކަން ކޮށްފި

ފެމިލީ ކޯޓުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެ މި ހަފްތާގެ ތެރޭގައި ދެ ފަހަރަށް ވައްކަން ކޮށްފި އެވެ.

ވައްކަން ކޮށްފައި ވަނީ ޖަސްޓިސް ބިލްޑިންގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ފެމިލީ ކޯޓުގެ ބައިންނެވެ.

އެ ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު ޝައްފާން "މިހާރު" އަށް ވިދާޅުވީ އެ އިމާރާތުން އެންމެ ފުރަތަމަ ވައްކަން ކުރީ ބުދަ ދުވަހުގެ ރޭ ދަންވަރު ކަމަށެވެ. އެއަށްފަހު ރޭ ދަންވަރު އަނެއްކާ ވެސް ވައްކަން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ ރޭ ދެ ތަނުން ވަދެފައި ހުރީ. ފައިސާ ގެއްލިފައި ހުރީ. ކޯޓުގެ އެއްވެސް ލިޔެކިޔުމެއް އަދި މުދަލެއް ވެސް ނުގެއްލޭ،" އޭނާ ވިދާޅުވި އެވެ.

ޝައްފާން ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށާއި ވަގަށް ނެގި ފައިސާގެ އަދަދު އެނގޭނީ މައްސަލަ ނިމުމުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ވަގަށް ނެގީ އެތަނުގެ މުވައްޒަފުން ބަހައްޓާފައިހުރި ފައިސާ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ޖަަސްޓިސް ބިލްޑިންގެ ފުރަތަމަ ފަންގިފިލާއިން ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު ހުށަހަޅާފައިވާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މީގެ ކުރިން 2017ގައި ވެސް ފެމިލީ ކޯޓުން ވައްކަން ކޮށްފައި ވެ އެވެ. އެ ފަހަރު ކޯޓު ފަޅާލައި އެ އިމާރާތުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީ، ކޯޓުގެ ހަތަރު ލެޕްޓޮޕް ވެސް ވަގަށްނެގި އެވެ.