12 އޯގަސްޓް 2023 - 15:07

އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމްއެންޕީއަށް ވެރިކަން ލިބިއްޖެ ނަމަ ފަގީރުންނާއި މުއްސަނދިންގެ ފަރަގު ނައްތާލައި ރައްޔިތުން މުއްސަނދި ކޮށްދެއްވާނެެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ކެމްޕޭނަށް ނ. ރ. އަދި ބ. އަތޮޅަުގެ 12 ރަށަކަށް ކުރެއްވި ދަތުރު ނިންމަވާލައްވައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ނާޒިމް ވިދާޅުވީ ރާއްޖޭގައި ފަގީރުންނާއި މުއްސަނދިންނާ ދެމެދު އޮތް ތަފާތުތައް ނައްތާލަން ޖެހޭ ކަމަށެވެ. އެކަން ހައްލުކުރައްވާނެ ގޮތުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އިތުރު ކަމެއް ނެތް، ރައްޔިތުން މުއްސަނދިކޮށް ފަގީރުންނާއި މުއްސަނދިންގެ ތަފާތު ކުޑަކުރަން އަޅުގަނޑު އަބަދު ވެސް ވިސްނަނީ. އަޅުގަނޑަށް ވޯޓު ދީފިއްޔާ އެކަން އަޅުގަނޑު ހާސިލްކޮށްދޭނަން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ރައްޔިތުން ތިބީ ތައުލީމަށް ފެންބޮވައިގެންފައި ކަމަށާއި ސިއްހީ ހިދުމަތްތައް ރަނގަޅުވެގެންދާނެ ދުވަހަކަށް ރައްޔިތުން އިންތިޒާރުކުރާ ކަމަށެވެ.
ސިއްހީ ހިދުމަތް މިހާރު އެންމެ ފުރިހަމައަށް ލިބެން ނެތް ރަށަރަށުގައި އެކަން ލިބޭ އިންތިޒާމުތައް އޭނާގެ ވެރިކަމެއްގައި ހަމަޖެހިގެން ދާނެ ކަމަށް ވިދާޅުވި އެވެ. ތައުލީމީ ގޮތުން ހާލަތު ރަނގަޅު ނޫން ރަށަރަށުގެ ތައުލީމު ރަނގަޅު ކުރުމަށް ވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"ދިވެހި ރައްޔިތުން ތިބީ ރަނގަޅު ތައުލީމަކަށް ފެންބޮވައިގެންފައި، ރަނގަޅު ސިއްހީ ނިޒާމަކަށް ބޭނުންވެފައި. ބޯހިޔާވަހިކަން ވެސް އެ މީހުންނަށް ވަރަށް ބޭނުންވެފައި މި ތިބީ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ވެސް މިހާރު އޮތް ހާލަތަށްވުރެ ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މި އަންނަނީ ރާއްޖެ މިއީ ލީޑިން ޑެސްޓިނޭޝަނަކަށް ހަދަން. ދަރަވަންދޫ އެއާޕޯޓު ވެސް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކުރާނަން،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަރަށް ގާތުން ރައްޔިތުން ތިބި ހާލު ފެނިއްޖެ އެވެ.
މާދަމާ ނާޒިމް އާއި ކެމްޕެއިން ޓީމު މ. ފ. ދ. ތ. އަދި ލ. އަތޮޅަށް ފުރައިވަޑައިގެންނަވާނެ އެވެ. އެއަށްފަހު ހުވަދު އަތޮޅުގެ އިތުރުން ފުވައްމުލަކާއި އައްޑޫއަށް ވަޑައިގަންނަވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.