12 އޯގަސްޓް 2023 - 16:35

އެމްއެންޕީގެ ވެރިކަމެއްގައި މިޔަރުގެ މަސްވެރިކަމާއި ލޭނުގެ މަސްވެރިކަން ވެސް ހުޅުވާލައި ފައިދާ ހޯދައިދިނުމުގެ މަގު ފަހިކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. ރ. ބ އަތޮޅުގެ 12 ރަށަކަށް ކުރެއްވި ކުރެއްވި ކެމްޕެއިން ދަތުރު ނިންމަވާލައްވައި މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އެ ރަށްރަށުގެ މަސްވެރިންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
އޭގެ ތެރެއިން އެއް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ލޭނުގެ މަސްވެރިކަން ތައާރަފު ކޮށްދިނުމެވެ.
"އަޅުގަނޑުމެން ވާނީ އެމްއެންޕީގެ މެނިފެސްޓޯގައި ވެސް އެކަން ހިމަނާފައި. މިޔަރު މަސްވެރިކަމާއި ލޭނު މަސްވެރިކަން އަޅުގަނޑު އިރާދަކުރެއްވިއްޔާ ހުޅުވާލައި ތިބޭފުޅުންނަށް މިޔަރު މަސްވެރިކަން ލިބޭ ނަފާ ހޯދައިދޭނެ. މި ޕާޓީގެ ވެރިކަމެއްގައި އެކަން ކުރާނަން،" ދަނގެތި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވި އެވެ.
ރައްޔިތުންނަށް ހައްގު ވަރަކީ ހަމައެކަނި ދޮށި ހިފައިން މަސްބާނަ ބާނަން ތިބުން ނޫން ކަމަށާއި އާމްދަނީ ލިބޭނެ ގޮތްތައް ފަހިކޮށްދޭން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އެމްއެންޕީގެ ވެރިކަމެއްގައި ލޭނުގެ މަސްވެރިކަން ކުރެވޭނެ ސަރަހައްދެއް ކަނޑައަޅައި ކޮންމެ އަހަރަކު ހަތަރު މަސް ދުވަހު މިޔަރުގެ މަސްވެރިކަން ކުރެވޭނެ އުސޫލެއް ވެސް ތައާރަފ ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެ މަސައްކަތްތަކަށް ފަހިވުމުގެ ސަބަބުން އެކަން ކުރާ މީހުންނަށް ނަފާ ލިބޭނެ ނާޒިމް ވިދާޅުވި އެވެ.
ރޭ ރ. ދުވާފަރުގައި ބޭއްވި "އުޖާލާ ޒަމާން" ޖަލްސާގައި ވެސް ނާޒިމް ވަނީ އެމްއެންޕީގެ ވެރިކަމެއްގައި މަސްވެރިކަމަށް ގެންނާޏެ ބައެއް ބަދަލުތައް ވިދާޅުވެފަ އެވެ.
މަސްވެރިންނަށް އިންސްޓޯލްމެންޓަށް ޒަމާނީ މަސްދޯނި ފަހަރު ބަނުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށާއި ނާޒިމްގެ ސަރުކާރުގައި މަހުގެ އަގަކީ 22ރ. ކަމަށް ހަމަޖައްސާނެ ކަމަށް ވިދާޅުވެ އެ ކަމަށް އޭނާ ވައުދުވެވަޑައިގަތެވެ.